ޚަބަރު

ކުރު މުއްދަތެއްގެ ތެރޭގައި ފަލަސްތީނުގެ ހައްގުގައި ގިނަ މަސައްކަތްތަކެއް


  • ރައީސް މުޢިއްޒު ވަނީ ފަލަސްތީނުގެ ހައްޤުޤައި ރާއްޖެއިން ކުރާ މަސައްކަތް އިތުރުކޮށްފައި

ފަލަސްތީނުގެ ހައްޤުޤައި ރާއްޖެއިން ވަކާލާތު ކުރާތާ އެތައް ޒަމާނެއް ވެފައިވާއިރު، ރާއްޖެއަކީ ފަލަސްތީނުގެ ހައްގުގައި އެންމެ ބޮޑަށް އަޑުއުފުލާ އެއް ޤައުމޭ ދެންނެވުމުން ދޮގަކަށް ނުވާނެއެވެ. ބައިނަލްއަޤްވާމީ މައިދާނުގައި ރާއްޖެއިން އަބަދުވެސް އަރަނީ، އަދި މިހާރުވެސް އަރަމުންދަނީ ފަލަސްތީނުގެ ފަޅިއަށެވެ. ފަލަސްތީނުގެ މިިނިވަން ދައުލަތެއް ޤާއިމްކުރުމަށް ރާއްޖެއިން ވަކާލާތުކުރާތާ އެތައް ޒަމާނެއްވެފައިވާއިރު، މިއަދު އެ އަޑު ވަނީ އިތުރަށް ގަދަވެފައެވެ.

ރައީސުލްޖުމުހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަތުމަށްފަހު ފަލަސްތީނުގެ ހައްޤުޤައި ރާއްޖެއިން ކުރާ މަސައްކަތްތައް އިތުރުކޮށް، ފަލަސްތީނުގެ ހައްގުގައި ގޮވާލާ ގޮވާލުންތައް ވަނީ އިތުރުކޮށްފައެވެ. ރާއްޖެ ތަމްސީލްކުރާ ބައިނަލްއަޤްވާމީ ހުރިހާ މައިދާނެއްގައި ރާއްޖެއިން ދަނީ ފަލަސްތީނުގެ ހައްގުގައި އަޑު އުފުލައި، ވަކާލާތުކުރަމުންނެވެ. އެގޮތުން ތިމާވެއްޓާބެހޭ ބައްދަލުވުންތަކާއި، އިޤްތިޞާދީ ބައްދަލުވުންތަކުގެ އިތުރުން ސިއްހަތާއި ބެހޭ ބައިނަލްއަޤްވާމީ ބައްދަލުވުންތަކުގައިވެސް ރާއްޖެއިން ދަނީ ފަލަސްތީނުގެ ހައްގުގައި އަޑު އުފުލަމުންނެވެ.

ރާއްޖެއިން ކުރަމުންދާ މަސައްކަތް ކުޑަ ނޫންކަން ޚުދު ފަލަސްތީނުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުވެސް ޤަބޫލު ކުރައްވައެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ ސަރުކާރުން ކުރައްވާ މަސައްކަތާމެދު ފަޚުރުވެރިކާމަށްވެސް ސަފީރު ވިދާޅުވިއެވެ.

ފަލަސްތީނުގެ ހައްގުގައި އެތައް މަސައްކަތެއް ސަރުކާރުން ކުރަމުންދާއިރުވެސް، އެކަމުގެ ހަގީގަތް އޮޅޭ ގޮތަށް ބައެއް ފަރާތްތަކުން ދަނީ ވާހަކަދައްކަމުންނެވެ. އެގޮތުން ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން އަޅަންޖެހޭ ފިޔަވަޅުތައް ނާޅާކަމަށް ބުނެ، މަޖިލީހަށް އެ މައްސަލަތައް ގެންދިއުމަށްވެސް އިދިކޮޅު ފަރާތްތަކުން ދަނީ މަސައްކަތްކުރަމުންނެވެ.

އިދިކޮޅު އެމްޑީޕީން ފަލަސްތީނުގެ ހައްގުގައި މަސައްކަތްތަކެއް ކުރަންކަމަށް ބުނެ، މަޖިލީހަށް ޤަރާރުތަކާއި ބިލުތައް މިއަދު ހުށަހަޅަމުންދާއިރު، އެ ޕާޓީގެ ސުޕަރ މެޖޯރިޓީ އޮތްވާ އެ މަސައްކަތް ނުކުރީ ކީއްވެތޯ ބުނެ މިއަދު ބައެއް ފަރާތްތަކުން ދަނީ ސުވާލު އުފައްދަމުންނެވެ. އަދި އިދިކޮޅު ފަރާތްތަކަށް މަޖިލީހުގައި ބާރު އޮތްއިރު ފަލަސްތީނުގެ ހައްގުގައި މަސައްކަތް ނުކޮށް ތިބުމަށްފަހު، މިއަދު އެ މަސައްކަތް ފެށުމުން މިއީ ސިޔާސީ މަޤްސަދެއް ހާސިލުކުރަން ކުރާ ކަންތައްތަކެއްކަމަށް ބައެއް ފަރާތްތަކުން ބުނެއެވެ.

ސަރުކާރުން ޤަބޫލުކުރާ ގޮތުގައި ފަލަސްތީނުގެ ހައްގުގައި ކުރުމުއްދަތެއްގެ ތެރޭގައި އެންމެ ގިނަ މަސައްކަތްކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުންނެވެ. އެގޮތުން ފަލަސްތީނުގެ ހައްގުގައި އަޑު އުފުލުމުގެ އިތުރުން، އެ ޤައުމާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުންތައް ބަދަހިކޮށް، އެކި ގޮތްގޮތުން ދަނީ އެހީތެރިކަން ފޯރުކޮށްދެއްވަމުންނެވެ.

މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ އެދިވަޑައިގަތުމަށް ފަލަސްޠީނަށް އެހީވުމަށް ޚާއްސަ ޓެލެތޯނެއް ކުރިއަށް ގެންދިއުމަށް ޕަބްލިކް ސަރވިސް މީޑިއާ، ޕީއެސްއެމުންވެސް ވަނީ ނިންމާފައެވެ. ފަލަސްޠީނުގައި ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް ކުރިއަށްގެންދާ މި ތެލެތޯން ކުރިއަށްގެންދާނީ އިޖުތިމާޢީ ބޮޑު ހަރަކާތެއްގެ ގޮތުގައެވެ. މިއީވެސް ފަލަސްތީނާއި ރާއްޖެއާ ދެމެދު އޮންނަ ގުޅުމާއި، ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްވެސް ފުޅާކުރަމުންދާކަމުގެ ހެއްކެކެވެ.

ސަރުކާރުން ވިދާޅުވާގޮތުން ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން ކުރަންޖެހުނު ކޮންމެ ކަމެއް ކުރަން ސަރުކާރު އޮތީ ތައްޔާރަށެވެ.