ޚަބަރު

ރައީސްގެ ޚާރިޖީ ސިޔާސަތު: ސިޔާސީ ލީޑަރުންނަށް މިސާލެއް


  • އެއްވެސް ޤައުމަކާމެދު ހަސަދަވެރިކަމެއް ނުބާއްވާނެކަމަށް ވަނީ ވިދާޅުވެފައި

  • ހުރިހާ ޤައުމަކާއިވެސް ރަހުމަތްތެރިކަން ބާއްވާނެކަމަށް ވަނީ ވިދާޅުވެފައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރާއްޖޭގެ ޒައާމަތާއި ހަވާލުވެވަޑައިގަތުމަށް އެންމެ އިސްކަމެއް ދެއްވި އެއް މަސައްކަތަކީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ހަރުދަނާކުރެއްވުމުގެ މަސައްކަތެވެ. ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ދިވެހި ރައްޔިތުންނާއި މުހާތަބްކުރައްވާ ދެއްކެވި ފުރަތަމަ ވާހަކަފުޅުގައިވެސް އެމަނިކުފާނު ވަނީ ރާއްޖޭގެ ޚާރިޖީ ސިޔާސަތު ބައްޓަން ވެފައި އޮންނާނެ ގޮތުގެ ތަސައްވުރު ހާމަކޮށްދެއްވާފައެވެ. އެގޮތުން އެމަނިކުފާނުގެ ސަރުކާރުގެ ސިިޔާސަތު ބިނާވާނީ ދިވެހި ރައްޔިތުންނަށް އެންމެ މަސްލަހަތު ހުރި ގޮތަށްކަމަށާއި، އެއްވެސް ޤައުމަކާއި ހަތުރުވެރިކަމެއް އަދި ހަސަދަވެރިކަމެއްވެސް ނުބާއްވާނެކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

"ދިވެހި ސަރުކާރުގެ ސިޔާސަތު ބިނާވާން ވާނީ، ދިވެހި ރައްޔިތުންނަށް އެންމެ މަސްލަހަތު ހުރި ގޮތުގެ މައްޗަށް. އަޅުގަނޑަކީ ދިވެއްސެއް. އަޅުގަނޑަށް ދިވެހި ރައްޔިތުން އަންނަނީ، ލިސްޓުގެ އެއްވަނައަށް. ފުރަތަމަޔަށް. އެހެން ޤައުމެއްގެ ބަޔަކު އަންނާނީ، އޭގެ ފަހަތަށް. އަޅުގަނޑު ޤައުމުތަކާ ރަޙްމަތްތެރިވާނަން. ހަތުރުވެރިކަމެއް، ހަސަދަވެރިކަމެއް ނުބާއްވާނަން. އަވަށްޓެރީންނާއި ދުރު ހިސާބުތަކުގެ ޤައުމުތަކަށްވެސް އިޙްތިރާމުކުރާނަން. އެކަމަކު އަޅުގަނޑު އަބަދުވެސް ދިވެހި ރައްޔިތުންގެ މިނިވަންކަމާއި، ސިޔާދަތީ ރަތް ރޮނގު ފިސާރި ފަލަކޮށް ދަމާނަން. އެއީ ކޮންމެ ޤައުމެއްގައިވެސް އޮންނާނެ ރަތް ރޮނގެއް. އޮންނަންވާނެވެސް ރޮނގެއް" މަޤާމުގެ ހުވާ ކުރެއްވި ދުވަހު ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ވައުދާއި އެއްގޮތަށް އެމަނިކުފާނު ގެންދަަވަނީ ހަރުދަނާ ގޮތެއްގައި ޚާރިޖީ ސިޔާސަތު ބައްޓަންކޮށް، ތަންފީޒުކުރައްވަމުންނެވެ. ވަކި ޤައުމަކަށް ބަރޯސާވުމުގެ ބަދަލުގައި، ރާއްޖެއާ ގާތްގުޅުމެއް ބާއްވާ ހުރިހާ ޤައުމަކާއި އެކުވެސް އެމަނިކުފާނު ގެންދަވަނީ ގާތް ގުޅުންތަކެއް ބާއްވަވަމުންނެވެ. އިންޑިއާގެ ބޮޑުވަޒީރު ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް އެމަނިކުފާނު ވަޑައިގަތުމުން ބައެއް ފަރާތްތަކުން ފާޑުކީ ނަމަވެސް، މީގެކުރިން ވެރިކަން ކުރެއްވި ހުރިހާ ރައީސުންވެސް ވަނީ އިންޑިއާއާއެކު ގާތް ގުޅުންތަކެއް ބާއްވާފައެވެ. ރައީސް މައުމޫން، ރައީސް ނަޝީދު، ރައީސް ވަހީދު، ރައީސް ޔާމީން އައި ރައީސް ސާލިހުގެ ވެރިކަމުގައިވެސް އެކަން ހިނގާފައި އޮތީ އެ އުސޫލުންކަން ތާރީހުން ފެނެއެވެ. ކޮންމެ ބޭފުޅަކުވެސް ވަނީ އިންޑިއާއަށް ރަސްމީ ދަތުރުފުޅުތައް ކުރައްވާފައެވެ. އަދި އެ ޤައުމުގެ އެންމެ އިސްވެރިންނާއި ބައްދަލުކުރައްވާއި، އެކި ދާއިރާތަކުން ގުޅުންތައް އިތުރަށް ބަދަހިކުރުމަށް އޮތީ މަސައްކަތްކުރައްވާފައެވެ.

