ޚަބަރު

ސަރުކާރުގެ އަމާޒަކީ ކަނޑުގެ ވަސީލަތްތަކުގެ މަންފާ އެންމެ ފުރިހަމައަށް ހޯދުން


  • މިއީ ކަނޑުތަކުގެ ދުވަސް މިހާ ކުލަގަދަކޮށް ފާހަގަކުރާ ފުރަތަމަ ފަހަރު

  • ހަރަކާތްތައް ރާވާލާފައިވަނީ އެންމެންނަށް ޝާމިލްވެވޭނެގޮތައް

ކޮންމެ އަހަރެއްގެވެސް ޖޫން މަހުގެ 8 ވަނަ ދުވަސް ފާހަގަކުރަނީ ދުނިޔޭގެ ކަނޑުތަކުގެ ދުވަހުގެ ގޮތުގައެވެ. މިއަހަރުގެ މިދުވަހުގެ ޝިއާރަކީ "ކެޓެލައިޒިން އެކްޝަން ފޯރ އަވަރ އޯޝަން އެންޑް ކްލައިމެޓް" އެވެ.

ރާއްޖެއަކީ ކަނޑުގެ ސަރަހައްދު ބޮޑު ޤައުމެކެވެ. އެހެންކަމުން ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ރާއްޖެއަށް ވަރަށް ބޮޑަށް ޚާއްސަވެއެވެ.

ދުނިޔޭގެ ކަނޑުތަކުގެ ދުވަސް ރާއްޖޭގައި މީގެކުރިން ފާހަގަނުކުރާހާ ކުލަގަދަކޮށް މިއަހަރު ސަރުކާރުން ދަނީ ފާހަގަކުރަމުންނެވެ. މި ދުވަހާއި ގުޅުވައިގެން ގިނަ ހަރަކާތްތަކެއް ދަނީ ބާއްވަމުންނެވެ.

ކަނޑުތަކުގެ ދުވަހާއި ގުޅުވައިގެން ކުރެހުމުގެ މުބާރާތަކާއި، މަޒުމޫނު ލިޔުމުގެ މުބާރާތަކާއި، ކުއިޒް މުބާރާތަކާއި، މައުލޫމާތު ދިނުމުގެ ސެޝަނެއް ވަނީ ބާއްވާފައެވެ. މީގެއިތުރުން ދުވަހާއި ގުޅުވައިގެން މަސް ރޭހަކާއި ސާފުކުރުމުގެ ހަރަކާތަކާއި "އެންމެން މޫދަށް" ނަމުގައި މޫދު ހަރަކާތެއް ވަނީ ބާއްވާފައެވެ. އަދި ޖޫން 8ވަަނަ ދުވަހު 'އޯޝަން ޑޭ ފެސްޓިވަލް'އެއް ބާއްވާނެކަމަށް އެ ވުޒާރާއިން މައުލޫމާތުދެއްވައެވެ.

މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާ ބެހޭ ވުޒާރާއިން ވިދާޅުވީ، މިއަހަރުގެ ހަރަކާތްތައް ރާވާފައިވާނީ ހުރިހާ އުމުރުފުރާއެއްގެ ފަރާތްތަކަށްވެސް ބައިވެރިވެވޭނެގޮތަށްކަމަށެވެ.

ޕީއެސްއެމް ނިއުސްއަށް މައުލޫމާތުދެއްވަމުން މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ މުޙައްމަދު މުއްތަލިބު ވިދާޅުވީ، އެ ވުޒާރާގެ މިސްރާބު ހުރީ ރައީސްގެ ވިސްނުން ފުޅާއެކު ކަނޑާއި ކަނޑުގެ ވަސީލަތްތަކުގެ ބޭނުން އެންމެ ފުރިހަމަ ގޮތުގައި ރައްޔިތުންނަށް ހޯދާދިނުމަށް މަސައްކަތްކޮށް އިންވެސްޓްމެންޓް ހޯދުމަށްކަމަށެވެ. އެގޮތުން ރާއްޖޭގައި މުޅިން އަލަށް މެރިކަލްޗަރ އިންޑަސްޓްރީއެއް ޤާއިމްކުރުމުގެ މަސައްކަތް ކުރަމުންދާކަން ވަނީ ފާހަގަކުރައްވާފައެވެ.

މަސްވެރިކަމުގެ ސިނާއަތު ފުޅާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، މަސްވެރިކަމާއި ގުޅޭ މަސައްކަތްތައް ކުރުމަށް ހާއްސަ އެޖެންސީއެއްވެސް ސަރުކާރުން ވަނީ ޤާއިމްކޮށްފައެވެ. އަދި ރާއްޖޭގައި އުފައްދާ މަސްވެރިކަމާއި ގުޅޭ ބާވަތްތައް ބައިނަލްއަޤްވާމީ ބާޒާރުގައި އިތުރަށް ޕްރޮމޯޓްކުރުމަށްވެސް ސަރުކާރުން ދަނީ މަސައްކަތްކުރަމުންނެވެ.