ޚަބަރު

އަހަރުތަކެއްގެ މެދުކެނޑުމަކަށް ފަހު ސިވިލް ސަރވިސް ކޮންފަރެންސް ފަށައިފި


  • މިކޮންފަރެންސްގައި 15 ކަރުދާހެއް ހުށައަޅާ ބަހުސްކުރާނެ

  • ސަރުކާރުގެ ސިޔާސަތުތަކަށް ޚާއްސަ އިސްކަމެއް ދޭނެ

ހައަހަރުގެ މެދުކެނޑުމަކަށް ފަހު 4 ވަނަ ދިވެހި ސިވިލް ސަރވިސް ކޮންފަރެންސް ފަށައިފިއެވެ. މިކޮންފަރެންސް އިފްތިތާޙު ކޮށްދެއްވީ ރައީސުލްޖުމުހޫރިއްޔާގެ ނައިބު ހުސެއިން މުހައްމަދު ލަތީފެވެ.

ސިވިލް ސަރވިސް ކޮންފަރެންސަކީ ދިވެހި ސިވިލް ސަރވިސްގެ އިންތިޒާމުތައް ރޭވިފައިވާގޮތް ދިރާސާކޮށް، މިހާރަށްވުރެ ފެންވަރު ރަނގަޅުކޮށް ރައްޔިތުން ބަލައިގަންނަ ފަދަ ޚިދުމަތެއް ފޯރުކޮށްދިނުމަށްޓަކައި، ހަމަޖައްސަން ޖެހޭ އިންތިޒާމުތައް ދެނެގަނެ އެކަށައެޅުމަށްޓަކައި ބާއްވަމުން އަންނަ ކޮންފަރެންސެކެވެ.

މިއަހަރުގެ މިކޮންފަރެންސްގައި ސަރުކާރުގެ ހުރިހާ ވުޒާރާއަކާއި، އެވުޒާރާއެއްގެ ދަށުން ހިނގަމުން އަންނަ އިދާރާތަކާއި އަދި ހުރިހާ ކައުންސިލެއް ހިމެނޭހެން މުޅި ރާއްޖެ ތަމްސީލު ކުރެވޭ ކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.

މިކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް މުހައްމަދު ނާސިހު ވިދާޅުވީ، ސިވިލް ސަރވިސްގެ ޚިދުމަތް ޒަމާނީ ފެންވަރެއްގައި ދިނުމަށް ޓެކްނޮލޮޖީގެ ބޭނުން ކުރަން ޖެހިފައިވާ ކަމަށެވެ.

" ސިވިލް ސަރވިސްގެ ހުރިހާ އިދާރާތަކުންވެސް ފޯރުވައިދޭ ޚިދުމަތްތައް، ޓެކްނޮލޮޖީގެ އެހީގައި ސްމާޓް ގަވަރނަންސްގެ މަޙުފޫމްތައް ބޭނުންކޮށްގެން، ދެވޭނެ އިންތިޒާމުތައް ހަމަޖައްސައި ފުޅާކުރުމަކީ ޚަރަދުކުޑަކޮށް، ފެންވަރު ރަނގަޅު ޚިދުމަތެއް ދިނުމަށް އެޅިގެންދާނެ މުހިންމު ފިޔަވަޅެއް. ޑިޖިޓަލް ޓެކްނޮލޮޖީގެ ބޭނުންކުރާއިރު މިކަމަށް މަގުފަހިކުރުމަށް ބޭނުންވާ ޤާނޫނީ ނިޒާމު އިތުރަށް ހަރުދަނާ ކުރެވި، ޢަމަލުކުރާ އުސޫލުތަކަށްވެސް ބަދަލުތަކެއް ވަނީ ގެންނަން ޖެހިފައި. " ނާސިހު ވިދާޅުވިއެވެ.

މިކޮންފަރެންސް އިފްތާޙް ކުރައްވައި، ނައިބު ރައީސް ވަނީ ކޮންފަރެންސް ތެރޭގައި ހުށަހެޅޭ ކަރުދާސްތަކުގެ ޚުލާސާއެއް ހިމެނޭ ފޮތް ނެރުއްވައި ދެއްވާފައެވެ.

މިފަހަރު ކޮންފަރެންސްގައި 3 ދާއިރާއަކުން ދިވެހި ބަހުން އެކުލަވާލާފައިވާ ދިރާސާ ކަރުދާސްތަކެއް ހިމެނޭހެން 15 ކަރުދާހެއް ހުށަހެޅޭނެ ކަަމަށް ސިވިލް ސަރވިސް ކޮމިޝަނުން ވިދާޅުވެއެވެ. އެގޮތުން މިފަހަރު ކޮންފަރެންސްގައި ސިވިލް ސަރވިސްގެ ޚިދުމަތްތައް ޑިޖިޓަލައިޒް ކުރުމަށް ޚާއްސަ އިސްކަމެއްދީގެން ކަރުދާސްތައް ހުށަހަޅާއިރު، ސަރުކާރުގެ ސިޔާސަތުތަކަށް ވަރަށް ބޮޑަށް ބަލާފައިވާނެ ކަމަށް އެކޮމިޝަނުން ވިދާޅުވެއެވެ.

ސިވިލް ސަރވިސް ކޮންފަރެންސްގައި މުޅި ރާއްޖޭގެ އެކި ކަންކޮޅުތަކުން ޖުމްލަ 250 އަށްވުރެ ގިނަ މީހުން ބައިވެރިވެއެވެ. މިކޮންފަރެންސްގެ ޝިޢާރަކީ "ސްމާޓް ގަވަރނަންސް ފޮރ އެކްސެލެންޓް ސިވިލް ސާވިސް" އެވެ.

ސިވިލް ސަރވިސް ކޮމިޝަނުން ކޮންމެ ދެ އަހަރަކުން އެއްއަހަރު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ މިކޮންފަރެންސް ބާއްވަން ފަށާފައިވަނީ 2014 ވަނަ އަހަރެވެ. އޭގެ ފަހުން 2016 ވަނަ އަހަރާއި، 2018 ވަނަ އަހަރު ކޮންފަރެންސެއް ބޭއްވުމަށްފަހު ވޭތުވެދިޔަ އަހަރުތަކުގެ ތެރޭގައި މި ކޮންފަރެންސް ކުރިއަށް ގެންގޮސްފައި ނުވެއެވެ.