ޚަބަރު

މަޖިލީހުގެ ރިޔާސަތު ބަލަހައްޓަން 5 މެންބަރަކު ކަނޑައަޅައިފި


  • މެންބަރުން ކަނޑައަޅަނީ މެދުނުކެނޑި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި މެންބަރުންގެ ތެރެއިން

  • މިމެންބަރުން ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސާއި ނައިބު ރައީސް ނެތް ހާލަތުގައި

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓާނެ ފަސް މެންބަރުން ކަނޑައަޅައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޤަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް މެންބަރުން ކަނޑައަޅާނީ މަޖިލީހުގައި މެދު ނުކެނޑި އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި މެންބަރުންގެ ތެރެއިންނެއެވެ. އަދި އެ މެންބަރުންގެ ތެރެއިން ޚިދުމަތް ކުރެއްވި މުއްދަތު އެއްވަރުވާ ހާލަތެއްގައި މެންބަރުން ކަނޑައަޅާނީ އުމުރުގެ ދޮށި ކަމަށް ބަލައި ކަމަށް މަޖިލީހުގެ ޤަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

މަޖިލީހުގެ ރިޔާސަތު ބެލެހެއްޓުމަށް ކަނޑައެޅި މެމްބަރުންނާއި ޚިދުމަތުގެ މުއްދަތު

* މީދޫ ދާއިރާގެ މެންބަރު، އަހުމަދު ސިޔާމް - 19 އަހަރާއި 3 މަސް
* މާމިގިލީ ދާއިރާގެ މެންބަރު، ޤާސިމް އިބްރާހީމް - 15 އަހަރު
* އޭދަފުށި ދާއިރާގެ މެންބަރު، އަހުމަދު ސަލީމް - 15 އަހަރު
* ހަނިމާދޫ ދާއިރާ މެންބަރު، އަބްދުލް ޢަފޫރު މޫސާ - 15 އަހަރު
* މަހިބަދޫ ދާއިރާ މެންބަރު، އަހުމަދު ތާރިޤު - 10 އަހަރު

ރައްޔިތުންގެ މަޖިލީހުގެ ރިޔާސަތު ބަލަހައްޓަވަން ފަސް މެންބަރުން ކަނޑައަޅާފައިވާއިރު، މި މެންބަރުން ރިޔާސަތު ބަލަހައްޓަވާނީ މަޖިލީހުގެ ރައީސް އަދި ނައިބު ރައީސް ނެތް ހާލަތުގައެވެ. އަދި ރިޔާސަތު ބަލަހައްޓާ މެންބަރުން ތަރުތީބުވާނީ އެންމެ ގިނަ ދުވަހު ޚިދުމަތް ކުރެއްވި މެންބަރުގެ ތަރުތީބުންނެވެ.

މިހާރު ކުރިއަށްދާ 20 ވަނަ ރައްޔިތުންގެ މަޖިލީހުގައި 93 މެންބަރުން ތިއްބަވާއިރު، އޭގެ ތެރެއިން 26 މެންބަރުން ފިޔަވާ ދެން ތިބި ހުރިހާ މެންބަރުންނަކީ މުޅިން އަލަށް މަޖިލީހަށް ހޮވުނު މެމްބަރުންނެވެ.