ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް، ސިޑްސް ނުވަތަ ކުދި ޖަޒީރާ ޤައުމުތަކުގެ މަހާސިންތާގެ މައިގަނޑު އެއް މަޤްޞަދަކީ ކުދި ޖަޒީރާ ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީއާއި ކުރިއެރުމަށް ހުރި ހުރަސް ނައްތާލައި، އެ ޤައުމުތަކަށް ފާގަތިކަން ގެންނަން ކުރަންޖެހޭ މަސައްކަތްތަކަށް މަގުފަހިކޮށްދިނުމެވެ. ސިޑްސް ކޮންފަރެންސޭ ބުނުމުން މިއީ ހަމައެކަނި ތިމާވެށީގެ މައްސަަލަތަކާއި ގުޅޭގޮތުން މަޝްވަރާކުރުމަށް ބާއްވާ ބައްދަލުވުމެއްކަމަށް ބައެއް މީހުންނަށް ހީވެފައި އޮތަސް، ހަޤީޤަތުގައި ސިޑްސް މަހާސިންތާއަކީ ތިމާވެށީގެ މައްސަލަތަކުގެ އިތުރުން، ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީއާ ގުޅޭ މުހިއްމު މަޝްވަރާތަކެއް ކުރިއަށްދާ ކޮންފަރެންސެކެވެ.
މިފަހަރުގެ ސިޑްސް މަހާސިންތާ ކުރިއަށްދިޔައީ ކެރީބިއަންގެ ޤައުމެއްކަމަށްވާ އެންޓީގާ އެންޑް ބާބިޔުޑާގައި މޭމަހުގެ 27 ވަނަ ދުވަހުން ފެށިގެން 30 ވަނަ ދުވަހުގެ ނިޔަލަށެެވެ. މި މަހާސިންތާގެ ޝިއާރަކީ "ޗާރޓިންގ ދަ ކޯސް ޓުވާޑްސް ރިސިލިއަންޓް ޕްރޮސްޕަރިޓީ ނުވަތަ ފާގަތިކަމާ ވިލުންތެރިކަން ހާސިލްކުރުމަށް ހިތްވަރާއެކު މަސައްކަތްކުރުމެވެ.
ރާއްޖޭގެ ފަރާތުން މި ކޮންފަރެންސްގައި މަތީ ފަންތީގެ ވަފްދެއް ބައިވެރިވެވަޑައިގެންނެވިއިރު، ވަފްދުގެ އެންމެ އިސް ވެރިޔަކަށް ހުންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. މީގެކުރިން ބޭއްވި ސިޑްސް މަހާސިންތާތަކުގައި ރާއްޖޭގެ ވެރިން ބައިވެރިވެވަޑައިގެންނެވިނަމަވެެސް، އާއްމު ގޮތެއްގައި ފެންނަނީ އެންމެ ބަޔާނެއް އިއްވަވާ މަންޒަރެވެ. ނަމަވެސް މިފަހަރުގެ ސިޑްސްގައި އެ މަންޒަރު ވަނީ ބަދަލުވެފައެވެ. މި މާހާސިންތާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ ރާއްޖޭގެ ފަރާތުން 7 ބަޔާނެއް އިއްވަވާފައެވެ. ރައީސުލްޖުމްހޫރިއްޔާގެ ބަޔާންތަކުގައި ތަރައްޤީ ހާސިލުކުރުމަށް ރާއްޖެއާއި ކުދި ޖަޒީރާ ޤައުމުތަކަށް ދިމާވެފައިވާ ދަތިތަކާއި، އެ ދަތިތައް ހައްލު ކުރެވެން ހުރި ގޮތްތަކާއި، އެކަންކަން ހާސިލުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް ތަފްސީލީ ގޮތެއްގައި ވިދާޅުވެދެއްވިއެެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަަކަފުޅުތަކުގައި އެންމެ ބޮޑަށް ފާހަގަކުރެއްވީ ކުދި ޖަޒީރާ ޤައުމުތަކަށް އެހީވުމަށް ބައިނަލްއަޤްވާމީ މުޖްތަމަޢުއިން ވެފައިވާ ވައުދުތަކާއި އެއްގޮތަށް އަމަލުކުރަމުން ނުދާ މައްސަލައެވެ. އަދި މޫސުމީ މައްސަލަަތަކުން ލިބޭ ގެއްލުމުން އަރައިގަތުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމުގައި ބޮޑެތި ދަތިތަކެއް ހުރިކަންވެސް ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަރަށް ބޮޑަށް ފާހަގަކުރެއްވިއެވެ. އަދި އެކަންކަމުގެ ސަބަބުން ކުދި ޖަޒީރާ ޤައުމުތަކުގެ ދެމެހެއްޓެނިވި ތަރައްޤީއަށް ހުރަސް އެޅިފައިވާކަމަށާއި، މިއީ އެތައް މިލިއަން ރައްޔިތުންނެއް އުޅެމުންދާ ކުދި ޖަޒީރާ ޤައުމުތަކަށް އޮތް ބޮޑު ނުރައްކަލެއްކަމެއް ވިދާޅުވެ، އެ މައްސަލަ ބައިނަލްއަޤްވާމީ ދުނިޔޭގެ ސަމާލުކަމަށް ރައީސުލްޖުމްހޫރިއްޔާގެ ވާހަަކަފުޅުތަކުގައި ގެންނެވިއެވެ.
ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި މިފަހަރުގެ ސިޑްސް ކޮންފަރެންސަކީ މިހާތަނަށް ސަރުކާރުގެ މަތީ ފަންތީގެ ވަފްދެއް މިފަދަ ކޮންފަރެންސަކަށް ވަޑައިގެން އެންމެ ބުރަކޮށް މަސައްކަތްކުރެއްވި ކޮންފަރެންސެވެ. މީގެކުރިން ރާއްޖޭގެ ރައީސަކު ކޮންފަރެންސެއްގައި ތަޤުރީރު ނުކުރައްވާހާ ގިނައިން ރައީސުލްޖުމްހޫރިއްޔާ ވަނީ ކޮންފަރެންސްގައި ތަޤުރީރުކުރައްވާފައެވެ. ކޮންފަރެންސްގައި ތަގުރީރުތަައް ކުރެއްވުމުގެ އިތުރުން، އެކި ޤައުމުތަކާއި ބައިނަލްއަޤްވާމީ ޖަމާއަތްތަކުގެ ވެރިންނާއި އެމަނިކުފާނު ބައްދަލުކުރެއްވިއެވެ.
ކޮންފަރެންސްގެ ތެރެއިން ކުރިއަށްދިޔަ ބައެއް ބައްދަލުވުންތަކުގެ ރިޔާސަތު ބެލެހެއްޓެވުމުގެ އިތުުރުން، އެކި ދާއިރާތަކަށް ހާއްސަކޮށްގެން ރާއްޖެއިން ބޭއްވި ޕެނަލް ޑިސްކަޝަންތަކުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގެން، ގިނަ ވަގުތުތަކެއް އެ ބައްދަލުވުންތަކުގައި ހޭދަކުރައްވާފައެވެ. ގިނަ ބަޔަކު ފާހަގަކުރާ ގޮތުގައި ސިޑްސް ކޮންފަރެންސްގައި ރައީސުލްޖުމްހޫރިއްޔާ ވަނީ އެމަނިިކުފާނުގެ ލީޑަރޝިޕް ވަރަށް ފުރިހަމައަށް ދައްކަވާފައެވެ. އަދި ސިޑްސް މަހާސިންތާގެ ތެރެއިން ރާއްޖޭގެ އަޑު އިއްވައިދީ، ބައިނަލްއަޤްވާމީ މުޖްތަމައުގެ ސަމާލުކަން ސިޑްސްއާއި ރާއްޖެއަށް ހޯދައިދީފައިވާކަމަށްވެސް ގިނަ ބަޔަކު ޤަބޫލުކުރެއެވެ. އެކަން އެންމެ ބޮޑަށް ހާމަވަނީ ދުނިޔޭގެ ބޮޑެތި މީޑިއާތަކުން ރާއްޖޭގެ ވާހަކަތަކާއި ރާއްޖެއިން ގޮވާލާ ގޮވާލުންތަކަށްދޭ ސަމާލުކަމާއި އެކަންކަމާއި ގުޅޭގޮތުން ގެނެސްދީފައިވާ ރިޕޯޓްތަކުންނެވެ.
4 ދުވަހަށް ކުރިއަށްދިޔަ ސިޑްސް މަހާސިންތާ ނިންމަވާލެއްވުމަށްފަހު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މާލެ ވަޑައިގެންފައިވާއިރު، މިފަހަރުގެ ސިޑްސް ކޮންފަރެންސަކީ ހުރިހާ ޤޮތަކުންވެސް ކާމިޔާބު، އަދި ރާއްޖެއަށް މުހިއްމު ކަންތައްތަކެއް ހާސިލުކުރެވުނު ކޮންފަރެންސެއްކަމަށްވެސް ސަރުކާރުން ޤަބޫލުކުރައްވައެވެ.