މިއަހަރު ރާއްޖެއިން ޙައްޖަށް ދިޔަ ޙައްޖުވެރިއަކަށް ފުއްޕާމޭގެ އުނދަގޫތަކެއްވެގެން ފަރުވާ ދެމުންދާކަމަށާއި ހައްޖުވެރިއާގެ ހާލު ރަނގަޅުކަމަށް ހައްޖުކޯޕަރޭޝަނުން ބުނެފިއެވެ.
މިމަހުގެ 7 ވަނަ ދުވަހު ޙައްޖުވެރިން ގޮވައިގެން އައި ފްލައިޓްގައި ދިޔަ އުމުރުން 54 އަހަރުގެ އެ ފިރިހެން މީހާއަށް ސިއްޙީ މައްސަލައެއް ދިމާވެގެން އިމަޖެންސީގައި މެޑިކަލް ފެސިލިޓީއަށް ގެންދިޔައީ ދިވެހި ޙައްޖުވެރިން ތިބޭ ހޮޓަލްގެ ކްލިނިކަށް ދެއްކުމަށްފަހު މިއަދު ހެނދުނުގެ ވަގުތެއްގައެވެ. އޭނާ ކްލިނިކަށް ދެއްކީ ނޭވާލާން އުނދަގޫވުމުގެ ސަބަބުންނެވެ. ޙައްޖުވެރިޔާގެ ބަލި ހާލަތު އިތުރަށް ގޯސްވިޔަ ނުދިނުމަށްޓަކައި ހޮޓަލާ ކައިރީގައި ހުރި މެޑިކަލް ފެސިލިޓީއަށް ގެންދިޔުމަށްފަހު އިތުރު ފަރުވާއަށް ކިންގް ޢަބްދުއްޢަޒީޒް ހޮސްޕިޓަލަށް ބަދަލުކޮށް އެޑިމިޓްކޮށްފައި ވަނީ ހެނދުނު 11:40 ހާއިރުގައެވެ. ބަލި މީހާ ގޮވައިގެން މެޑިކަލް ފެސިލިޓީއަށާއި ހޮސްޕިޓަލަށް ގެންދިޔުމުގައިވެސް ދިވެހި ޑޮކްޓަރަކާއި ނަރުހުން ވަނީ ހަރަކާތްތެރިވެފައެވެ.
ޑޮކްޓަރުންގެ ޓީމުން މަޢުލޫމާތު ދިންގޮތުގައި އެ ހާޖީގެ ފުއްޕާމޭގައި ފެން ހެދިފައިވާއިރު އޭނާއަކީ ހިތުގެ ބަލި ހުންނަ މީހެއްކަމަށާއި ސިއްޙީ އިތުރު މައްސަލަތައް ވެސް ކުރިމަތިވެފައިވާ މީހެއްކެވެ. އަދި މިހާރު ކިންގް އަބްދުއްޢަޒީޒް ހޮސްޕިޓަލުގައި އެޑްމިޓްކޮށްގެން ފުއްޕާމޭގެ ބައްޔަށް ފަރުވާ ހޯދަމުން ގެންދާކަމަށް ޑޮކްޓަރުންގެ ޓީމުން މަޢުލޫމާތުދެއްވައެވެ.
މިކަމާ ގުޅޭގޮތުން ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކެޓަރ މުޙައްމަދު ޝަކީލް ވިދާޅުވީ ބަލިމީހާ މެޑިކަލް ފެސިލިޓީއަށާއި ހޮސްޕިޓަކަލަށް ގެންދިޔުމުގައި ސައުދީ ސަރުކާރުން ބޮޑު އެހީތެރިކަމެއް ފޯރުކޮށްދިންކަމަށެވެ. އެގޮތުން ގާތްގަޑަކަށް 3 މިނެޓްގެ ތެރޭގައި އެމްބިއުލާންސްގައި މެޑިކަލް ފެސިލިޓީއަށް ގެންދެވުނުކަން ޝަކީލް ފާހަގަކުރެއްވިއެވެ. ޝަކީލް ވިދާޅުވީ ޙައްޖުވެރިޔާގެ ހާލު ރަނގަޅުކަމަށާއި ހާލަތު ގޯސް ނޫންނަމަ 2 ދުވަސް ތެރޭގައި ދޫކޮށްލާނެކަމަށެވެ.
"މައްކާގައި ތިބޭއިރު ވީހާވެސް ގިނައިން ލޮނުޕެކެޓްއާއި ދިޔާތަކެތި ބޭނުން ކުރުމަށް އިލްތިމާސްކުރަން. ވަރަށް ހޫނު ގަދަ ދުވަސްވަރަކަށް ވުމާއެކު ސިއްޙީގޮތުން ރަނގަޅު ހާލަތެއްގައި ހުރެގެން ނޫނީ ޙައްޖުގެ އަޅުކަން ފުރިހަމަ ގޮތުގައި އަދާކުރުމަށް އުނދަގޫވާނެ." މުޙައްމަދު ޝަކީލް ވިދާޅުވިއެވެ.
ޝަކީލް ވިދާޅުވީ 1150 ޙައްޖުވެރިންގެ ސިއްޙީ ކަންކަން ބެލެހެއްޓުމަށްޓަކައި 5 ޑޮކްޓަރުންނާއި 6 ނަރުހުން ހަރަކާތްތެރިވަމުންދާނެކަމަށެވ. އަދި އެއްވެސް ހާލަތެއްގައި އެއްވެސް ހާޖީއަކު ބަލިވެގެން ކްލިނިކަށް އަންނަ ހިސާބުން ފެށިގެން އިމަޖެންސީ ހާލަތެއްގައި މެޑިކަލް ފެސިލިޓީއަށް ގެންދަން ޖެހޭކަމަށް ޤަބޫލުކުރެވޭ ހިސާބުން އެކަމަކަށް އެޓެންޑްވާނެކަމަށެވެ. އަދި މިކަން ކުރުމުގައި ސައުދީ ސަރުކާރުންވެސް ރަނގަޅު އިންތިޒާމްތަކެއް ހަމަޖައްސާފައިވާކަމަށް ޝަކީލް ވިދާޅުވިއެވެ.
ސަޢުދީޢަރަބިއްޔާގެ ސަރުކާރުން ވަނީ ސިއްހީ ކުއްލި ޙާލަތަށް ތައްޔާރުވުމުގެ ގޮތުން ޙަރަމްފުޅު ކައިރީގައި ޚާއްސަ މެޑިކަލް ފެސިލިޓީތަކެއް ޤާއިމްކޮށްފައެވެ. އަދި އެމްބިއުލާންސްގެ ޚިދުމަތްވެސް ޙަރަމްފުޅު ކައިރީގައި ޤާއިމްކޮށްފައިވެއެވެ.