ޚަބަރު

ޕީއެސްއެމްއިން ޔޫރޯ ގެނެސްދެނީ ރައްޔިތުންގެ އިތުބާރު އޮތް ކުންފުނިތަކުގެ އެހީއާއެކު، ފޯރި ގަދަވާނެ!


  • ޕީއެސްއެމް ފޯރީގެ ސްޕޮންސަރ އެގްރިމެންޓުގައި 9 ކުންފުންޏަކުން ސޮއިކުރި

  • އެގްރިމެންޓުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރ ޒީނާ

  • ހުރިހާ ކުންފުންޏަކީވެސް ވަރަށް ޚިދުމަތްތެރި ކުންފުނިތަކެއް

ޔޫރޯ ފުޓްބޯޅަ މުބާރާތުގެ ޚާއްޞާ ކަވަރޭޖް "ޕީއެސްއެމް ފޯރި 2024" ޕީއެސްއެމްއިން ގެނެސްދޭނީ ރާއްޖޭގެ އެންމެ ބޮޑެތި އަދި ރައްޔިތުންގެ ލޯތްބާ އިތުބާރު ހޯދާފައިވާ ކުންފުނިތަކާއި ގުޅިގެންނެވެ. މި ކަވަރޭޖު ގެނެސްދިނުމަށް ޕީއެސްއެމުން ވަނީ އެ ކުންފުނިތަކާއެކު އެއްބަސްވުމުގައި ސޮއިކޮށްފައެވެ.

މިފަހަރުގެ ޔޫރޯއަށް ޚާއްޞަ ކަވަރޭޖް "ޕީއެސްއެމް ފޯރި" ސްޕޮންސަރުންނާއިއެކު، ސޮއިކުރީ ކަވަރޭޖް ލޯންޗުކުރުމަށް ބޭއްވި ރަސްމީއްޔާތުގެ ތެރެއިންނެވެ. އެގޮތުން ޖުމްލަ 9 ފަރާތަކާއެކު ޕީއެސްއެމުން ވަނީ ސޮއިކޮށްފައެވެ. މި އެއްބަސްވުންތަކުގައި ޕީއެސްއެމްގެ ފަރާތުން ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ޒީނާ ޒާހިރެވެ.

"ޕީއެސްއެމް ފޯރި" މި ކަވަރޭޖުގެ އެންމެ ބޮޑު ސްޕޮންސަރަކީ ދިވެހި ރައްޔިތުންގެ ވިޔަފާރި ކުންފުނި އެސްޓީއޯއެވެ. އެކުންފުންޏަކީ ރާއްޖޭގެ ކާބޯތަކެތިތީގެ ރައްކާތެރިކަން ކަށަވަރު ކުރުމާއި، ދިވެހިންނަށް ބޭނުންވާ ބޭހުގެ އިތުރުން ޢިމާރާތް ކުރުމުގެ ސިނާޢަތުގައި އެންމެ ނަންހިންގާ ކުންފުންޏެވެ. އެކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެސްޓީއޯގެ ޖެނެރަލް މޭނޭޖަރ އެޑްމިނިސްޓްރޭޝަން މަރިޔަމް ޕަރުވީން އަބްދުލް ފައްތާޙް އެވެ.


އެސްޓީއޯގެ އިތުރުން ސްޕޮންސަރުންގެ ތެރޭގައި ސްޓެލްކޯ ހިމެނެއެވެ. މާލެ ސަރަހައްދަށް ކަރަންޓު ޚިދުމަތް ދިނުމަށް 1949 ވަނަ އަހަރުން ފެށިގެން އެކި ގޮތްގޮތަށް މަސައްކަތް ކުރަމުން އަންނަ ސްޓެލްކ އަކީ ދިވެހިންގެ އިތުބާރާއި ބޮޑު ޔަޤީންކަން ލިބިފައިވާ ކުންފުންޏެކެވެ. އެ ކުންފުނީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، ޑެޕިއުޓީ މެނޭޖިންގ ޑިރެކްޓަރ އައިޝަތު މުޒްނާއެވެ.

