ޚަބަރު

ހިޔާ ފައިނޭންސިންގައި އެމްއައިބީން ބައިވެރިވުމަކީ ލޯން ދޫކުރުމަށް ލިބޭ ބާރެއް: ޑރ.ޙައިދަރު


  • އިންޓްރެސްޓް ކުޑަކޮށް ލޯން ދިނުމަށް އިސްލާމިކް ބޭންކުން އެހީތެރިކަން ފޯރުކޮށްދޭނީ އެސްޑީއެފްސީއާއި ގުޅިގެން

މޯލްޑިވްސް އިސްލާމިކް ބޭންކާއެކު، ބޯހިޔާވަހިކަން ކަށަވަރުކުރުމަަށް ކުޑަ އިންޓްރެސްޓެއްގައި ރާއްޖޭގެ ހުރިހާ ސަރަޙައްދަކަށް ލޯން ދޫކުރުމަށް އިތުރު ފަސޭހައަކަށް ވެގެންދާނެކަމަށް ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު ވިދާޅުވެއްޖެއެވެ.

5 އިންސައްތައަށްވުރެ ކުޑަ އިންޓްރެސްޓެއްގައި ދިގު މުއްދަތަކުން ދައްކާ ޚަލާސްކުރެވޭނެ ފަދަ ލޯނެއް ތަޢާރަފްކޮށްދެއްވުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވަޢުދެކެވެ.

ހިޔާވެހި ފައިނޭންސިން ފަހުމުނާމާގައި މޯލްޑިވްސް އިސްލާމިކް ބޭންކާއެކު ސޮއިކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ގެދޮރުވެރިކަމާއި ބިމާއި ޢުމްރާނީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު ވިދާޅުވީ މިފަދަ ސްކީމެއްގެ ދަށުން ރައްޔިތުންނަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި އެމްއައިބީއިން ބައިވެރިވާކަމީ އެކަމާ އުފާކުރައްވާކަމެއްކަމަށެވެ. އަދި މި ލޯން ރައްޔިތުންނަށް ފޯރުކޮށްދިނުމުގައި އެމްއައިބީއިން މަސައްކަތްކުރާނީ އެސްޑީއެފްސީއާއެކުގައިކަމަށްވެސް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ކުރިމަތިވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ގެދޮރުވެރިކަން ކަމަށާއި، ލޯން ސްކީމް މަޝްރޫޢަކީ އެމައްސަލައަށް ލުއިފަސޭހަ ޙައްލެއް ގެނެސްދެއްވުމަށް ރައީސް ޢިއުލާންކުރެއްވި މަޝްރޫޢެއްކަމަށެވެ.

"އެމްއައިބީއާއި ހައުސިންގ މިނިސްޓްރީއާއި ދެމެދު އެމްއޯޔޫއެއްގައި ސޮއިކުރީމި ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކޮށްފައިވާ ލުއި ލޯން ސްކީމްގެ ބައިވެރިއެއްގެ ގޮތުގައި މޯލްޑިވްސް އިސްލާމިކް ބޭންކް އަޅުގަނޑުމެނަށް އެހީތެރިކަން ފޯރުކޮށްދިނުމަށް. މާލެ އާއި ރާއްޖޭހެ ހުރިހާ ސަރަޙައްދެއްގައި ދޫކުރާ ލޯންތަކުގައި އެމްއައިބީއިން އަޅުގަނޑުމެނަށް އެހީތެރިވެދޭނެ އެސްޑީއެފްސީއާއި ގުޅިގެން." ވަޒީރު ވިދާޅުވިއެވެ.

މިރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އެމްއައިބީގެ ސީއީއޯ މުފައްޒަލް އިދްރީސް ކުމްރީ ވިދާޅުވީ، ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ މިހާ ބޮޑު ޚިދުމަތެއްގައި ބައިވެރިވުމުގެ ފުރުސަތު ލިބިގެންދިޔުމަކީ ފަޚުރުވެރިވާކަމެއް ކަމަށެވެ. އަދި ރައްޔިތުންނަށް އެންމެ ފަސޭހައިން މި ލޯނުތައް ލިބޭނެ އިންތިޒާމު ހަމަޖައްސަވާދެއްވުމަށް މަސައްކަތްކޮށްދެއްވާނެކަމުގެ ޔަގީންކަން މުފައްޒަލް އިދްރީސް ވަނީ ދެއްވާފައެވެ.

"ރާއްޖޭގައި އޮތް ނިޒާމު އިތުރަށް ހަރުދަނާވެ މީހުން ބޭންކްތަކަށް ދައްކަންޖެހޭ ފައިސާ ވަގުތުން ވަގުތަށް ދެއްކުމުގެ އާދައެއް އަށަގަނެއްޖެނަމަ، ރޭޓުތައް ކުޑަކޮށް ދިނުމަށް މަގުފަހިވާނެ. ސަރުކާރުންވަނީ އެޔަގީންކަން ދެއްވާފައި." މުފައްޒަލް ވިދާޅުވިއެވެ.

ގެދޮރުވެރިކަން ކަށަވަރުކުރުމަށް ކުޑަ އިންޓްރެސްޓެއްގައި ލޯނު ހަމަޖެހިގެން ދިޔުމަކީ ބޯހިޔާވަހިކަމުގެ މައްސަލައަށް ޙައްލެއް ހޯދުމަށް ރައްޔިތުންނަށް ދެވޭ ބާރެއްކަމަށް ސަރުކާރުން ދެކެއެވެ. ސަރުކާރުގެ ހިޔާ ފައިނޭންސިން ސްކީމްގެ ދަށުން ދެކެޓަގަރީއަކުން ލޯނު ދޫކުރުމަށްވަނީ ހަމަޖެހިފައެވެ. އެއީ މާލެ ސަރަޙައްދާއި ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ އަރބަން ސެންޓަރުތަކަށް ޚާއްސަކޮށްގެން ދޫކުރާ ލޯންގެ އިތުރުން އެނޫން ސަރަޙައްދުތަކުގައި ދިރިއުޅޭ ފަރާތްތަކަށް ދޫކުރާ ލޯން ސްކީމްގެ ކެޓަގަރީއެވެ.

މީގެ ދަށުން މާލެ ސަރަޙައްދާއި އަރބަން ސެންޓަރުތަކަށް ދޫކުރުމަށް ހަމަޖެހިފައިވަނީ 3 މިލިއަން ރުފިޔާއާއި ހަމައަށެވެ. އަދި އެނޫން ސަރަޙައްދުތަކަށް 1 މިލިއަން ރުފިޔާ ދޫކުރުމަށް ހަމަޖެހިފައިވާއިރު މިދެ ކެޓަގަރީއިންވެސް ލޯން ދައްކާ ޚަލާސްކުރަންޖެހޭ މުއްދަތަކީ 25 އަހަރަށް ބަހާލައިގެންކަމަށް ސަރުކާރުންވަނީ ވިދާޅުވެފައެވެ.