ޚަބަރު

"ލަންކާގައި ދިރިއުޅޭ ދިވެހިންނަށް ކުރިމަތިވާ ދަތިތަކަށް އަވަސް ހައްލެއް ހޯދާދިނުމަށް މަސައްކަތްކުރާނަން"


  • މިދަތުރުފުޅުގެ މައިގަނޑު އެއް ބޭނުމަކީ ދިވެހިންނަށް ލުއިގޮތްތައް ހޯދާދިނުން

  • ސޯސަންވިލާގައި ޚާއްސަ އެހީއަށް ބޭނުންވާ ކުދިންނަށް އެކަށީގެންވާ މާހައުލެއް ޤާއިމްކުރާނެކަމަށް

ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ކުރިމަތިވާ ދަތިތަކަށް އަވަސް ހައްލެއް ހޯދާދިނުމަށް މަސައްކަތް ކުރައްވާނެ ކަމަށް ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވެއްޖެއެވެ.

ޚާރިޖީ ވަޒީރު މިހެން ވިދާޅުވީ ސްރީލަންކާއަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، ސްރީލަންކާގައި ދިރިއުޅޭ ދިވެހިރައްޔިތުންނާ ބައްދަލުކުރައްވާ ވާހަކަދައްކަވަމުންނެވެ.

މިބައްދަލުވުމުގައި ވަޒީރު ވިދާޅުވީ ސްރީލަންކާގައި ދިރިއުޅޭ އަދި އެކި ބޭނުތަކުގައި އެޤައުމަށް ދަތުރުކުރާ ދިވެހިންގެ ކަންބޮޑުވުންތައް އެނގިވަޑައިގަންނަވާކަމަށެވެ. އަދި އެކަންކަމަށް އަވަސް އަދި ދާއިމީ ހައްލުތައް ހޯދުމަށް މަސައްކަތް ކުރައްވާނެ ކަމަށް ވިދާޅުވިއެވެ. އަދި ލަންކާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ މައިގަނޑު އެއް ބޭނުމަކީ ވެސް އެއީ ކަން ވަޒީރު ފާހަގަކުރެއްވިއެވެ.

ޚާރިޖީ ވަޒީރު ވިދާޅުވީ ދޭދޭ ގައުމުތަކާއެކު އޮންނަ ގުޅުންތައް ރަނގަޅުކޮށް، ބަދަހިކޮށް އެ ގުޅުންތަކުގެ ތެރެއިން، އެ ޤައުމުތަކަށް ދަތުރުކުރައްވައި، އެޤައުމުތަކުގައި ދިރިއުޅޭ ދިވެހި ރައްޔިތުންނަށް ފަސޭހަ ލުއި ގޮތްތައް ހޯދައިދިނުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަރަށް ބޮޑު އިސްކަމެއް ދެއްވާ ކަމެއް ކަމަށެވެ.

އަދި ހައިކޮމިޝަނަރ މަސްއޫދު އިމާދު މިހާރު މަޤާމާ ހަވާލުވެވަޑައިގެން، ހައިކޮމިޝަނުން ފޯރުކޮށްދެމުން ގެންދާ ޚިދުމަތްތަކާއި ހައިކޮމިޝަނާއި ދިވެހި ރައްޔިތުންނާ އޮންނަ ގުޅުން އިތުރަށް ހަރުދަނާ ކުރައްވައި ބަދަހި ކުރައްވާނެ ކަމުގެ ޔަޤީންކަން ވަޒީރު ދެއްވިއެވެ.

ޚާރިޖީ ވަޒީރުގެ ވާހަކައިގައި ސޯސަންވިލާގައި ގާއިމުކޮށްފައިވާ މޯލްޑިވްސް ސެންޓަރަކީ ސްރީލަންކާގައި ދިރިއުޅޭ ދިވެހިންނަށް ވަރަށް ގިނަ ޚިދުމަތްތަކެއް ދެމުން ގެންދާ ތަނެއްކަން ފާހަގަކުރައްވައި، މޯލްޑިވްސް ސެންޓަރުން ޚިދުމަތް ލިބިގަންނަ ކުދިންގެ ތެރޭގައި ޚާއްޞަ އެހީއަށް ބޭނުންވާ ކުދިންވެސް ހިމެނޭތީ އެ ތަނުގައި އެ ކުދިންނަށް އެކަށީގެންވާ މާޙައުލެއް ޤާއިމު ކުރުމުގެ މަސައްކަތް ވެސް ކުރައްވަމުން ގެންދާކަން ފާހަގަކުރެއްވިއެވެ.

ވަޒީރުވަނީ ޤައުމުން ބޭރުގައި ތަޢުލީމު ހާސިލްކުރިއަސް، ދިވެހި ޤައުމުގެ ކުރިއެރުމަށް މަސައްކަތް ކޮށްދިނުމަށް ދަރިވަރުންނަށް އިލްތިމާސް ކުރައްވާފައެވެ.

ލަންކާގައި ދިރިއުޅޭ ދިވެހިންނާއި ބައްދަލުކުރެއްވުމުގެ އިތުރުން ވަޒީރު ވަނީ ލަންކާގައި ޤާއިމްކޮށްފައިވާ މޯލްޑިވްސް ސެންޓަރަށްވެސް ޒިޔާރަތްކުރައްވާފައެވެ.