އިންޑިއާއާއި ރާއްޖެއަކީ ހަތުރުންކަމަށް ދައްކަން ބަޔަކު މަސައްކަތްކުރިނަމަވެސް، އިންޑިއާއަކީ ރާއްޖޭގެ ތަރައްޤީއާއި ކުރިއެރުމުގައި މުހިއްމު ދައުރެއް އަދާކޮށްފައިވާ ޤައުމެކެވެ. ދޭދޭ ޤައުމުތަކުގެ މެދުގައި ނުތަނަވަސްކަން އުފެދޭ ހާލަތްތައް މެދުވެރިވިނަމަވެސް. ހަރުދަނާ ސިޔާސީ ބޭފުޅުންނަކީ މަޝްވަރާގެ އުސޫލުން މައްސަލަތައް ހައްލުކުރައްވާ ބޭފުޅުންނެވެ. އެގޮތުން އިންޑިއާއާ ރާއްޖެއާ ދެމެދު އޮތް މިދިޔަ ވެރިކަމުގެ ދުވަސްވަރު އުފެދުނު ނުތަނަަވަސްކަން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ވަނީ ނިމުމަކަށް ގެނެސްފައެވެ. ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ އެ ޤައުމަށް ފޮނުވާލެއްވީ ދެ ޤައުމުގެ ދެމެދުގައި ބޭއްވި މަތީ ފަންތީގެ މަޝްވަރާތަކަށްފަހުއެވެ. މިއީވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ލީޑަރޝިޕްގެ ހަރުދަނާކަން ހާމަވެގެންދިޔަ މަންޒަރެެކެވެ.

އެހެން ރައީސުންނާއި ޚިލާފަށް ރައީސް މުއިއްޒުއަކީ ވަކި ޤައުމަކަށް ނިސްބަތްކޮށް ބަދުބަސްތައް ވިދާޅުވާ ބޭފުޅެއް ނޫންކަން އެމަނިކުފާނު އެ ގެންދަވަނީ ސާބިތުކޮށްދެއްވަމުންނެވެ. ވަކި ޤައުމެއް ބާކީކޮށް، ވަކި ޤައުމެއް ގާތް ނުކުރައްވާނެކަންވެސް ދަނީ ސާބިތުކޮށްދެއްވަމުންނެވެ. އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީ ހުވާކުރެއްވުމުގެ ރަސްމިއްޔާތަށް ރައީސުލްޖުމްހޫރިއްޔާ ވަޑައިގަތުމަކީ އެމަނިކުފާނުގެ ޝަހުސިއްޔަތުގެ ހަރުދަނާކަމާއި ދިވެހިރާއްޖޭގެ ޚާރިޖީ ސިިޔާސަތުގެ ކާމިޔާބީ ދައްކުވައިދޭ މިސާލެކެވެ. ވެރިކަމާއި ހަވާލުވެވަޑައިގަތް ދުވަހު ވިދާޅުވި ފަދައިން، އެއްވެސް ޤައުމަކާމެދު ހަސަދަވެރިކަމެއް ނުވަތަ ރުޅިވެރިކަމެއް ނުބާއްވާނެކަމަށް ވިދާޅުވެ ވެވަޑައިގެންނެވި ވައުދު ފުއްދަވަމުންދާކަމުގެ އަލި ގަދަ ހެއްކެކެވެ.