ކުޅިވަރު

އޮސްޓްރިއާ: ރަންގްނިކް ނުފޫޒާއި ބާރުގައި ތަފާތު ދައްކާނެ


އޮސްޓްރިއާ އަކީ ކޮފީ ބުއިމުގައި އަރާތިބި ބައެކެވެ. ފިނިމޫސުމުގެ ކުޅިވަރުތަކާއި މިއުޒިކަށް އެމީހުން އިންތިހާ އަށް ލޯބިކުރެ އެވެ. ރަސްމީ ބަހަކީ ޖަރުމަނު މަހެވެ. މިހެންވެ މި ފަހަރުގެ ޔޫރޯ އަށް ޖަރުމަނަށްދާއިރު އޮސްޓްރިއާ ޓީމަށް މާގިނަ ދަތިތަކެއް ނުހުންނާނެ އެވެ. ޓީމުގެ ގިނަ ކުޅުންތެރިން ވެސް ކުޅެނީ ޖަރުމަނު ލީގުގަ އެވެ. މިހެންވެ މުބާރާތް ކުޅޭ ދަނޑުތަކަށް އެންމެ ފަރިތައެއް ބަޔަކަށްވާނީ ވެސް އޮސްޓްރިއާ އެވެ.

1930ގެ ތެރޭގައި އޮސްޓްރިއާ އަކީ ވަރުގަދަ ޓީމެކެވެ. ބަލިނުވެ 14 މެޗު ހަމަކުރުމުން އޮސްޓްރިއާގެ ވަނަމަކަށް ކިޔައި އުޅުނީ ވޮންޑަޓީމް އެވެ. އޮސްޓްރިއާ އަކީ ޖަރުމަނުގައި ކުޅުނު 1936 އޮލިމްޕިކްސްގެ ރަނަރަބް ޓީމެވެ. މި ގަދަ ޓީމު ހަލާކުވެދިޔައީ ދެ ވަނަ ބޮޑު ހަނގުރާމައިގެ ސަބަބުން ކުޅުންތެރިން ވިއްސިވިހާލިވުމުންނެވެ.
އޮސްޓްރިއާ އަކީ މިހާރު އެފަދަ ޓީމެއްނޫނެވެ. ކެޕްޓަން އަލާބާ އަކީ ރެއާލް މެޑްރިޑްގެ ކުޅުންތެރިއެކެވެ. ނަމަވެސް އަނިޔާގެ ސަބަބުން އޭނާ އަށް ޔޫރޯގައި ނުކުޅެވޭނެ އެވެ. އެކަމަކު ޓީމާއެކު އޭނާ ޖަރުމަނަށް ދާނެ އެވެ. ނުކުޅަނަސް ދަނޑުމަތީގައި ފިޔަވައި ކެޕްޓަނެއްގެ ޒިންމާގެ އަދާކުރާނީ އޭނާ އެވެ. އޮސްޓްރިއާ މި ފަހަރުގެ ޔޫރޯ އަށް ކޮލިފައިވީ ބެލްޖިއަމްގެ ފަހަތުން ގްރޫޕް އެފްގެ ދެ ވަނަ ޓީމުގެ ގޮތުގަ އެވެ. ގްރޫޕްގެ އެއްވަނަ ހޯދުމަށް މަދުވީ އެންމެ ޕޮއިންޓެކެވެ.


އޮސްޓްރިއާ ޓީމުގެ ކޯޗަކީ މެންޗެސްޓާ ޔުނައިޓެޑްގެ ކުރީގެ ކޯޗު ރަލްފް ރަންގްނިކެވެ. އޭނާ އަށް ޔޫރޯގެ ކުރިން ޖަރުމަނުގެ ބަޔާން މިއުނިކްގެ ކޯޗުކަން ހުށަހެޅި އެވެ. މި ވަޒީފާއާ ހަވާލުވުމާ ވަރަށް ގާތަށް ދިއުމަށްފަހު އޭނާ އޮސްޓްރިއާގައި މަޑުކުރަން ނިންމީ ރަންގްނިކާ ދެކޮޅަށް ބަޔާންގެ ސަޕޯޓަރުން ޕެޓިޝަނެއް ހެދުމުންނެވެ.
އޮސްޓްރިއާގެ ގައުމީ ޓީމަށް އޭނާ ގެންދިޔައީ މެންޗެސްޓާ ޔުނައިޓެޑްގައި ނާކާމިޔާބު ދުވަސްތައް ހޭދަކުރިތާ ދުވަސްކޮޅެއް ފަހުންނެވެ. އޮސްޓްރިއާ އާއި އޭނާކުރި ކައިވެނީގައި އޮތީ ބަދަހި ގުޅުމެކެވެ. އޭނާގެ ނުފޫޒު ގަދަވަމުން އަންނައިރު އޮސްޓްރިއާ ފެޑަރޭޝަނުން އޭނާ އަށް ހިފެހެއްޓުމެއްނެތި ތާއީދު ކުރެ އެވެ.

ޖަރުމަނުގެ އެހެން ކޯޗުން ފަދައިން ރަންގަނިކް ވެސް ގެންގުޅެނީ އަވަސް ގޭމެކެވެ. ހާއްސަކޮށް ދިފާއުކޮށްފައި އަވަހަށް އެޓޭކްކުރުމަށް ކުޅުންތެރިން ފަރިތަކުރުވީ ސީދާ ރަންގްނިކެވެ. އޮސްޓްރިއާގެ ގައުމީ ޕޫލަށް ބަލާއިރު 40 ކުޅުންތެރިންގެ ތެރެއިން ދެބައިކުޅެ އެއްބައި ކުޅެނީ ފެންވަރު ރަނގަޅު ލީގުތަކުގަ އެވެ. ހާއްސަ ޖަރުމަނު ލީގުގައި ކުޅޭ ކުޅުންތެރިން ގިނަ އެވެ. ޓީމުގެ އެންމެ މަޝްހޫރު ކުޅުންތެރިއަކީ އިޓަލީގެ އިންޓަމިލާނަށް ކުޅެމުން އަންނަ މާކޯ އާނައުޓޮވިޗެވެ. ގައުމީ ޓީމަށް 112 މެޗުން 36 ގޯލު ޖަހާފައިވިޔަސް ޔޫރަޕުގެ ފެންވަރުގައި ތަށިތަކެއް ހޯދި ގޯލުތަކެއް އޭނާގެ ފުށުން ފެނިފައިނުވެ އެވެ.