ތަޢުލީމު

އިތުރު ހަރަކާތްތަކުގައި ބައިވެރިވުމުން ކުއްޖާގެ ހުނަރު އިތުރުވޭ


ސްކޫލް ދައުރުގައި ކިޔެވުމުގެ އިތުރަށް ސްކޫލްގައި ހިނގާ އިތުރު ޙަރަކާތްތަކުގައި ބައިވެރިވެރިވުމަކީ ކުއްޖާގެ ހުނަރުތައް އިތުރުވެ، މުޖްތަމަޢުގައި އެހެން މީހުންނާ ގުޅިގެން މަސައްކަތް ކުރުމަށް އެހީތެރިވެދޭ ކަމެކެވެ. ސްކޫލްގެ މިފަދަ އިތުރު ބައެއް ޙަރަކާތްތަކުގައި ޚާއްޞަ ޔުނިފޯމްތައް ބޭނުންކުރެއެވެ. އޭގެ ތެރޭގައި ގާރލްގައިޑް، ލިޓްލް މެއިޑް، ސްކައުޓް، ކެޑޭޓް އަދި ބޭންޑް ފަދަ ޙަރަކާތްތައް ހިމެނެއެވެ. ސްކޫލްގައި ހިންގާ އިތުރު ޙަރަކާތްތަކަކީ ހުރިހާ ކުދިންނަށްވެސް އޭގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލެވިފައިވާ ޙަރަކާތްތަކެވެ. އެގޮތުން ކޮންމެ ސްކޫލެއްގައިވެސް ކިޔެވުމާ ގުޅުންހުރި އެކިއެކި ޖަމްޢިއްޔާތައް އުފައްދާފައި ހުރެއެވެ. އަދި ބައިނަލްއަޤްވާމީ ޖަމްޢިއްޔާތައް ކަމުގައިވާ، ސްކައުޓް އަދި ގާރލް ގައިޑް ފަދަ ޖަމްޢިއްޔާތަކުގެ ޙަރަކާތްތައްވެސް ރާއްޖޭގެ ސްކޫލްތަކުގައި ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. ރާއްޖޭގެ ސްކޫލްތަކުގައި ތަފާތު އެކިއެކި ޔުނިފޯމް ޙަރަކާތްތައް ކުރިއަށް ގެންދެއެވެ. އެގޮތުން ޕްރީ ސްކޫލުން ފެށިގެން މަތީ ސާނަވީއާ ހަމައަށް އެފަދަ ޙަރަކާތްތައް އޮވެއެވެ. ސްކޫލްގައި ކުރިއަށްދާ މިފަދަ އިތުރު ޙަރަކާތްތަކުގައި ބައިވެރިވުމުން، ދަރިވަރުންނަށް ބޭނުންވާނެ ތަފާތު އެކި ހުނަރުތަކާއި އަދި ކުއްޖާގެ މައުލޫމާތުގެ ޚަޒާނާ މުއްސަދިވެގެންދެއެވެ. 

img:http://s4.psmnews.mv/images/660x400/14628627720530.jpg|ސްކޫލެއްގެ އިތުރު ހަރަކާތެއްގައި ތުއްތު ކުދިންތަކެއް ބައިވެރިވަނީ / ފޮޓޯ: ޕީއެސްއެމް

ރާއްޖޭގެ ސްކޫލްތަކަށް ބަލާލާއިރު، ޢާއްމުގޮތެއްގައި ކޮންމެ ސްކޫލެއްގައިވެސް އެންވަޔަރަމަންޓް ކްލަބަކާއި، ދިވެހި ކްލަބެއްގެ އިތުރުން އިނގްލިޝް ކްލަބެއް އޮވެއެވެ. މިހަރަކާތްތަކުގެ އިތުރަށް ސްކޫލްތަކުގައި ކުރިއަށްދާ އެންމެ ފާހަގަކޮށްލެވޭ ހަރަކާތްތަކަކީ އެ ޖަމްޢިއްޔާއަކަށް ޚާއްޞަކުރެވިގެން ވަކި ޔުނިފޯމެއް ބޭނުންކުރާ ޙަރަކާތްތަކެކެވެ. އެއީ ސްކައުޓް، ގާރލް ގައިޑް އަދި ކެޑޭޓްއެވެ.

ގާރލްގައިޑް އެސޯޝިއޭޝަން، ސްކައުޓް އަދި ކެޑޭޓްގެ ބޭފުޅުންވެސް ފާހަގަކުރެއްވިގޮތުގައި އެފަދަ ޙަރަކާތްތަކަކީ ކުއްޖާއަށް އޭގެ ސބަބުން އެތަކެއް ފައިދާތަކެއް ކުރާ ކަމެކެވެ. ޔުނިފޯމް ޙަރަކާތްތަކުގައި އުޅުމުން ކުދިންގެ ދިރިއުޅުމާއި މަސައްކަތުގެ މައިދާނުގައި ބޭނުންވާ އެކިކަހަލަ ހުނަރުތައް ދަސްވެގެންދެއެވެ. އަދި ކުދިންގެ ސްކޫލް ދައުރުގައި ޔުނިފޯމް ޙަރަކާތްތައް ވަރަށް ބޮޑު ދައުރެއް އަދާކުރެއެވެ.

މަދުރަސީ ދައުރުގައި ކްލާސްރޫމުން ބޭރުގައި ހިނގާ އިތުރު ޙަރަކާތްތަކުގައި ބައިވެރިވުމުން މުސްތަޤްބަލުގައި ކަންކަމުގައި އިސްނަގައިގެން އުޅުމުގެ ހުނަރު ތަރައްޤީވެގެންދެއެވެ. ސްކައުޓާއި ގައިޑު އަދި ބޭންޑުގެ ޙަރަކާތްތަކުގައި އުޅޭ ދަރިވަރުންނަށް ޙާޞިލްކުރަން ބޭނުންވާ ގޯލް ކަނޑައަޅައިގެން ކާމިޔާބަށް މަސައްކަތްކުރުމާއި ތާފާތު ގިނަގުނަ ފަރާތްތަކާ ގުޅިގެން މަސައްކަތްކުރުމާއި އަދިވެސް މިނޫންވެސް ތަފާތު ގިނަގުނަ ހުނަރުތައް ޅަފަތުގައި ލިބުމުގެ މަގު ސްކޫލް ދައުރުގައި ތަނަވަސް ވެގެންދެއެވެ.