ޚަބަރު

ރައީސް މުއިއްޒު މި ނިންމެވީ އެއްވެސް ރައީސަކަށް ނިންމަވަން ކެރިވަޑައިނުގަތް ނިންމެވުމެއް!


  • ދިވެހި ސަރުކާރުން ވަނީ އިސްރާއީލުގެ ޕާސްޕޯޓް މަނާކުރަން ނިންމަވާފައި

ހައްދުފަހަނަ އަޅާފައިވާ ޔަހޫދީން ފަލަސްތީނުގެ ބިންތައް ވެރިވެގެން، ފަލަސްތީނުގެ ރައްޔިތުންނަށް ދެމުންދާ ލާއިންސާނީ އަނިޔާތަކާއި ގަތުލްއާއްމުތަކާއި ދެކޮޅަށް ދިވެހިރާއްޖެއިން އަޑުއުފުލާތާ އެތައް އަހަރެއްވެއްޖެއެވެ. އެ މަސައްކަތުގެ ދަށުން ބައިނަލްއަޤްވާމީ އެކި ޕްލެޓްފޯމްތަކުގައި ދިވެހިރާއްޖެއިން ދަނީ ފަަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ވަކާލާތުކުރަމުންނެވެ. ފަލަސްތީނުގެ މިނިވަން ދައުލަތެއް ޤާއިމްކުރުމަށް އެ ޤައުމުން ކުރަމުންދާ މަަސައްކަތުގައި ރާއްޖެއަކީ މެދުކެނޑުމެއް ނެތި އަޑު އުފުލަމުންދާ ޤައުމެކެވެ. ދިވެހި ސަރުކާރުގެ އިތުރުން، ދިވެހި ރައްޔިތުންވެސް ދަނީ ފަލަސްތީނުގެ ހައްގުގައި އެތައް މަސައްކަތެއް ކުރަމުންނެވެ. ފަލަސްތީނަށް އެހީވާން ބޮޑެތި ހަރަކާތްތައް ހިންގުމުގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުންނަށް އަނިޔާވެރިވަމުންދާ ޔަހޫދީންގެ ވިޔަފާރިތައް ބޮއިކޮޓްކުރުމުގައި ދިވެހިން ގެންދަނީ ނަމޫނާ ދައްކަމުންނެވެ.

ފަލަސްތީނުގެ ހައްގުގައި ދިވެހިން އެތައް މަސައްކަތެއް ކުރަމުންދާއިރު، އެ ރައްޔިތުންގެ އެންމެ ބޮޑު ޝަކުވާއަކަށް ވެފައިވަނީ އިސްރާއީލުގެ ޔަހޫދީން ރާއްޖެ އައުން މަނާކޮށްފައި ނެތުންކަން ސޯޝަލް މީޑިއާއަށް ބަލާލުމުން ހާމަވެއެވެ. އިސްރާއީލުގެ ޕާސްޕޯޓުގައި ޔަހޫދީން ރާއްޖެ އައިސް، ރާއްޖޭގެ ގޮނޑުދޮށްތަކުގައި ޗުއްޓީ ހޭދަކޮށް ހިތްހަމަޖައްސަން ތިބުމަކީ ދިވެހިންނަށް ބަލައިގަނެވޭނެކަމެއް ނޫންކަން އެމީހުންގެ ޝުއޫރުތަކުން ވަރަށް ރަނގަޅަށް ހާމަވެއެވެ.

