ތަޢުލީމު

ކެރިއަރ ގައިޑެންސް: ދަރިވަރުން ވިސްނަންޖެހޭ މުހިއްމު ކަމެއް


ކެރިއަރ ގައިޑެންސަކީ ކޮންމެ ސްކޫލް ދަރިވަރަކު، އެކުއްޖެއްގެ މެދު މަދުރަސީ ފެންވަރުގައި ވިސްނަންޖެހޭ މުހިންމު ކަމެކެވެ. އެގޮތުން ގްރޭޑް ހަތަކުން ފެށިގެން ކޮންމެ ކުއްޖަކުވެސް މަސައްކަތުގެ މައިދާނަށް ނުކުންނައިރު އާމްދަނީ ހޯދުމަށް ކުރާނެ މަސައްކަތެއް އިޚްތިޔާރުކުރުމާމެދު ވިސްނަންޖެހެއެވެ. ގްރޭޑް ހަތަކުން ފެށިގެން ކޮންމެ ކުއްޖަކުވެސް މަސައްކަތުގެ މައިދާނަށް ނުކުންނައިރު އާމްދަނީ ހޯދުމަށް ކުރާނެ މަސައްކަތެއް އިޙްތިޔާރުކުރުމުގެ ގޮތުން ވިސްނަންޖެހޭ ސަބަބަކީ، ގްރޭޑް ހަތެއް ނިންމުމަށްފަހު ކުރިއަށްދާން ކޮންވެސް ސްޓްރީމެއް ޚިޔާރުކުރަންޖެހޭތީއެވެ. އެހެންކަމުން އެކުއްޖަކު ޝައުޤުވެރިކަން ހުންނަ ހުނަރަކާމެދު ވިސްނައި، އެކުއްޖަކު އަމިއްލައަށް ކުރިއަރައި ދާން އެންމެ ފުރުޞަތު ބޮޑުކޮށް އޮތީ ކޮން ދާއިރާތަކަކުންތޯ ބަލައި ގޮތެއް ނިންމުން ވަރަށް މުހިންމެވެ.

މިގޮތުން މިކަމުގައި އެކުއްޖެއްގެ ސްކޫލާއި، ބެލެނިވެރިން އެހީތެރިކަން ފޯރުކޮށްދޭންޖެހެއެވެ. މިދާއިރާއިން އެހީތެރިކަން ހޯދޭނެ ކަންކަމުގެ ތެރޭގައި، ދަރިވަރު އަމިއްލައަށް ތަފާތު މަޢުލޫމާތުގެ ވެބްސައިޓްތަކުން މަޢުލޫމާތު ހޯދިދާނެއެވެ. އަދި ޒުވާނުންނަށް ވަޒީފާދޭ އެކިއެކި މަރުކަޒުތައް މެދުވެރިކޮށް، ސުކޫލުން އެކުދިންނަށް މަޢުލޫމާތު ފޯރުކޮށްވެސް ދެވިދާނެއެވެ. ރާއްޖޭގެ ވަޒީފާގެ ބާޒާރުގައި މިހާރު ހުރި އަދި ކުރިއަށް އޮތްތާނގައި ހުންނާނެ ވަޒީފާތައް ބަލައި، އެކަމާމެދު ވިސްނަން ފަށަންޖެހޭ މަރުޙަލާއަކީ، މެދު މަދުރަސީ މަރުޙަލާއެވެ. ބައެއް ދަރިވަރުންނަކީ ސްކޫލް ނިންމުމުގެ ކުރިން ކުރިއަށްދާނެ ދާއިރާއެއް ނިންމާފައިނުވާ ކުދިންނެވެ. އެފަދަ ކުދިންނަށް ރަނގަޅު ވަޒީފާއެއް ހޯދުމަށް ދަތިވެއެވެ. ސަބަބަކީ ރާއްޖޭގައި ވަޒީފާ ލިބެން އޮތް މިންވަރާއި ނުބައްދަލު ވާވަރަށް ވަޒީފާ ބޭނުންވާ ފަރާތްތައް ގިނަވުމެވެ.

މިކަމާގުޅޭގޮތުން ރާއްޖޭގައި އެންމެ ގިނަ މުވައްޒަފުން ވަޒީފާ އަދާކުރާ މުއައްސަސާކަމަށްވާ، ސިވިލް ސަރވިސް ކޮމިޝަންގެ ރައީސް ޑރ.ޢަލީ ޝަމީމް ވިދާޅުވީ، ސްކޫލް މާޙައުލުން، ރާއްޖޭގައި ހުރި ވަޒީފާތަކަކީ ކޮބައިކަން އެނގޭގޮތަށް މަޢުލޫމާތު ދެއްވުމާއި، ކުދިން ވަޒީފާއަށް ޝައުޤުވެރިކުރުން މުހިންމުކަމަށެވެ. ޝަމީމް ވިދާޅުވީ، ގިނަ ކުދިން އިދާރީ މަސައްކަތްކުރުމަށް ޚިޔާލުކުރާކަމަށެވެ. ނަމަވެސް އިދާރީ މަސައްކަތަށް މިހާރު ފުރުޞަތު ކުޑަކަމަށާއި، ފަންނުވެރި ދާއިރާތަކުން ކުރިއަށް ދިއުމަށް ދަރިވަރުންނަށް ޑރ. ޢަލީ ޝަމީމް އިލްތިމާސްކުރެއްވިއެވެ.

ރާއްޖޭގައި މިހާރު ވަޒީފާ ދިނުމުގައި ތަޖުރިބާއާއި ހުނަރުހުރުމަށް ޝަރުތުކުރާކަމަށާއި، އެހެންކަމުން އިންޓަރންޝިޕް ޕްރޮގްރާމް ފަދަ ޕްރޮގްރާމްތަކުގައި ބައިވެރިވުމުގެ މުހިންމުކަން ޑރ.ޝަމީމް ފާހަގަކުރެއްވިއެވެ. އެޑިއުކޭޝަން މިނިސްޓްރީން މިހާރުވެސް ރާއްޖޭގެ ސްކޫލްތަކުގައި އިންޓަންޝިޕް ޕްރޮގްރާމްތައް ހިންގަވައެވެ. އޭގެތެރޭގައި ބީޓެކް، އެޕްރެންޓިސްޝިޕް އަދި ދަސްވާރު ޕްރޮގްރާމްތައް ހިމެނެއެވެ.

ސްކޫލްގައި ކިޔަވާއިރު ލިބޭ އެންމެ ބޮޑު ޗުއްޓީގައި، ދިރިއުޅުމުގައި މަސައްކަތުގެ ދާއިރާ ތަޖުރިބާކޮށްލުމަކީ ދަރިވަރުންނަށް އޭގެ ވަރަށް ގިނަ ފައިދާ ކުރާނެ ކަމެކެވެ. ތަފާތު މީހުންނާއެކީ އުޅެން އެނގުމާއި، އޮފީހުގައި ކުރާ މަސައްކަތް އެނގި، ވަގުތު ހެޔޮގޮތުގައި ބޭނުންކުރުމާއި، އިސްނަގައިގެން ކަންކަން ކުރަން ފަސޭހަވެގެންދާނެއެވެ. މިއީ ދިރިއުޅުމުގެ ހުނަރު ދަސްވާކަމެކެވެ.