ޕީއެސްއެމް ފޯރީގެ ސްޕޮންސަރެއްގެ ގޮތުގައި މިފަހަރު ރާއްޖޭގެ މަޝްހޫރު ރީޓެއިލް އަދި ހޯލްސޭލް ވިޔަފާރި އެމްއެޗްއޭންވެސް ވަނީ ބައިވެރިވެފައެވެ. އެމްއެޗްއޭއަކީ ދިވެހިންގެ ތެރޭގައި މަޤުބޫލު ބްރޭންޑުތަކެއް ކަމަށްވާ، ނެސްލޭ ނެސްޓަމް، ސެރެލެކް ލެކްޓޮޖެންގެ އިތުރުން ގިނަ ބައެއްގެ މެދުގައި މަޤުބޫލު ނީޑޯ ކިރު އެތެރެކޮށް ވިއްކާ ފަރާތެކެވެ. އެމްއެޗްއޭގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެކުންފުނީގެ އެޗްއާރް އެންޑް އެޑްމިން މެނޭޖަރ ޢަލީ އާދަމްއެވެ.

ގިނަ ބެލުންތެރިންނަށް ޝަޢުޤުވެރި މަޢުލޫމާތުތަކެއް ހިމަނައިގެން ގެނެސްދޭ "ޕީއެސްއެމް ފޯރި" ކަވަރޭޖުގެ ސްޕޮންސަރުންގެ ތެރެއިން އެމްޕީއެލްވެސް ފާހަގަކޮށްލެވެއެވެ. ރާއްޖޭގެ އިޤްތިޞާދީ ދޮރުވާނުން ކަމަށްވާ އެމްޕީއެލް އަކީ އިމްޕޯޓަށް ބަރޯސާވެފައިވާ ރާއްޖޭގެ އިޤްތިޞާދަށް ދެވަނައެއް ނުވާ ބައިވެރިއެކެވެ. އެމްޕީއެލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެކުންފުނީގެ ބިއުރޯ ޗީފް އައިޝަތު ޝިމްލާއެވެ.

ޔޫރޯއަށް ޚާއްސަކޮށްގެ ގެނެސްދޭ ކަވާރޭޖުގެ ތެރެއިން ބެލުންތެރިންނަށް ސްކޯ ދިމާ ކުރުމަށް ފުރުޞަތު ހުޅުވާލާނެއެވެ. އެހެންކަމުން އެމްޓީސީސީއަކީ މި ކަވަރޭޖްގެ މުހިންމު ބައިވެރިއެކެވެ.

ރާއްޖޭގެ ބަލާލީ ކޮންމެ ރަށަކުންވެސް އެކުންފުނީގެ މަސައްކަތް ނުފެންނަ ރަށެއް ނެތޭވެސް ދެންނެވިދާނެއެވެ. ތަރައްޤީގެ އެންމެ ބޮޑު އެއް ހިއްސާދާރު ކަމަށްވާ އެމްޓީސީސީގެ ފަރާތުން ކަވަރޭޖް ސްޕޮންސަރ ކޮށްދިނުމުގެ އެއްބަސްވުމުގައި ސޮއިކުރެއްވީ، އެކުންފުނީގެ ސީއީއޯ އަބްދުﷲ ޒިޔާދެވެ.

އެމްޑަބްލިއުއެސްސީވެސް ކަވަރޭޖުގެ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދެއެވެ. މާލެ ސަރަހައްދަށް ފެނުގެ ޚިދުމަތް ފޯރުކޯށްދެމުންދާ އެމްޑަބްލިއުއެސްސީ އަކީ ފެނާއި ނަރުދަމާ ޚިދުމަތް ދިނުމުގައި ރައްޔިތުންގެ އިތުބާރު ހޯދާފައިވާ ކުންފުންޏެކެވެ. އެކުންފުނީގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ކުންފުނީގެ މެނޭޖިންގް ޑިރެކްޓަރ ޢަބްދުލް މަތީން މުހައްމަދެވެ.