މިދިޔަ އަހަރުގެ އޮކްޓޫބަރުމަހު އިސްރާއީލުން ފަލަސްތީނުގެ ކުށެއް ނެތް ރައްޔިތުންނާއި ދެކޮޅަށް ގަތުލްއާއްމެއް ފެށި ހިސާބުން ދިވެހި ރައްޔިތުން ދަނީ އިސްރާއީލުގެ ޕާސްޕޯޓް މަނާކުރުމަށް ގޮވާލަމުންނެވެ. ނަމަވެސް އޭރު އޮތް އެމްޑީޕީގެ ސަރުކާރުން އިސްރާއީލުގެ ޕާސްޕޯޓް މަނާކުރުމަށް ރައްޔިތުންގެ ގޮވާލަމުންދިޔަ ގޮވާލުމަށް ދީފައިވަނީ ބީރު ކަންފަތެކެވެ. މަޖިލީހުގެ ސުޕަރ މެޖޯރިޓީ އޮތްއިރުވެސް އިސްރާއީލުގެ ޕާސްޕޯޓް މަނާކުރުމަށް ޤާނޫނަށް އިސްލާހު ހުށަހެޅުމަށް އެއްވެސް ވަރެއްގެ މަސައްކަތެއް ކޮށްފައެއް ނުވެއެވެ. ހަމައެކަނި ފަލަސްތީނުގެ މައްސަލަތަކުގައި ނެރޭ ނޫސް ބަޔާން ފިޔަވައި ކުރި މަސައްކަތެއް ފެންނަން ނެތްއިރު، ބައިނަލްއަޤްވާމީ ޕްލެޓްފޯމްތަކުގައި ފަލަސްތީނުގެ ހައްގުގައި އަޑު އުފުލުމުގައިވެސް މާބޮޑު މަސައްކަތެއް ކޮށްފައެއް ނެތްކަން ހާމަވެއެވެ. އޭގެބަދަލުގައި ފެނިފައިވަނީ ސިއްރުން އިސްރާއީލުގެ ސަރުކާރާއި ގުޅުން ބަދަހިކުރަން އުޅުނު މަންޒަރުތަކެކެވެ. އެމީހުންގެ ފްލައިޓްތަކާއި ޑޮކްޓަރުން ރާއްޖެއަށް ގެންނަން ބަޔަކު މަސައްކަތްކުރިކަން އެއީ މިޑީއާތަކުގައި ފެންނަން ހުރި ކަންކަމެވެ.

ކޮންމެ ސަބަބަކާއި ހުރެކަމަށްވިޔަސް، އެމްޑީޕީއާއި މީގެކުރިން ވެރިކަންކުރި އެއްވެސް ސަރުކާރަށް އިސްރާއީލުގެ ޕާސްޕޯޓް މަނާކުރުމަށް މާބޮޑު މަސައްކަތްތަކެއް ކޮށްފައި ނެތްކަން ނުވަތަ "ނުކެރުކަން" އެއީ ޤަބޫލުކުރަންޖެހޭ ހަޤީޤަތެކެވެ. އެހެންކަމުން ގިނަ ބަޔަކު ޤަބޫލުކޮށްގެން ތިބީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރަށްވެސް އިސްރާއީލުގެ ޕާސްޕޯޓް މަނާކުރުމަކީ ނުވާނެކަމެއްކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަޤާމާއި ހަވާލުވެވަޑައިގަތުމަށްފަހު ވަނީ ފަލަސްތީނުގެ ހައްގުގައި ދިވެހި ސަރުކާރުން އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއްވެސް އަޅުއްވާނެކަމުގެ ޔަގީންކަން ދެއްވާފައެވެ. ވިދާޅުވި ބަސްފުޅާއި އެއްގޮތަށް ފުރަތަމަ ދުވަހުން ފެށިގެންވެސް ރައީސް މުއިއްޒުގެ ސަރުކާރުން ގެންދަވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އެތައް މަސައްކަތެއް ކުރައްވަމުންނެވެ. ބައިނަލްއަޤްވާމީ ކޮންމެ ޕްލެޓްފޯމެއްގައިވެސް ރައީސުލްޖުމްހޫރިއްޔާގެ ހައިސިއްޔަތުން ލިބިވަޑައިގަންނަވާ ކޮންމެ ފުރުސަތެއްގައި، އެއްވެސް ވަރަކަށް ޖެހިލުންވެވަޑައިނުގަތް ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އެތައް މަސައްކަތެއް ރައީސް މުއިއްޒު ގެންދަވަނީ ކުރައްވަމުންނެވެ. ބަޔަކު ބުނެފާނެ އެއްޗަކަށް، އަޅާފާނެ ފިޔަވަޅަކަށް، ނުވަަތަ ކުރިމަތިވެވަޑައިގަންނަވާ ކަމަކަށް ބެެއްލެވުމެއް ނެތި ފަލަސްތީނު ރައްޔިތުންގެ އަޅަން ޖެހުނު ކޮންމެ ފިޔަވަޅެއްވެސް އަޅުއްވާނެކަން މިއަދު ދިވެހި ރައްޔިތުންނަށް ސާފުވާނެއެވެ. އޭގެ އެންމެ އަލިގަދަ ހެއްކަކީ އިސްރާއީލުގެ ޕާސްޕޯޓް ރާއްޖޭގައި މަނާކުރަން އެމަނިކުފާނުގެ ސަރުކާރުން ނިންމެވި ނިންމެވުމެވެ.

