މިފަހަރު ރާއްޖެއިން ހައްޖަށް ދިޔަ ހައްޖުވެރިންތެރެއިން ހާލު ދެރަވި ހައްޖުވެރިޔާގެ ހާލު އަންނަނީ ރަނގަޅުވަމުންކަމަށް ހައްޖު ކޯޕަރޭޝަނުން ބުނެފިއެވެ.
ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަކީލް ވިދާޅުވީ ހައްޖު ކޯޕަރޭޝަން ހަވާލުގައި މައްކާގައި ހުރި ހައްޖުވެރިއަކަށް ސިއްހީ ކުއްލި ހާލަތެއް ދިމާވުމާއި ގުޅިގެން ސައުދީ އަރަބިއްޔާގެ މެޑިކަލް އިމަޖެންސީ ސެންޓަރެއްގައި ފަރުވާ ދިނުމަށްފަހު ކިންގް އަބްދުލްއަޒީޒް ހޮސްޕިޓަލަށް ބަދަލުކޮށް އެޑްމިޓް ކުރެވިފައިވާކަމަށެވެ. އަދި ހައްޖުވެރިޔާގެ ހާލު ރަނގަޅުވަމުން އަންނަކަމަށް ޑޮކްޓަރު މައުލޫމާތު ދެއްވާފައިވާކަމަށްވެސް ޝަކީލް ވިދާޅުވިއެވެ.
ރާއްޖެއިން މިއަހަރު 1150 މީހުން ހައްޖުގެ އަޅުކަމަށްދާއިރު، ހައްޖާޖީންގެ ކަންކަން ވަރަށް ގާތުން ބައްލަވަމުން ގެންދަވާކަމަށް ސަރުކާރުން ވިދާޅުވެއެވެ،