ތަޢުލީމު

ޓީޗަރުންގެ މަސްލަޙަތަކީ ކުދިންގެ މަސްލަޙަތު- މިނިސްޓަރ


ޓީޗަރުންނާއި ތަޢުލީމީ ދާއިރާގައި ޙަރަކާތްތެރިވާ ހުރިހާ އެންމެންގެ މަސްލަޙަތަކީ ކުދިންގެ މަސްލަޙަތުކަމުގައި ހެދުމަށް އެޑިއުކޭޝަން މިނިސްޓަރ އިލްތިމާސްކުރައްވައިފިއެވެ. 

މިނިސްޓަރ މިގޮތަށް އިލްތިމާސްކުރެއްވީ، އިސްކަންދަރު ސްކޫލްގެ 55 ވަނަ އަހަރީ ދުވަހުގެ ޚާއްޞަ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިސްކަންދަރު ސްކޫލްގެ 55 ވަނަ އަހަރީ ދުވަސް ފާހަގަކުރެއްވުމުގެ ގޮތުން ބޭއްވެވި ޚާއްޞަ އެސެމްބްލީގައި ވާހަކަފުޅު ދައްކަވަމުން އެޑިއުކޭޝަން މިނިސްޓަރ ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ، އިސްކަންދަރު ސްކޫލަކީ ހުރިހާ ގޮތަކުންވެސް ވަރަށް ޚާއްޞަ ސްކޫލެއްކަމަށެވެ. މިނިސްޓަރ ވިދާޅުވީ މިކަން އެންމެ ބޮޑަށް އެނގިގެންދަނީ، ކޮންމެ އަހަރަކުވެސް ކުދިން ސްކޫލަށް ވެއްދުމަށް އަންނަ ބެލެނިވެރިންގެ ޝައުޤުވެރިކަމަށް ބެލުމުން ކަމަށެވެ. 

ސްކޫލެއްގެ ކަންކަން ހިނގާނީ ވަރަށް ގިނަ ބައެއްގެ އެހީތެރިކަމާއެކުކަން ފާހަގަކުރައްވަމުން މިނިސްޓަރ ވިދާޅުވީ، ކިޔަވާ ކުދިންނަށް އެންމެ ފައިދާ ކުރާނެ ގޮތަކީ، އެންމެންގެ މަސްލަޙަތަކީ ކުދިންގެ މަސްލަޙަތުކަމުގައި ދެކުންކަމަށެވެ.

މިނިސްޓަރ ވިދާޅުވީ، ކުޑަކުދިން އުފާވެރި ކުދިންގެ ގޮތުގައި ބޮޑުކުރުމަށް ހުރިހާ އެންމެންވެސް ސަމާލުކަން ދެއްވަންޖެހޭ ކަމަށެވެ. ކުޑަކުދިންގެ ދުވަސް މިއަދު ފާހަގަ ކުރަމުންދާއިރު، އެކުދިންނަށް އެފާވެރި މާޙައުލެއް ހޯދައިދެއްވުމުގެ މުހިއްމުކަން ފާހަގަކުރެއްވިއެވެ. މިއެމްބްލީގައި އިސްކަންދަރު ސްކޫލްގެ 55 ވަނަ އަހރީ ދުވަހުގެ ކޭކުވެސް އެޑިއުކޭޝަން މިނިސްޓަރ ފަޅުއްވައިދެއްވިއެވެ.