ހުޅުމާލެ ތަރައްޤީކޮށް އަދި މިވަގުތު ރާއްޖޭގެ ޢުމްރާނީ ތަރައްޤީގެ މުހިންމު މަސައްކަތްތަކެއް ކުރަމުންދާ އެޗްޑީސީ އަކީ ޕީއެސްއެމް ފޯރި ކަވަރޭޖުގެ މުހިންމު އެއް ބައިވެރިއެކެވެ. އެގޮތުން ހުޅުމާލެ ތަރައްޤީ ކުރުމުން ފެށިގެން ދިވެހިންގެ ސިނާޢީ ހަބު ކަމަށްވާ ތިލަފުށީގެ ތަރައްޤީގެ މަސައްކަތް ކުރަމުންދާ އެޗްޑީސީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ، އެކުންފުނީގެ ޗީފް ބިޒްނަސް އޮފިސަރ ޢަބްދުﷲ ޔާމީނެވެ.

މި ކަވަރޭޖްގެ ބޭންކިންގް ޕާޓްނަރ އަކީ ދިވެހީންގެ ބޭންކް، ބޭންކް އޮފް މޯލްޑިވްސްއެވެ. ރާއްޖޭގެ އެންމެ ގިނަ ރައްޔިތުންނަށް ބޭންކުގެ ޚިދުމަތްދެމުންދާ އަދި ހުރިހާ ދިވެހިންނާއިވެސް ގުޅިފައިވާ ބޭންކް އޮފް މޯލްޑިވްސްގެ ފަރާތުން ކަވަރޭޖުގެ ބޭންކިންގް ޕާޓްނަރެއްގެ ގޮތުގައި އެއްބަސްވުމުގައި ސޮއިކުރެއްވީ، އެކުންފުނީގެ މާކެޓިންގް އެންޑް ކޮމިއުނިކޭޝަން މެނޭޖަރ ޢަލީ ރިއާދެވެ.


މިކަވަރޭޖުގެ ޑިޖިޓަލް ޕާޓްނަރަކީ ރާއްޖޭގެ މުޢާސަލާތީ ޚިދުމަތް ދިނުމުގެ އެންމެ ގިނަ ދުވަހު މަސައްކަތްކޮށް ދާއިރާއަށް ގިނަ ކުރިއެރުންތަކެއް ހޯދައިދީފައިވާ ކުންފުނި ދިރާގެވެ. ދިރާގަކީ މިހާރުވެސް ރާއްޖޭގެ އެންމެ އިތުބާރު އޮތް އަދި ރައްޔިތުން ގުޅުވާލަދޭ ބައިވެރިޔާއެވެ. އެއްބަސްވުމުގައި ދިރާގުގެ ފަރާތުން ސޮއިކުރެއްވީ، އެކުންފުނީގެ ޑިރެކްޓަރ ބްރޭންޑް އެންޑް މާކެޓިންގް ކޮމިއުނިކޭޝަން މުހައްމަދު މިރުޝާން ޙަސަންއެވެ.

ޔޫރޯއަށް ޚާއްސަކޮށްގެން ޕީއެސްއެމުން ހާއްސަ ކަވަރޭޖެއް ގެނެސްދިނުމަށް ތައްޔާރުވެފައިވާއިރު، ޔޫރޯގެ މެޗުތައް ލައިވްކޮށް ފުރިހަމަ އެޗްޑީ ކޮލިޓީގައި ބެލުންތެރިންނަށް ފޯރުކޮށް ދިނުމަށް ރާއްޖޭގައި ރައިޓްސް އޮތް ހަމައެކަނި ފަރާތަކީ ޕީއެސްއެމްއެވެ.