މުނިފޫހިފިލުވުން

މޯލްޑިވިއަން އައިޑަލް ސީޒަން 2 - ޓައިޓްލް ސްޕޮންސަރަކަށް ދިރާގު


ފްރެންޗައިޒް އުސޫލުން ރާއްޖޭގައި މިހާތަނަށް ބޭއްވި އެންމެ އަގުބޮޑު ރިއަލިޓީ ޝޯވ މޯލްޑިވިއަން އައިޑަލްގެ ސީޒަން 2 ގެ ޓައިޓްލް ސްޕޮންސަރަކަށް ދިރާގު ހަމަޖައްސައިފިއެވެ.

މިއަދު ޕީއެސްއެމްގެ ޓީވީ މޯލްޑިވްސްގައި ބޭއްވި ރަސްމިއްޔާތެއްގައި މޯލްޑިވިއަން އައިޑަލްގެ ޓައިޓްލް ސްޕޮންސަރަކަށް ދިރާގު ހަމަޖައްސަވާ، އެކަމާއި ގުޅޭ އެއްބަސްވުމުގައި ދިރާގާއި ޕީއެސްއެމްގެ ފަރާތުން ވަނީ ސޮއިކުރައްވާފައެވެ. މިއެއްބަސްވުމުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލެވެ. ދިރާގުގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ރަޝީދުއެވެ. މޯލްޑިވިއަން އައިޑަލް ސީޒަން 2 ގެ ޓައިޓްލް ސްޕޮންސަރަކަށް ދިރާގު ހަމަޖެއްސެވިއިރު، ފުރަތަމަ ސީޒަންގެ ޓައިޓްލްވެސް ސްޕޮންސަރކޮށްފައި ވަނީ ދިރާގުންނެވެ. 

ސްޕޮންސަރޝިޕް އެއްބަސްވުމުގައި ސޮއިކުރެއްވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ޕީއެސްއެމްގެ މެނޭޖިންގ ޑިރެކްޓަރ އިބްރާހިމް ޚަލީލް ވިދާޅުވީ މޯލްޑިވިއަން އައިޑަލް ސީޒަން 2 ގައި އެންމެ އިސްކަމެއްދެއްވަނީ ޝޯވގެ ކޮލިޓީ ހިފެހެއްޓުމަށްކަމަށެވެ. އަދި އައިޑަލްގެ 3 ސީޒަން ނިމިގެންދާއިރު ރާއްޖޭގެ ލަވަކިއުމުގެ ދާއިރާއަށް ތިރީސް ފަންނާނުން ނެރުމަކީ ޝޯވގެ އަމާޒެއްކަމަށް ޚަލީލް ވިދާޅުވިއެވެ. 

img:http://s2.psmnews.mv/images/660x400/14629517087072.jpg|މޯލްޑިވިއަން އައިޑަލް ސީޒަން 2 ސްޕޮންސަރޝިޕް އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން / ފޮޓޯ: ޕީއެސްއެމް

ދިރާގުގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ އިސްމާއިލް ރަޝީދު ވިދާޅުވީ ދިރާގުން މިފަދަ ބޮޑެތި ޝޯވތައް ސްޕޮންސަރކުރަނީ ވިޔަފާރިއަށް ނޫންކަމަށާއި، މިއީ ދިރާގުގެ ސީއެސްއާރު ޕްރޮގްރާމްގެ ދަށުން ޒުވާނުންގެ ކުރިއެރުމަށް ހިތްވަރުދެއްވުމުގެ ގޮތުން ކުރައްވާކަމެއްކަމަށެވެ. އަދި ކުރިއަށް އޮތްތާނގައިވެސް ޕީއެސްއެމްއާއެކު ޒުވާނުންގެ ކުރިއެރުމަށް ހިންގަވާ ކަންކަމުގައި ދިރާގުގެ އެއްބާރުލުން ދެއްވާނެކަމަށް އިސްމާއިލް ރަޝީދު ވިދާޅުވިއެވެ.

މޯލްޑިވިއަން އައިޑަލް ސީޒަން 1 ގެ ޕްރޮޖެކްޓް މެނޭޖަރ، ޕީއެސްއެމްގެ ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިމިނަތު ޝާޔަން ޝާޙިދު ވިދާޅުވީ ފުރަތަމަ ސީޒަންގައި ފާހަގަކުރެވިފައިވާ ކަންކަން އިތުރަށް ފުރިހަމަކުރުމަށްފަހު، އައިޑަލްގެ ދެވަނަ ސީޒަނުން ފެންވަރު ރަނގަޅު ޝޯވތަކެއް ފެނިގެންދާނޭކަމަށެވެ. އަދި މޯލްޑިވިއަން އައިޑަލްގެ ސީޒަން 2 ގެ އޮޑިޝަންތައް މިއަހަރު ފަހުކޮޅު ފެށުމަށް ހަމަޖެހިފައިވާކަމަށާއި، ރާއްޖޭގެ ގިނަ ސަރަޙައްދުތަކެއްގައި އޮޑިޝަންތައް ބޭއްވެވުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ޝާޔަން ވިދާޅުވިއެވެ. 

މޯލްޑިވިއަން އައިޑަލްގެ ސީޒަން 1 ނިންމާލިއިރު، މިޝޯވ ވެގެންދިޔައީ ރާއްޖޭގެ ހުރިހާ އުމުރުފުރައެއްގެ މީހުންގެ ބޮޑު ތަރުހީބެއް ލިބިގެންދިޔަ ޝޯވއެކެވެ. އަގުހުރި އިނާމްތަކަކާއެކު މޯލްޑިވިއަން އައިޑަލް ސީޒަން 1 ކާމިޔާބުކޮށްފައިވަނީ ލައިޝާ ޖުނައިދުއެވެ.