އެވިޑް ކޮލެޖުން އިނގިރޭސިވިލާތުގެ މަޝްހޫރު ޔުނިވާސިޓީއެއްކަމަށްވާ ޔުނިވަރސިޓީ އޮފް ވެސްޓް ލަންޑަނާގުޅިގެން ކުރިއަށްގެންދާ އެމްބީއޭ ކޯސްތަކެއް އިފްތިތާހުކޮށްފިއެވެ.
މި ކޯސްތަށް ހިންގުމުގެ މައިގަނޑު މަގުޞަދަކީ ރާއްޖޭގެ އެކި ކަންކޮޅުތަކަށް އެވިޑް ކޮލެޖުން ދެމުންގެންދާ ޚިދުމަތް ފުޅާކުރުމާއި، ޚިދުމަތުގެ ފެންވަރު އިތުރަށް ރަނގަޅު ކުރުންކަމަށް އެވިޑް ކޮލެޖުން ބުނެއެވެ. އަދި ބޭރުގެ ފަރާތްތަކާއި ގުޅިގެން މަސައްކަތް ކުރުމުން އެ ފަރާތްތަކުން ގެންގުޅޭ އުސޫލުތަކާއި އުކުޅުތައް ދަސްވުމުގެ އިތުރުން ޔުނިވަރސިޓީ އޮފް ވެސްޓް ލަންޑަންގެ ލައިބްރަރީއަށް އެވިޑް ކޮލެޖްގެ ދަރިވަރުންނަށާއި މުވައްޒަފުންނަށް އެކްސެސް ލިބިގެންދިޔުމުގެ ފުރުސަތު ފަހިވެގެންދާކަން އެކޮލެޖުން ފާހަގަކުރައްވައެވެ.
މި ކޯސްތައް އިފްތިތާހުކުރުމުގެ ރަސްމިއްޔާތުގައި އިސްލާމީ ކަންތައްތަކާއި ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސައީދު ވަނީ ބައިވެރިވެވަޑައިގެންފައެވެ. ވަޒީރު ވަނީ ވެސްޓް ލަންޑަން ފަދަ ޔުނިވަރސިޓީއަކުން މިފަދަ ފުރުސަތެއް ލިބުމަކީ ރާއްޖޭގެ މަތީތަޢުލީމަށް ލިބިގެންދިޔަ ވަރަށް ބޮޑު ކުރިއެރުމެއްކަން ފާހަގަކުރައްވާފައެވެ.
އަދި އެވިޑް ކޮލެޖްގެ ފަރާތުން މިފަދަ ފުރުސަތެއް ދިވެހި ދަރިވަރުންނަށް ފަހިކޮށްދިނުމަކީ، އެ ކޮލެޖުގެ ފަރާތުން ދިވެހި މުޖުތަމަޢުއަށް ދެއްވި ވަރަށް ބޮޑު ހަދިޔާއެއްގެ ގޮތުގައި ވަޒީރު ފާހަގަކުރެއްވިއެވެ.
"މިއީ ދިވެހި ލޮބުވެތި ދަރިވަރުން އާ އުސްމިންތަކަށް އެރުމަށްޓަކައި އަރަންވީ އަގުހުރި ފާލަމެއް، އަޅުގަނޑު އެދެނީ މިދާއިރާއިން ކިޔަވަން ބޭނުންވާ ހުރިހާ ދަރިވަރުން ވެސް، މިފުރުސަތުގެ ބޭނުން ރަނގަޅުގޮތުގައި ހިފައި، ތަޢުލީމީގޮތުން އުސްމިންތަކަށް ދަތުރުކުރުމަށް ހިތްވަރާއި އެކު މަސައްކަތްކުރުމަށް" ވަޒީރު ވިދާޅުވިއެވެ.
މި ރަސްމިއްޔާތުގައި އެވިޑްކޮލެޖްގެ ޗެއަރމަން ޢަބްދުﷲ މުޝްތާގް ރަޝާދު ވިދާޅުވީ މި ކޯސް ހިންގެވުމުގައި ޔުނިވަރސިޓީ އޮފް ވެސްޓް ލަންޑަން އިން ގެންގުޅޭ އުސޫލުތަކާއި އެ ސްޓްރެޓެޖީސްތަކާއި އެއްގޮތަށް އެވިޑް ކޮލެޖުން ހުރިހާކަމެއް އިންތިޒާމުތަކެއްވެސް ހަމަޖައްސާނެކަމަށެވެ.
"އަޅުގަނޑުމެން ބޭނުންވަނީ އަޅުގަނޑުމެން ދެމުންދާ ޚިދުމަތަކީ ގައުމީ ފެންވަރުގަ އަދި ދުނިޔޭގެ ފެންވަރުގަ ބަލައިގަންނަ ޚިދުމަތަކަށް ވުން" މުޝްތާގް ވިދާޅުވިއެވެ. އަދި މިހާރު ވެސް ބައިނަލް އަގުވާމީ ފެންވަރުގަ އެ ކޮލެޖުގެ ކޯސްތައް ބަލައިގެންފައިވާކަން މުޝްތާގު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި މަތީ ތަޢުލީމު ފޯރުކޮށް ދިނުމަށް، އެވިޑް ކޮލެޖު އުފައްދާފައިވަނީ 2005 ވަނަ އަހަރު އެވިޑް ޓްރެއިނިން ސެންޓަރުގެ ނަމުގައެވެ. އެކޮލެޖުންވަނީ ވޭތުވެދިޔަ 19 އަހަރުގެ ތެރޭގައި އެތަކެއް ސަތޭކަ ކުދިންނަކަށް މަތީ ތަޢުލީމުގެ ފުރުސަތު ފަހިކޮށްދީފައެވެ.