ޚަބަރު

ލަންކާއާއި ދިވެހި ރާއްޖެ ގުޅިގެން ބައިނަލްއަޤްވާމީ މައިދާނުގައި މަަސައްކަތް ކުރުމަށް މަޝްވަރާކުރައްވައިފި


  • ލަންކާގެ ޚާރިޖީ ވަޒީރާއި ރާއްޖޭގެ ޚާރިޖީ ވަޒީރުވަނީ ބައްދަލު ކުރައްވާފައި

  • ދެ ޤައުމުގެ އިޤްތިޞާދީ ސަރަހައްދު ގުޅިގެން ބެލެހެއްޓުމަށް މަޝްވަރާ ކުރެެއްވި

  • ފަލަސްޠީނުގެ މައްސަލައިގަ ދެޤައުމުން ނަގާފައިވާ ސްޓޭންޑު ތަކުރާރު ކުރެއްވި

ލަންކާއާއި ދިވެހި ރާއްޖެ ގުޅިގެން ބައިނަލްއަޤްވާމީ މައިދާނުގައި މަސައްކަތް ކުރުމަށް ދެޤައުމުގެ ޚާރިޖީ ވަޒީރުން މަޝްވަރާކުރައްވައިފިއެވެ.

ލަންކާއަށް މިހާރު ކުރައްވަމުންގެންދަވާ ރަސްމީ ދަތުރުފުޅުގައި ޚާރިޖީ ވަޒީރު މޫސާ ޒަމީރު ވަނީ ލަންކާގެ ޚާރިޖީ ވަޒީރު ޢަލީ ސަބްރީއާ ބައްދަލުކުރައްވާފައެވެ. މިބައްދަލުވުމަށްފަހު ޚާރިޖީ ވަޒީރު މޫސާ ޒަމީރު އިއްވެވި ބަޔާނުގައި، ދިވެހިރާއްޖޭގެ ތަރައްޤީއަށް ސްރީލަންކާއިން ދެމުންގެންދާ ދީލަތި އެހީތެރިކަން ފާހަގަކުރައްވާ، ދިވެހި ރައްޔިތުންގެ ނަމުގައި ޝުކުރު އަދާކުރެއްވިއެވެ. އަދި ދިވެހިރާއްޖޭގައި ވަޒީފާއަދާކުރާ ސްރީލަންކާގެ މަސައްކަތްތެރިން އަދާ ކުރާ ދައުރުވެސް ވަޒީރު ޒަމީރު ފާހަގަކުރެއްވިއެވެ.

މީގެއިތުރުން ސާކާއި އިންޑިއަން އޯޝަން ރިމް އެސޯސިއޭޝަން (އައިއޯއާރުއޭ) ފަދަ ސަރަޙައްދީ ޕްލެޓްފޯމްތައް މެދުވެރިކޮށް ދެކުނު އޭޝިއާ ސަރަހައްދުގެ ދެމެހެއްޓެނިވި ތަރައްޤީއާއި ސުލްޙައާއި ސަލާމަތާއި ކުރިއެރުމަށް ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމަށް އެއްބަސްވެފައިވާ ކަމަށް ވަޒީރު ވިދާޅުވިއެވެ. މީގެއިތުރުން، މަސްވެރިކަމަށް ދެ ޤައުމުން ވެސް ބަރޯސާވާއިރު، ދެ ޤައުމުގެ ޚާއްސަ އިޤުތިސާދީ ސަރަހައްދު ބެލެހެއްޓުމަށް ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމުގެ މުހިންމު ކަމުގެ މައްޗަށްވެސް މަޝްވަރާކުރެއްވި ކަމަށް ޚާރިޖީ ވަޒީރު ވިދާޅުވިއެވެ.

ލަންކާގެ ޚާރިޖީ ވަޒީރު ޢަލީ ސަބްރީއާއެކު ބޭއްވެވި ބައްދަލުވުމުގައި، ދެ ޤައުމުން ޚާއްސަ އިސްކަމެއްދޭ، ވިޔަފާރި، ތަޢުލީމު، މަސްވެރިކަން، ޞިއްޙަތު، ފަތުރުވެރިކަން، ޒުވާނުން ފަދަ މުހިންމު ދާއިރާތަކާއި އަދި ބައިނަލްއަޤުވާމީ މައިދާނުގައި ދެ ޤައުމު ގުޅިގެން މަސައްކަތް ކުރުމާ ގުޅޭގޮތުން ވަނީ މަޝްވަރާކުރައްވާފައެވެ.

އަދި ފަލަސްޠީނުގެ ޣައްޒާއަށް ޔަހޫދީން ދެމުންދާ ހަމަލާތަކާއި ގުޅިގެން ދެ ޤައުމުން ވެސް ނަގާފައިވާ ސްޓޭންޑު ތަކުރާރުކުރައްވާ، ވީއެންމެ އަވަހަކަށް ދާއިމަށް ހަނގުރާމަ ހުއްޓާލައި، ޣައްޒާގެ ރައްޔިތުންނަށް ބޭނުންވާ އިންސާނީ އެހީ ފޯރުކޮށްދޭނެކަމަށް އުއްމީދުކުރައްވާ ކަމަށް ޚާރިޖީ ވަޒީރުގެ ވާހަކައިގައި ފާހަގަކުރެއްވިއެވެ.

އަދި މޫސުމީ ބަދަލުތަކުގެ އަސަރު އެންމެ ބޮޑަށް ކުރާނެ ޤައުމުތަކުގެ ތެރޭގައި ދިވެހިރާއްޖެ އާއި ސްރީލަންކާ ހިމެނޭއިރު، މޫސުމީ ބަދަލުތަކުގެ ނޭދެވޭ އަސަރުތައް ކުޑަކުރުމުގައި މިހާރަށް ވުރެ ހަލުވި އަދި ހަރުދަނާ ފިޔަވަޅުތަކެއް އަޅަންޖެހޭ ކަމަށް ދެ ޤައުމުގެ ޚާރިޖީ ވަޒީރުންވެސް އެއްބަސްވެވަޑައިގަންނަވައެވެ.

ޚާރިޖީ ވަޒީރު މޫސާ ޒަމީރު މިމަހުގެ 3 އިން 6 އަށް ލަންކާއަށް ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅަކީ އެޤައުމުގެ ޚާރިޖީ ވަޒީރު ޢަލީ ސަބްރީގެ ދަޢުވަތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅެކެވެ.