ޚަބަރު

5 މިލިއަން ގަސް މަޝްރޫޢާއެކު މިދާއިރާއިން ކުރިއަށްދާން ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެ: ވަޒީރު


  • ވެށީގައި ހައްދާ ގަހުގެ މަޢުލޫމާތު ލިބިފައިހުރުމަކީ މުހިއްމުކަމެއް

  • އާއްމުކޮށް އިންދާ ގަސްތަކާއި ގުޅޭ މަޢުލޫމާތު ހިމެނޭ އަތްމަތީ ފޮތެއްވަނީ ނެރެފައި

ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކުރައްވާފައިވާ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢަކީ ގަހުގެ ޢިލްމު ހޯދާ އެދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ލިބިގެންދާނެ ރަނގަޅު ފުރުސަތެއްކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ ދުނިޔޭގެ ތިމާވެށީގެ ދުވަހުގެ މުނާސަބަތުގައި މޯލްޑިވްސް ނޭޝަނަލް ޔުނިވަރސިޓީގައި ބޭއްވި "ގަހުގެ އާދޭސް" ހަރަކާތުގައި ވާހަކަދައްކަވަމުންނެވެ.

"ގަހުގެ އާދޭސް" އިވެންޓުގައި ވާހަކަދައްކަވަމުން މޫސުމީ ބަދަލުތަކާއި ތިމާވެއްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤް އިބްރާހީމް ވިދާޅުވީ ގަހުގެ މަޢުލޫމާތަކީ ޝައުގުވެރި ޢިލްމީ އެތައް ހަގީގަތްތަކެއް އެކަމުގައި އެކުލެވިފައިވާކަމެއްކަމަށެވެ. އެހެންކަމުން ރައީސުލްޖުމްހޫރިއްޔާ ޢިއުލާންކުރައްވާ އިފްތިތާޙްކުރެވިގެންދިޔަ 5 މިލިއަން ގަސް އިންދުމުގެ މަޝްރޫޢުގެ ދަށުން ގިނަ ފުރުސަތުތަކެއް ލިބިގެންދާނެކަމަށް ވަޒީރު ވިދާޅުވިއެވެ. ވަޒީރު ވިދާޅުވީ މި 5 އަހަރުގެ ތެރޭގައި ގަހުގެ ޢިލްމު ހޯދުމަށާއި އަދި މިދާއިރާއިން ކުރިއަށްދާން ޝައުގުވެރިވާ ފަރާތްތަކަށް މި މަޝްރޫޢުގެ ތެރެއިން ގިނަ ފުރުސަތުތަކެއް ފަހިވެގެންދާނެކަމަށެވެ.

"ގަހުގެ ރަނގަޅު މަޢުލޫމާތު ރަނގަޅަށް ލިބިގެން އަޅުގަނޑުމެންގެ ވަށައިގެންވާ ގަސްތައް ހެއްދޭނީ. މިހައްދާ ގަސްތައް ބަލަހައްޓާނެ މީހުންވެސް ބޭނުންވާނެ. އެހެންކަމުން މި 5 އަހަރު ތެރޭގައި މިދާއިރާއިން ކުރިއަށްދާން ބޭނުންވާ ފަރާތްތަކަށް ކުރިއަށްދިޔުމުގެ ފުރަތަމަ ފިޔަވަޅު ކަމަށް މިވެގެންދާނެ." ވަޒީރު ވިދާޅުވިއެވެ.

މި އިވެންޓުގެ ތެރެއިންވަނީ ގަހާއި ބެހޭ މުހިއްމު މަޢުލޫމާތުތަކެއް ބައިވެރިންނާއި ހިއްސާކޮށްފައެވެ. އެގޮތުން ރާއްޖޭގައި ތިމާވެށީގެ ދާއިރާގައި 38 އަހަރު ޚިދުމަތްކުރައްވާފައިވާ އެންވަޔަރަންމަންޓް މިނިސްޓްރީގެ ޑިރެކްޓަރ ޖެނެރަލް މުޙައްމަދު ޒާހިރުވަނީ އާއްމުކޮށް ހައްދާ ގަސްތަކާއި ގަސް ހެއްދުމުގައި ހެދިފައި ހުންނަ ގޯސްތަކާއި އަދި މާލޭގެ މަގުތަކުގައި އެކި ދުވަސްވަރު ހައްދާފައިވާ ގަސްތަކުގެ މައްޗަށް އަލިއަޅުވާލާ ބައިވެރިންނާއި މަޢުލޫމާތު ހިއްސާކޮށްފައެވެ.

މިއިވެންޓުގައި ތިމާވެއްޓާއި ބެހޭ ވަޒީރު ޠާރިޤް އިބްރާހީމްވަނީ މުޙައްމަދު ޒާހިރު ލިޔުއްވާފައިވާ "ޢާއްމުތަންތަނުގައި، ޚާއްސަކޮށް މަގުތަކުގައި ގަސްއިންދުން – އަތްމަތީ ފޮތް" ނެރެދެއްވާފައެވެ. މީގެއިތުރުން މިއިވެންޓުގައިވަނީ ގަސްއިންދުމާއި ބެހޭގޮތުން ޚާއްސަ ޕެނަލް ޑިސްކަޝަންއެއްވެސް ކުރިއަށްގެންގޮސްފައެވެ. މި ޕެނަލްގައި ދާއިރާއާއި ގުޅުންހުރި ބޭފުޅުންވަނީ ގަސްތަކާއި އަދި އޭގެ ސަބަބުން ލިބޭ ފައިދާތަކުގެ މައްޗަށް އަލިއަޅުވާލާފައެވެ.