ޚަބަރު

މަސްވެރިކަމާ ބޭހޭ ކޮލެޖްގެ ކިޔެވުން އޮގަސްޓުގައި ފެށުމުގެ ތައްޔާރީއަށް ބާރުދުވެލީގައި ކުރިއަށް


  • ކޮލެޖުގެ ކިޔެވުން އެމްއެންޔޫ އޮގަސްޓް އިންޓޭކްގަ ފެށޭނެ

  • ޖުލައި މަހު ޑީންއެއް ޢައްޔަންކޮށް ރަސްމީ މަސައްކަތް ފެށިގެންދާނެ

  • ކޯސްތައް ހިންގުމަށް އެމްކިއުއޭގެ ހުއްދަ ހޯދުމުގެ މަސައްކަތްދަނީ ކުރަމުން

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ވަޢުދުތަކުގެ ތެރޭގައި ހިމެނޭ މަސްވެރިކަމާ ބެހޭ ކޮލެޖު ޤާއިމްކޮށް، އެ ކޮލެޖުގައި ހިމެނޭ ކޯސްތައް ފެށުމަށް ވާއްންޖެހޭ ތައްޔާރީތައް ބާރުދުވެލީގައި ކުރިއަށްދާކަމަށް މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. މަސްވެރިކަމާ ބެހޭ ކޮލެޖްގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ ޤައުމީ ޔުނިވަރސިޓީގެ ކުރިއަށްއޮތް އޮގަސްޓް އިންޓޭކްގައެވެ.

މަސްވެރިކަމާއި ބެހޭ ތަޢުލީމު ފޯރުކޮށްދޭ މަރުކަޒެއް ޤާއިމުކުރުމަކީ ޤާނޫނީގޮތުން މަސްވެރިކަމާއި ކަނޑުގެ ވަޞީލަތްތަކާއި ބެހޭ ވުޒާރާގެ މައްޗަށް ލާޒިމްކޮށްފައިވީނަމަވެސް އެމަސައްކަތް މިހާތަނަށް ކުރެވިފައި ނުވެއެވެ. ނަމަވެސް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައިވަނީ މިމަސައްކަތް ފައްޓަވާފައެވެ. މިމަޝްރޫޢުގެ މަސައްކަތްތަކާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި މަސްވެރިކަމާ ބޭހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ ޑރ.އަމްޒަތު އަޙްމަދު ވިދާޅުވީ ކޮލެޖްގެ ކިޔެވުން ފެށުމަށް ވާންޖެހޭ ތައްޔާރީތައް ވަރަށް ހަލުއިކަމައެކު މިހާރު ކުރިއަށްދާކަމަށެވެ.

އަދި އަމާޒަކީ މަސްވެރިކަމުގެ ސިނާޢަތަކީ ކިޔަވައިގެންތިބި ތަޢުލީމީ ބަޔަކު ޙަރަކާތްތެރިވާ ސިނާޢަތަކަށް ހެދުންކަމަށެވެ. މިގޮތުން މި ކޮލެޖްގެ ރަސްމީ މަސައްކަތް އެމްއެންޔޫގައި ކުރިއަށް އޮތް ޖުލައި މަހު ފެށިގެންދާނެކަމަށް ސްޓޭޓް މިނިސްޓަރ ވިދާޅުވިއެވެ.

"އަޅުގަނޑުމެން މަސައްކަތް ކުރަމުން މިދަނީ ޖުލައި މަހު ކޮލެޖަށް ޑީންއެއް ޢައްޔަންކުރައްވާ ކޮލެޖްގެ ރަސްމީ މަސައްކަތް ފެށުމަށް. އެގޮތުން ކުރިއަށް އޮތް އެމްއެންޔޫގެ އިންޓޭކްގައި މިކޮލެޖްގައި ޑިގްރީ ފެންވަރަށް ޕްރޮގްރާމްތައް މަސްވެރިކަމުގެ އެކި ދާއިރާތަކުން ފެށުމަށްދަނީ މަސައްކަތްކުރަމުން." ޑރ. އަމްޒަތު ވިދާޅުވިއެވެ.

މި ކޮލެޖްގެ މަސައްކަތްތަކާއި ގުޅޭގޮތުން އެމްއެންޔޫއިން ވިދާޅުވީ، ކޮލެޖްގެ މަސައްކަތް ފެށުމަށް އެޔުނިވަރސިޓީއިން ތައްޔާރުވަމުން އަންނަކަމަށެވެ. އެގޮތުން ކޯސްތައް ފަރުމާކޮށް ނިމިފައިވާއިރު ކޯސްތައް ހިންގުމަށް ބޭނުންވާ ހުއްދަ ހޯދުމަށް މިހާރުވަނީ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީއަށް ފޮނުވާފައިވާކަމަށް އެމްއެންޔޫއިން ވިދާޅުވެއެވެ.

ރާއްޖޭގެ ބޮޑުބައެއް ކަނޑުތަކާއި ގުޅިފައިވީނަމަވެސް މިދާއިރާއިން އިތުރަށް ހޯދާ ބެލުމަށް މީގެކުރިން މަސައްކަތް ކުރެވިފައިވަނީ ނިސްބަތުން ކުޑަކޮށްކަން ސަރުކާރުން ފާހަގަކުރައްވައެވެ. އެހެންނަމަވެސް ރާއްޖޭގެ ކަނޑުތަކުން ލިބެންޖެހޭ ޙަގީގީ ނަފާ އަންދާޒާކުރެވޭނީކަނޑުގެ އަޑީގައި ހުރި ވަޞީލަތްތައް އެނގިގެންކަމަށް ސަރުކާރުން ވިދާޅުވެއެވެ. އެހެންކަމުން ފިޝަރީޒް އެންޑް އޯޝަން ރިސޯސެސް ކޮލެޖް ވެގެންދާނީ މިދާއިރާ އިތުރަށް ހަރުދަނާވެ މީހުން ބިނާކޮށް ކަނޑުގެ ޙަގީގަތްތައް ޢިލްމީ ނަޒަރިއްޔާއަކުން ބެލުމަށް އެޅިގެންދާ ބިންގަލެއްކަމަށް ސަރުކާރުން ވިދާޅުވެއެވެ.