ޚަބަރު

ޖަޕާނުގެ ޓްރެވަލް އެޖެންޓުންގެ ވެބިނާއެއްގައި ރާއްޖެ އިޝްތިހާރުކޮށްފި


  • މިއީ ޖަޕާން އެސޯސިއޭޝަން އޮފް ޓްރެވަލް އޭޖެންޓުންގެ ކައުންސިލަކުން ބޭއްވި ވެބިނާއެއް

  • އެމްއެމްޕީއާރުސީން ވަނީ އެންމެ ފަހުގެ ޕްރޮމޯޝަންތައް ހިއްސާކޮށްފައި

  • ޖަޕާނުން ރާއްޖެއަށް އަންނަ ފަތުރުވެރިން އިތުރުކުރުމަށް ގިނަ މަސައްކަތްތަކެއް ކުރޭ

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ޖަޕާނުގެ ޓްރެވަލް އެޖެންޓުންގެ ވެބިނާއެއްގައި މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުސީން ބައިވެރިވެއްޖެއެވެ.

ޖަޕާން އެސޯސިއޭޝަން އޮފް ޓްރެވަލް އެޖެންޓުން، ޖާޓާގެ ސެލްއެއްކަމަށްވާ ޖަޕާން އައުޓްބައުންޑް ޓޫރިޒަމް ކައުންސިލް، ޖޭއޯޓީސީން ބާއްވާ ސިލްސިލާ ވެބިނާތަކުގައި ރާއްޖޭގެ އެންމެ ފަހުގެ ޕްރޮމޯޝަންތަކާއި އަޕްޑޭޓްތައް އެމްއެމްޕީއާރުސީން ވަނީ ހިއްސާކޮށްފައެވެ. ޖޭއޯޓީސީގެ މަސައްކަތަކީ ބައިނަލްއަގްވާމީ ޖަމިއްޔާތަކާއި، ޓްރެވަލް އެންޑް ޓޫރިޒަމް މިނިސްޓްރީތަކާއި ޑީއެމްއޯތަކާ އެކު ޖާޓާގެ މުވާސަލާތާއި އެއްބާރުލުން ހަރުދަނާކުރުމެވެ.

"ޑެސްޓިނޭޝަން މޯލްޑިވްސް"އިން ވަނީ މިސިލްސިލާގެ ފުރަތަމަ ސެޝަންގައި ރާއްޖޭގެ ފަތުރުވެރިކަމުގެ އެންމެ ފަހުގެ މައުލޫމާތާއި ދަތުރުފަތުރުގެ ގައިޑްލައިންތައް ހިއްސާކޮށްފައެވެ.

ހަތަރު ވެބިނާގެ މިސިލްސިލާގެ މަޤުސަދަކީ ފަތުރުވެރިކަމުގެ އެކި މަންޒިލްތައް ޖަޕާނުގެ ދަތުރުފަތުރުގެ ވިޔަފާރިއަށް ޕްރޮމޯޓް ކުރުމެވެ.

ޖަޕާނުގެ ދަތުރުފަތުރުގެ ސިނާއަތުގެ ހަރަކާތްތެރިވާ 300 އެއްހާ މަންދޫބުންނާއި މީޑިއާއަށް އަމާޒުކޮށްގެން ކުރިއަށް ގެންދިޔަ މިވެބިނާގެ ސެޝަން ބާއްވާފައިވަނީ ޒޫމް މެދުވެރިކޮށެވެ. މިއީ 25 މިނެޓުގެ ސެޝަނެކެވެ.

ކޯވިޑުގެ ފަހުން ޖަޕާނުން ރާއްޖެ އަންނަ މީހުންގެ އަދަދު އަހަރުން އަހަރަށް ދަނީ އިތުރުވަމުންނެވެ. އެޤައުމުން އަންނަ ފަތުރުވެރިންގެ އަދަދުތައް އިތުރުކުރުމަށް އެމްއެމްޕީއާރުސީން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެގޮތުން ޖަޕާނުގައި 'ހައ-ިއެންޑް ޑެސްޓިނޭޝަނެއް'ގެ ގޮތުގައި ރާއްޖެ ޕްރޮމޯޓްކުރުމާއި ރާއްޖޭގެ އެކިއެކި އުފެއްދުންތަކާއި ތަޖުރިބާތަކަށް ވަކިވަކިން ފޯކަސްކޮށްގެން އިޝްތިހާރުކުރުމާއި ޕްރޮމޯޓްކުރުންވެސް ހިމެނެއެވެ. އަދި ޖަޕާނުގައި ބާއްވާ ޓްރެވަލް އެކްސްޕޯ ޖަޕާން، ޓީއީޖޭގައި ބައިވެރިވެ، ދިވެހިރާއްޖޭގެ ހިތްގައިމުކަން އެ މާކެޓުގެ ފަތުރުވެރިންނަށް ދައްކާލުމަށްވެސް ރާވާފައިވާ ކަމަށް އެމްއެމްޕީއާރުސީން ބުނެއެވެ.