ޚަބަރު

ބާބެޑޯސްގެ ބޮޑުވަޒީރާއި ސަރުކާރުން ރައީސުލްޖުމްހޫރިއްޔާއަށް ޚާއްޞަ މެހެމާންދާރީއެއް


  • 'ސިޑްސް' މަހާސިންތާގައި ރައީސް އަދާކުރެއްވި މުހިންމު ދައުރު ބާބެޑޯސްގެ ބޮޑުވަޒީރު ފާހަގަކުރެއްވި

  • ދެ ޤައުމުގެ އިސްވެރިން ވަނީ ސިޑްސް ގުޅިގެން މަސައްކަތްކުރުމަށް މަޝްވަރާކުރައްވާފައި

  • ރައީސްއަށް އެޤައުމުން މަރުހަބާ ދެންނެވުމާއެކު ޚާއްޞަ 'ސައިޓްސީން' އެއް ބޭއްވި

ރައީސުލްޖުމްހޫރިއްޔާ އަށް ބާބެޑޯސްގެ ބޮޑުވަޒީރާއި އެ ޤައުމުގެ ސަރުކާރުގެ ފަރާތްޕުޅުން ޚާއްޞަ މެހެމާންދާރީއެއް އަދާކުރައްވުން / ފޮޓޯ: ރައީސް އޮފީސް

ބާބެޑޯސްގެ ބޮޑުވަޒީރާއި އެ ޤައުމުގެ ސަރުކާރުގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ޚާއްޞަ މެހެމާންދާރީއެއް އަދާކުރައްވައިފިއެވެ.

ބާބެޑޯސްއިން ރައީސުލްޖުމްހޫރިއްޔާއަށް ޚާއްސަ މެހެމާންދާރީއެއް އަދާކުރައްވާފައި މިވަނީ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ ބައިނަލްއަޤްވާމީ މަހާސިންތާގައި ބައިވެރިވެ ވަޑައިގަތުމަށް، އެންޓީގާ އެންޑް ބާބިޔުޑާއަށް އެމަނިކުފާނު ކުރެއްވި ދަތުރުފުޅު ނިންމަވައިލެއްވުމަށްފަހު ދިވެހިރާއްޖެއަށް އެނބުރިވަޑައިގަތުމަށް ފަށްޓަވާފައިވާ ދަތުރުފުޅުގައި ޓްރާންސިޓްކޮށް ބާބެޑޯސްގައި މަޑުކޮށްލެއްވުމުނެނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށް، ބާބެޑޯސްގެ ގްރާންޓްލޭ އެޑަމްސް އިންޓަނޭޝަނަލް އެއާޕޯޓުން މަރްޙަބާ ދެންނެވީ، ބާބެޑޯސްގެ އެކްޓިންގ މިނިސްޓަރ އޮފް ފޮރިން އެފެއާޒް އޮފް ފޮރިން އެންޑް ފޮރިން ޓްރޭޑް އަދި އެ ޤައުމުގެ ރައްޔިތުންގެ މަޖިލީހުގެ މެންބަރު، އޮނަރަބަލް ސީ. ސަންދްރަވީ ހަޒްބަންޑްސް އާއި، ޗީފް އޮފް ޕްރޮޓޮކޯލް، މިސް ރެސާ ލޭން އެވެ.

އެގޮތުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ދިވެހި ވަފްދުގެ ބޭފުޅުންނަށް އެއާޕޯޓް ސަރަޙައްދުގައި ހުރި ބާބެޑޯސްގެ މުހިންމު ރީތި އަދި ތާރީޚީ ތަންތަން ދައްކައިލެއްވުމުގެ ޚާއްޞަ 'ސައިޓްސީން'އެއް އެ ޤައުމުގެ ސަރުކާރުން ވަނީ އިންތިޒާމުކޮށްދެއްވައިފައެވެ.

އަދި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒަށް، ބާބެޑޯސްގެ ބޮޑުވަޒީރު، މިއާ އަމޮރް މޮޓްލީ ވަނީ ފޯނުން ގުޅުއްވައި، ޓްރާންސިޓްކޮށް އެ ޤައުމުގައި މަޑުކޮށްލެއްވީތީ މަރްޙަބާއާއި ޝުކުރު ދަންނަވައިފައެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒާއި، ބާބެޑޯސްގެ ބޮޑުވަޒީރު، މިއާ އަމޮރް މޮޓްލީ ފޯނުން ދެއްކެވި ވާހަކަފުޅުގައި، އެންޓީގާ އެންޑް ބާބިޔުޑާގައި ނިމިގެން މިދިޔަ، ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ ހަތަރުވަނަ މަހާސިންތާގެ ކާމިޔާބީތަކަށް އަލިއަޅުވައިލެއްވިއެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކުން ކުދި ޖަޒީރާ ޤައުމުތަކަށް ކުރާ ނޭދެވޭ އަސަރުން ރައްކައުތެރިވުމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަށް ކުދި ޖަޒީރާ ޤައުމުތައް ގުޅިގެން މަސައްކަތްކުރުމާމެދުވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