އިސްރާއީލުގެ ޕާސްޕޯޓް މަނާކުރަން ނިންމުުމުގެ އިތުރުން، ފަލަސްތީނުގެ ރައްޔިތުން ބޭނުންވާ ކަންކަން ދެނެގަތުމަށް ރައީސުލްޖުމްހޫރިއްޔާގެ ޚާއްސަ މަންދޫބެއް ހަމަޖެއްސެވުމަށްވެސް އެމަނިކުފާނު ވަނީ ނިންމަވާފައެވެ. މީގެ އިތުރުން "ފަލަސްތީނާއެކު ދިވެހިން"ގެ ނަމުގައި މުޅި ރާއްޖޭގައި ހިނގާލުމެއް ބޭއްވުމާއި، އދ.ގެ ރިލީފް އެންޑް ވޯކްސް އެޖެންސީ މެދުވެރިކޮށް ފަލަސްތީނުގައި ހާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް މުޅި ރާއްޖޭގައި ފަންޑްރައިޒްކުރުމުގެ ހަރަކާތްތައް ހިންގުމަށްވެސް ރައީސް މުއިއްޒު ވަނީ ނިންމަވާފައެވެ. އަދި ރާއްޖޭން އިސްނަގައިގެން ފަލަސްތީނުގެ މައްސަލައިގައި އަވަސް ހައްލެއް ގެނައުމަށް އިސްލާމީ ޤައުމުތައް އެކުވެގެން މަޝްވަރާ ބައްދަލުވުންތައް ބޭއްވުމަށްވެސް ރައީސް މުއިއްޒުގެ ސަރުކާރުން ނިންމެވުމަކީ، މީގެކުރިން އެއްވެސް ސަރުކާރުން ނުކުރާ ވަރުގެ މަސައްކަތެއް މި ސަރުކާރުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކުރަމުންދާކަން ސާބިތުކޮށްދޭ ހެކިތަކެކެވެ.

ކޮންމެއަކަސް އިސްރާއީލުގެ ޕާސްޕޯޓް މަނާކުރަން ސަރުކާރަށް ނުކުރޭނެކަމަށް ބުނެ ސިޔާސީ މަޤްސަދެއް ހާސިލުކުރަން ބަޔަކު ވާހަކަތަކެއް ދައްކަމުންދަނިކޮށް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިވަނީ އެމަނިކުފާނު ވިދާޅުވާ ބަސްފުޅާއި އެއްގޮތަށް އަމަލު ކުރައްވާނެކަން ދިވެހި ރައްޔިތުންނަށް އަނެއްކާވެސް ސާބިތުކޮށްދެއްވާފައެވެ. އަނެއްކޮޅުން ކުރު މުއްދަތެއްގެ ތެރޭގައި ރައީސް މުއިއްޒުގެ ސަރުކާރުން ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ކުރެއްވި، އަދި ކުރައްވަމުންދާ މަސައްކަތް ފަލަސްތީނުގެ ރައްޔިތުންނާއި އެ ޤައުމުގެ ސަރުކާރުން ގެންދަނީ ފަހުރުވެރިކަމާއި ޝުކުރުވެރިކަމާއެކު ފާހަގަކުރަމުންނެވެ.

ކޮންމެ ސަބަބަކާއި ހުރެކަމަށްވިޔަސް މީގެކުރިން ވެރިކަން ކުރި އެއްވެސް ރައީސަކަށް ނިންމަވަން ކެރިވަޑައިގަތްނުގަތް ނިންމެވުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމެވުމަކީ އެމަނިކުފާނުގެ ވަރުގަދަ ޝަހުސިއްޔަތު ހާމަކޮށްދޭ އަލިގަދަ ހެއްކެއްކަން ޔަގީނެވެ.