ޚަބަރު

ހޮޓެލް ޖެން ކައިރީ ޕާކިން ޒޯނެއްގައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލައިފި


  • މިމައްސަލަ ރިޕޯޓްކޮށްފައިވަނީ ދަންވަރު 3:03 ހާއިރު

  • 7 ސައިކަލަކާއި ވޭނަކަށް ގެއްލުން ލިބިފައިވޭ

ހޮޓެލް ޖެން ކައިރީ ހުރި ސައިކަލްތަކެއްގައި ރޯކޮށްލި މީހާ ދެނެގަނެވިފައިވާ ކަމަށާއި، އޭނާ ހައްޔަރު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވެއްޖެއެވެ.

މެދު ޒިޔާރަތްމަގުގައި ހޮޓެލް ޖެން ކައިރީ ޕާކިން ޒޯނެއްގައި ހުރި ސައިކަލުތަކެއްގައި ރޯކޮށްލި މައްސަލަ ފުލުހުންނަށް ރިޕޯޓުކޮށްފައިވަނީ ދަންވަރު 3:03 ހާއިރުއެވެ. ފުލުހުންގެ ޚިދުމަތުން ވިދާޅުވީ 7 ސައިކަލަކާއި ވޭނަކަށް ގެއްލުން ވެފައިވާކަމަށެވެ. އޭގެ ތެރެއިން 3 ސައިކަލެއް ބޭނުން ނުކުރެވޭ ވަރަށް އަނދާފައިވާ ކަމަށެވެ.

ފުލުހުންގެ ޚިދުމަތުން ވިދާޅުވީ ސައިކަލްގައި ރޯކޮށްލި ފަރާތް މިހާރު ދެނެގަނެވިފައިވާ ކަމަށާއި އޭނާ ހައްޔަރުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

މިމައްސަލަ ފުލުހުން ގެންދަނީ ތަޙްޤީގުކުރަމުންނެވެ.