ބާބެޑޯސްގެ ބޮޑުވަޒީރު ދެއްކެވި ވާހަކަފުޅުގައި، ނިމިގެން މިދިޔަ 'ސިޑްސް' ގެ މަހާސިންތާ ގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު އަދާކުރެއްވި މުހިންމު ދައުރު ފާހަގަކުރައްވައި، ކުޑަވަގުތުކޮޅަކަށް ނަމަވެސް ޓްރާންސިޓްކޮށް ބާބެޑޯސްގައި މަޑުކޮށްލެއްވީތީ ވަރަށް އުފާކުރައްވާކަމުގައި ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒުގެ ވާހަކަފުޅު ނިންމަވައިލެއްވީ، ބާބެޑޯސްގައި މި މަޑުކޮށްލެއްވި ކުޑަ ވަގުތުކޮޅު، އެ ޤައުމުގެ ސަރުކާރުން ކަމޭހިއްތަވައި މެހެމާންދާރީ އަދާކުރެއްވި ފުރިހަމަކަމަށްޓަކައި، އެމަނިކުފާނާއި ދިވެހި ވަފުދުގެ ހުރިހާ ބޭފުޅުންގެ ނަމުގައި ތަކުރާރުކޮށް ޝުކުރު އަދާކުރައްވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ.މުޙައްމަދު މުޢިއްޒު، ބާބެޑޯސްއިން ފުރާވަޑައިގަންނަވަމުން، އެ ޤައުމުގެ ބޮޑުވަޒީރަށް ފޮނުއްވެވި ޝުކުރުގެ ޚާއްޞަ މެސެޖުގައި، ބާބެޑޯސްގައި މަޑުކޮށްލެއްވި މި ކުޑަ ވަގުތުކޮޅުގައިވެސް އެ ޤައުމުން ފެނިވަޑައިގަތް ރީތިކަމަށް ތާރީފުކުރައްވާފައިވެއެވެ. އަދި ރައީސުލްޖުމްހޫރިއްޔާއާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގަތް ވަފުދަށް، ބާބެޑޯސްގެ ބޮޑުވަޒީރާއި އެ ޤައުމުގެ ސަރުކާރުގެ ފަރާތުން އަދާކުރެއްވި ޚާއްޞަ މެހެމާންދާރީ އަބަދުވެސް ހަނދުމަފުޅު ހުންނާނޭކަމުގައި ވިދާޅުވެފައިވެއެވެ. ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖުގައި ވަރަށް އަވަހަށް ދެބޭފުޅުން ބައްދަލުވާނޭކަމުގެ އުންމީދު އައުކުރައްވާފައިވެއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖު ނިންމަވާލައްވާފައިވަނީ، 'ސިޑްސް' ގެ 4 ވަނަ މަހާސިންތާގައި، ބައިނަލްއަޤްވާމީ މާލީ އެހީތެރިކަމުގެ ނިޒާމު އިޞްލާޙުކޮށް، ކުދި ޖަޒީރާ ޤައުމުތަކަށް ވެދ މާލީ އެހީ އިތުރުކުރުމަށް ބާރުއަޅުއްވައި ބާބެޑޯސްގެ ބޮޑުވަޒީރު ކުރެއްވި މަސައްކަތްޕުޅު ޚާއްޞަގޮތެއްގައި ފާހަގަކުރައްވަމުންނެވެ. އަދި އެކަމަނާގެ އެ މަސައްކަތްޕުޅުގެ ސަބަބުން ވަރަށް ބޮޑު ހިތްވަރެއް ލިބިވަޑައިގެންނެވިކަމުގައި ވިދާޅުވެ، ދިވެހިރާއްޖެއިންވެސް ވަކާލާތުކުރާ އެންމެ މުހިންމު އެއްކަމަކީ މިއީ ކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އަދި އެންޓީގާ އެންޑް ބާބިޔުޑާގައި މި ބޭއްވުނު މަހާސިންތާގެ ނިންމުންތައް ތަންފީޒުކުރުމުގައި، ދިވެހިރާއްޖެއާއި ބާބެޑޯސް އިން އެއްބާރުލައިގެން، މި މަސައްކަތް ކުރަމުން ގެންދެވޭނެކަމަށް އުންމީދުކުރައްވާކަމަށްވެސް، ރައީސުލްޖުމްހޫރިއްޔާގެ މި މެސެޖުގައި ވިދާޅުވެފައި ވެއެވެ.