ޚަބަރު

ހަމަހަމަ ކަމާއިއެކު ފުލުހުން ޤާނުނޫ ތަންފީޒުކުރާތަން ފެންނަން ޖެހޭ: ސީޕީ


  • ރައްޔިތުންނާއި ގާތުން ޑިއުޓީގެ ބޮޑުބައެއް ހޭދަ ކުރުރަން ސީޕީ ގޮވާލެއްވި

  • މުޖުތަމަޢުގައި ހިނގާ ރަނގަޅުނޫން ކަންކަމާ ދުރުހެލިވާން ވުމަށް ސީޕީ އިލްތިމާސް ކުރެއްވި

  • ފުލުހުން އުނގެނުމަށް އިރުޝާދު ދެއްވި

ހަމަހަމަކަމާއިއެކު ފުލުހުން ޤާނޫނުތައް ތަންފީޒުކުރާތަން ފެންނަން ޖެހޭ ކަމަށް ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާއު ވިދާޅުވެއްޖެއެވެ.

ފުލުހުންގެ 36 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަސްވެނިވިވުމުގެ ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ކޮމިޝަނަރ އޮފް ޕޮލިސް އަލީ ޝުޖާޢު ވިދާޅުވީ، ފުލުުހުން އިސްނަގައިގެން މުޖުތަމަޢުގައި ހުރި މައްސަލަތައް ހައްލުކުރުމަށް މަސައްކަތް ކުރަންޖެހޭ ކަމަށެވެ. އެގޮތުން ރައްޔިތުންހެ ކޮންމެ ކަންބޮޑުވުމަކީ ފުލުހުންގެވެސް ކަންބޮޑުވުމެއްކަން އަމަލާއި ބަހުން ދައްކަން ޖެހޭކަމަށް ސީޕީ ޝުޖާޢު ވިދާޅުވިއެވެ.

އެގޮތުން މަސްތުވާތަކެތީ މައްސަލައިން މިސާލު ނަންގަވާ ސީޕީ ވަނީ އެ ޔުނިފޯމް އެޅި ފުލުުހުން ފެންނަން ތިބުމަކީ އޭގެ ޒާތުގައި ގިނަ މައްސަލަތައް އަމިއްލައަށް ހައްލުވާ ކަމެއްގެ ގޮތުގައި ފާހަގަކޮށްފައެެވެ. އަދި އޮންނަ އުސޫލުގެ ތެރެއިން، ބަލައި ފާސްކޮށް މިފަދަކަންކަން ހުއްޓުވަން ފުލުހުން އިސްވެ މަސައްކަތް ކުރުމަށް ސީޕީ ގޮވާލެއްވިއެވެ.

ފުލުހުންގެ 8 ގަޑިއިރުގެ ޑިއުޓީގެ ބޮޑުބައި ރައްޔިތުންނާއި އެކު ހޭދަކުރުމަށް ގޮވާލައި ސީޕީ ވިދާޅުވީ ޤާނޫނު ތަންފީޒުވާތަން ފެންނަން ޖެހޭ ކަމަށެވެ. އަދި ކަމެއް ރިޕޯޓް ނުކުރާހާ ހިނދަކު ގިނަ ފަހަރު ޑިއުޓީ ނިންމާލެވެނީ، ސްޓޭޝަނުގައި ތިބެގެން ކަމަށް ސީޕީ ވިދާޅުވިއެވެ.

"މަގުތަކުގައި އަމަންކަން ޤާއިމް ކުރެވޭނީ މަގުތަކުގައި ފުލުހުން ހަރަކާތްތެރިވެގެން. ބިޒީ ވާގަޑިތަކުގައި އަމިއްލައަށް އިސްނަގައިގެން ނިކުންނަން ޖެހޭ. ރައްޔިތުންނާއި ރީތި ބަހުން ވާހަކަ ދައްކަން އެބަޖެހޭ. ހަމަހަމަކަމާއިއެކު ޤާނޫނުތައް ތަންފީޒުކުރަން ޖެހޭ. ކަންކަން ހައްލުކުރުމަށް ބާރުގެ ބޭނުން ކުރުމަކީ އެންމެ ފަހުން ކުރާ ކަމެއްގެ ގޮތުގައި ހަދަންޖެހޭ" ސީޕީ ވިދާޅުވިއެވެ.

ފުލުހުންގެ ޚިދުމަތުގެ މައްޗަށް ރައްޔިތުންގެ އިތުބާރު ކުަޑަވެފައިވާކަން ފާހަގަ ކުރައްވާ ފުލުހުންގެ ކޮމިޝަނަރު ވަނީ މުޖްތަމަޢުގައި ހިނގާ ނޭއްގާނީ ކަންކަމުން ފުލުހުން ދުރުހެލިވުމަށް ގޮވާލައްވާފައެވެ. އެގޮތުން މަސައްކަތުގެ މާހައުލުގައި އަދި އާންމު ދިރިއުޅުމުގައިވެސް ޢެ ޚިދުމަތަށް އަދި ޤައުމަށް ދެރަވާ ގޮތަށް ޢަމަލުނުބެހެއްޓުމަށް ސީޕީ އިލްތިމާސްކުރެއްވިއެެވެ.

ސީޕީ ޝުޖާއު ވަނީ ފުލުހުންގެ އިދާރާއަކީ އުނގެނުމަށް ފަހި ފުރުަސަތުތަކެއް އޮތްތަނެއްކަން ފާހަގަ ކުރައްވާ ޕްރޮފެޝަނަލް ބަޔަކަށްވުމަށް އުނގެނުމަށް ހުރިހާ ފުލުުހުންނަށްވެސް އިރުޝާދު ދެއްވާފައެވެ.