ޚަބަރު

ހައްޖު ކިއުއަށް އެއްވެސް ފަރާތަކަށް ނުފޫޒު ނުފޯރުވޭނެ: ހައްޖު ކޯޕަރޭޝަން


  • މިއަހަރު ފުރަން ކިއުގައި ތިބި ހުރިހާ ފަރާތްތަކަށްވެސް ފުރުސަތު ދެވުނު

ހައްޖު ކޯޕަރޭޝަނުގެ ހަވާލުގައި ހައްޖަށްދާ މީހުންގެ ތަރުތީބު ކަނޑައެޅިފައިވާ ހައްޖު ކިއުއަށް އެއްވެސް ފަރާތަކުން ނުފޫޒު ނުފޯރުވޭނެކަމަށް ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަކީލް ވިދާޅުވެއްޖެއެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަކީލް މިހެން ވިދާޅުވެފައި މިވަނީ މިއަހަރު ހައްޖަށް ދިއުމަށް ތިބި ބައެއް ފަރާތްތަކަށް ފުރުސަތު ގެއްލުވާލައި، ހައްޖު ކިއުގެ ތަރުތީބާއި ހިލާފަށް ބައެއް ފަރާތްތަކަށް ފުރުސަތު ދީގެން ހައްޖަށް ގެންގޮސްފައިވާކަމަށް ބައެއް ފަރާތްތަކުން ތުހުމަތުކުރަމުންދާ ދަނޑިވަޅެއްގައެވެ.

ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ޝަކީލް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 1445 ވަނަ އަހަރުގެ ރަސްމީ 1000 ކޯޓާއިން ހައްޖު ކޯޕަރޭޝަންގެ ހަވާލުގައި ހައްޖަށް ދިއުމަށް ހަމަޖެހިފައިވާ ހުރިހާ ހައްޖާޖީންވެސް މައްކާއަށް ގޮސްފައިވާ ކަމަށެވެ. އަދި ހުރިހާ ހައްޖާޖީންވެސް އުމްރާގެ އަޅުކަން ފުރިހަމަކޮށްފައިވާކަމަށް ޝަކީލް ވިދާޅުވިއެވެ.

ޝަކީލް ވަނީ މިއަހަރު ހައްޖަށް ދިއުމަށް އެ ކޯޕަރޭޝަންގެ ކިއުގައި ތިބި ހުރިހާ ފަރާތަކަށްވެސް ފުރުސަތު ދެވުނުކަން ފާހަގަކުރައްވާފައެވެ. ހައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ ޝަކީލް ވިދާޅުވީ ހައްޖު ކިއުގެ ނިޒާމް ހަމަޖެހިފައިވާ ގޮތުން އެއްވެސް ފަރާތެއްގެ ނުފޫޒެއް ހައްޖު ކިއު އަކަށް ނުފޯރުވޭނެ ކަމަށެވެ.

މިއަހަރު ރާއްޖެއިން ޖުމްލަ 1150 ފަރާތެއް ހައްޖުގެ އަޅުކަން އަދާކުރާނެކަމަށް އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު މުހައްމަދު ޝަހީމް ޢަލީ ސަޢީދު ވަނީ ވިދާޅުވެފައެވެ. އަދި މިއީ މީގެ ކުރިން އަހަރުތަކާއި އަޅާބަލާއިރު އިތުރުވުމެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެގޮތުން މީގެކުރިން ހައްޖަށް ދަނީ 500 އާއި 800 އާއި ދެމެދު އަދަދަކަށް މީހުންކަން ފާހަގަކުރައްވާ، މިއަހަރު 1000 ވުރެ ގިނަ މީހުންނަށް ފުރުސަތު ލިބިގެން ދިޔައީ ރައީސުލްޖުމުހޫރިއްޔާގެ އިރުޝާދުގެ ދަށުން ކުރެވުނު މަސައްކަތުން ކަމަށް ޝަހީމް ވިދާޅުވިއެވެ.

މިއަހަރު ހައްޖަށް 1000 ވުރެ ގިނަ މީހުން ރާއްޖެއިން ގޮސްފައިވާއިރު، އޭގެތެރެއިން ފަޤީރުންގެ ލިސްޓުގައި ހިމެނޭ 50 ފަރާތަކަށް ސަރުކާރު ޚަރަދުގައި ހައްޖުގެ އަޅުކަން އަދާކުރުމުގެ ފުރުސަތު ވަނީ ދީފައެވެ. އެގޮތުން ހުކުރު ދުވަހުގެ ނިޔަލަށް ހައްޖަށް ދިއުމަށް 3 ފްލައިޓެއްގައި ސައުދި އަރަބިއްޔާއަށް މީހުން ގެންގޮސްފައިވެއެވެ.