ކުޅިވަރު

ކްރޮއޭޝިއާ: މިއީ އެ މީހުންގެ ފަހަރުތަ؟


ކްރޮއޭޝިއާ އަކީ ޔޫރަޕުގެ ދެކުނު އިރުމަތީގައި އޮތް މީސްކޮޅު މަދު އެކަމަކު ފުޓްބޯޅައިގެ ގައުމެކެވެ. ވަރަށް ގިނަ ބަޔަކު ޗުއްޓީ ހޭދަކޮށްލުމަށް ޒިޔާރަތްކުރާ ރީތި ގައުމެކެވެ. އެއީ ޔޫގޯސްލާވިޔާ ބައިބައިވެގެން އުފެދުނު ގައުމެއްވެސްމެ އެވެ. އެމީހުން އަތުން މިނިވަންކަން ލިބުނީ 1991ގަ އެވެ. ނަމަވެސް މިނިވަންކަމުގެ ފުރަތަމަ 30 ފަހަނައަޅައިދިޔައިރު އެމީހުންނަކީ ދުނިޔޭގެ ފުޓްބޯޅައިގައި ނަން ހިނގާ ބައެކެވެ. ގައުމުގެ އިގްތިސާދުގެ ބޮޑު ބަޔަކީ ފަތުރުވެރިކަމެވެ. އެވްރެޖްކޮށް އަހަރަކު 12 ބިލިއަން ޑޮލަރުގެ އާމްދަނީ އެއް ފަތުރުވެރކަމުން ކްރޮއޭޝިޔާ އަށް ލިބެ އެވެ. ފުޓްބޯޅަ އަކީ އެ ގައުމުގެ އެއްވަނަ ކުޅިވަރެވެ.

މިހާރުގެ ފުޓްބޯޅަ ފެޑަރޭޝަނުގެ ރައީސް ޑާވޯ ސުކާގެ ޒަމާނުގައި 1998 ވަނަ އަހަރުގެ ވޯލްޑް ކަޕް ނިންމާލީ ތިން ވަނަ ހޯދައިގެންނެވެ. ރަންބޫޓު ވެސް ގެންދިޔައީ އޭނާ އެވެ. އޭގެ ފަހުން މިހާރުގެ ކެޕްޓަން ލޫކާ މޮޑްރިޗާއެކު ފެނިގެންދިޔަ ރަންޖީލުގެ ކުޅުންތެރިން 2018 ވަނަ އަހަރުގެ ވޯލްޑްކަޕް ފައިނަލް ކުޅެނެވެ. މުބާރާތުގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދައި ގޮސް މޮޗްރިޗް ނިންމާނީ ދުނިޔޭގެ މޮޅު ކުޅުންތެރިޔާގެ މަގާމާއި ބެލޮންޑީއޯ ވެސް އެވޯޑް ވެސް އޭނާގެ ގެއަށް ވެއްދުމަށްފަހު އެވެ. އެންމެ ފަހުގެ ވޯލްޑްކަޕުގައި ވެސް ތިން ވަނަ ހޯދި އެވެ.

ކުޑަކުޑަ ގައުމަކުން މި ވަރުގެ ކުޅުންތެރިން ނުކުމެދާނެ ކަމަށް އެކަކު ވެސް ގަބޫލެއް ނުކުރާނެ އެވެ. ނަމަވެސް ކްރޮއޭޝިޔާ އަކީ ވަރަށް އާދައިގެ ލީގެއް އޮތް ގައުމެކެވެ. އެ ލީގުގެ ކުލަބުތަކަކީ ވެސް ދުނިޔެ ދަންނަ ކުލަބުތަކެއްނޫނެވެ. ނަމަވެސް ކްރޮއޭޝިޔާގެ ގިނަ ކުޅުންތެރިން ކުޅެނީ ޔޫރަޕުގެ އެންމެ މަތީ ކުލަބުތަކުގަ އެވެ.
ގޯލްކީޕަރު ޑޮމިނިކް ލިވަކޮވިޗަށް ދެން އިރުޝާދުދޭނީ މަޝްހޫރު ކޯޗު ހޯސޭ މޮރީނިއޯ އެވެ. ޑިފެންޑަރު ޖަސްކޯ ގަވަރޑިއޯލް އަކީ މެންޗެސްޓާ ސިޓީގެ މުހިންމު ޑިފެންޑަރެކެވެ. ފަހަތުގައި ދެން ތިބީ އިޓަލީ އާއި ޖަރުމަނު އަދި ނެދަލޭންޑް ލީގުގައި ނަގާކިޔާ ކުޅުންތެރިންނެވެ.

މެދުތެރެއިން މޮޑްރިޗް އަކީ އެންމެ މުހިންމު ކުޅުންތެރިޔާ އެވެ. އުމުރުން 40އާ ގާތްކުރިޔަސް ރެއާލް މެޑްރިޑުން އޭނާ އަށް ފުރުސަތތުދޭން ނިންމީ ލިބޭ ވަގުތުގައި މޮޅަށް ކުޅެ ލީޑަރޝިޕް ދައްކައިދޭތީ އެވެ. މެޓެއޯ ކޮވަސިޗް އަކީ ޗެލްސީ އަށް ފަހު މިހާރު ސިޓީގެ މުހިންމު ކުޅުންތެރިއެކެވެ. ނިކޮލާ ވްލާސިޗް އާއި މާރިއޯ ޕަސާލިޗް އިޓަލީގައި ކުޅޭއިރު މާސެލޯ ބްރޮޒޮވިޗް ފެނިގެންދަނީ ސައޫދީ ލީގުންނެވެ.

އެންމެ ކުރިއަކީ ކްރޮއޭޝިޔާގެ އެންމެ ބަލި ޑިޕާޓްމަންޓެވެ. އަންދްރޭ ކަމްރިޗް އަށް ގައުމީ ޓީމަށް 93 މެޗުން ޖަހައިދެވުނީ އެންމެ 28 ގޯލެވެ. މިއަށްވުރެ އިތުރަށް ގޯލު ޖެހުނީ އިވާން ޕެރިސިޗަށް އެކަންޏެވެ. ދެން ތިބީ ޒުވާން ފޯވަޑުންނެވެ. މިހެންވެ ކްރޮއޭޝިޔާގެ ކުރިއެރުމާއި ނިމުން އޮންނާނީ މެދުތެރެ އާއި ފަހަތުން ދައްކާ ކުޅުމެއްގެ މައްޗަށް ކަމަށް ކޯޗު ލަޓްކޯ ޑަލިކް ދެކެ އެވެ. އޭނާ ބުނީ 2018 އިން ފެށިގެން ބޮޑު މުބާރާތްތަކުގައި ރަނގަޅު ނަތީޖާތަކެއް ނެރެފައިވި ނަމަވެސް މި ފަހަރުގެ އުއްމީދުތައް މަތި ނުކުރުމަށެވެ.