ސްކައުޓުންނަކީ ޤައުމު ގޮވާލާ ކޮންމެ ދަނޑިވަޅެއްގައި ނިކުންނަން ތައްޔާރަށް ތިބޭ ބައެކެވެ. ރާއްޖޭގައި ސްކައުޓް ޙަރަކާތް ފެށީ 1956 ވަނަ އަހަރުގައި މަޖީދިއްޔާ ސްކޫލްގައެވެ. އޭރު މި ޙަރަކާތް ފާހަގަކުރެވިފައިވަނީ ހަމައެކަނި ފިރިހެން ކުދިންނަށް ޚާއްޞަ ޙަރަކާތެއްގެ ގޮތުގައެވެ.
މަޖީދިއްޔާ ސްކޫލުން މީގެ 68 އަހަރުކުރިން ފެށި ސްކައުޓު ޙަރަކާތް މިހާރު މުޅި ރާއްޖެއަށް ފުޅާވެ، އެތައްހާސް ސްކައުޓުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި އަންނަނީ ހަރަކާތްތެރިވަމުންނެވެ.
މީގެ ކުރިން ހަމައެކަނި ސެކަންޑަރީން ފެށިގެން ހަޔަރ ސެކަންޑަރީއާ ހަމައަށް ސްކައުޓުން ޙަރަކާތްތެރިވި ނަމަވެސް ސްކޫލް ކުދިންގެ މެދުގައި އިތުރު ޙަރަކާތެއްގެ ގޮތުގައި ކުރިއަށްގެންދާ އެންމެ މަޤުބޫލު ޙަރަކާތަކަށް މި ޙަރަކާތްވެ، ޕްރީ ކަބް ސްކައުޓުން ފެށިގެން އެޑަލްޓް ލީޑަރސް އާ ހަމައަށް ސްކައުޓުންގެ ޙަރަކާތް ރާއްޖޭގައިވެސް މިހާރު ވަނީ ފުޅާކޮށްފައެވެ.
ތ. ގުރައިދޫ، ޅ. ނައިފަރު، ހއ. ހޯރަފުށި، މިރަށްތަކަކީ އަތޮޅުތަކުގެ ސްކޫލްތަކުގެ ތެރެއިން ފުރަތަމަ ސްކައުޓް ޙަރަކާތް ފެށި ރަށްރަށެވެ. އޭގެ ކުޑަދުވަސްކޮޅެއް ފަހުން ހއ. ދިއްދު އާއި ގދ. ތިނަދޫގައިވެސް މި ހަރަކާތް ފެށިއެވެ. ފަހަރަކު ރަށަކަށް މި ޙަރަކާތް ފުޅާވަމުން ފުޅާވަމުން އައިސް، މިހާރު ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މި ޙަރަކާތް އަންނަނީ ހިންގަމުންނެވެ. ރާއްޖޭގައި މިވަގުތު 20،000 އަށްވުރެ ގިނަ ސްކައުޓުން ދަނީ ހަރަކާތްތެރިވަމުންނެވެ.
ސްކައުޓުންނަކީ މުޖުތަމަޢުތެރޭގައި ހުންނަ ގިނަ ކަންކަމުގައި އެހީތެރިވުމުގެ ނަމޫނާ ޒަމާނުއްސުރެ ދައްކަމުން އަންނަ ޖަމާޢަތަކެވެ. އަޚުލާގީ މިންގަނޑު ހިފަހައްޓާ ޤައުމަށް ބޭނުންޖެހޭ ކޮންމެ ދަނޑިވަޅެއްގައި ގިނަ ޤުރުބާނީތަކެއް ވާންޖެހުނުނަމަވެސް ކުރީ ސަފުގައި ތިބޭ އެއްބަޔަކަށް ސްކައުޓުންވެއެވެ. އެގޮތުން ތާރީޚުގެ ތެރެއިން ސުނާމީ ކާރިސާއާއި ކޯވިޑްގެ ހާލަތުގެ އިތުރުން ޤައުމީ ފެންވަރުގައި ކުރިއަށްގެންދާ ބޮޑު ޙަރަކާތްތަކާއި އިޖުތިމާޢީ އަދި ދީނީ ޙަރަކާތްތަކުގައިވެސް ސްކައުޓުންދަނީ ބައިވެރިވެ ހަރަކާތްތެރިވަމުންނެވެ. އެ ކަނަކަމުގައި ސްކައުޓުންދަނީ ނަމޫނާ ހިތްވަރެއް ދައްކަމުންނެވެ.
ދިރިއުޅުމަށް ބޭނުންވާ ތަފާތު ހުނަރުތައް ދަރިވަރުންނަށް ދަސްވެގެންދިޔުމާއި، ދަތި ޙާލަތްތަކުގައި އުޅޭނެ ގޮތްތަކުގެ އިތުރުން ދީނީ ރަނގަޅު ސިފަތައް ދަރިވަރުންގެ ކިބައިގައި އަށަގެންނެވުމުގައިވެސް މި ހަރަކާތް މުހިއްމު ދައުރެއް އަދާކުރެއެވެ.
ބައިނަލްއަޤުވާމީ ސްކައުޓް ޖަމިއްޔާ ވޯލްޑް އޯރގަނައިޒޭޝަން އޮފް ދަ ސްކައުޓްގެ މެމްބަރަކަށް ރާއްޖެ ވެފައިވަނީ 1990 ވަނަ އަހަރުގައެވެ. އެ ނިންމުމާއެކު މިހާތަނަށް ދިވެހި ސްކައުޓުން ވަނީ ކުރު މުއްދަތާއި، ދިގު މުއްދަތުގެ ތަފާތު ގިނަ ޖަމްބޮރީތަކުގައި ވެސް ބައިވެރިވެފައެވެ. އަދި ރާއްޖޭގައިވެސް މުހިއްމު ޖަމްބޮރީތައްވަނީ ބާއްވާފައެވެ.
މީގެ އިތުރުން ރާއްޖެއިން ދަނީ ސްކައުޓް ދާއިރާއިން ދުނިޔޭގެ ފެންވަރުގައިވެސް ތަފާތު ކުރިއެރުންތަކާއި އެވޯޑްތައް ޙާސިލްކުރަމުންނެވެ. އެގޮތުން ދާދިފަހުން ސްކައުޓް ޙަރަކާތުގެ އޭޝިއާ ޕެސިފިކް ސަރަޙައްދުގެ ޗެއަރމަން ދެއްވާ އެވޯޑް ރާއްޖޭގެ ސްކައުޓް ޖަމިއްޔާގެ ޗީފް ކޮމިޝަނަރ މަޢީދު މުޙައްމަދު ޒާހިރަށް ވަނީ ލިބިލައްވާފައެވެ.
އަދުގެ ސަރުކާރުންވެސް ވަނީ ސްކައުޓް ހަރަކާތް ކުރިއަށްގެންދިއުމާއި އިތުރު ފުރުޞަތުތައް ފަހިކޮށްދިނުމަށް މަސައްކަތްކުރައްވާނެކަން ހާމަކުރައްވާފައެވެ. އެގޮތުން ސްކައުޓް ހަރަކާތްތައް ކުރިއަށްގެންދިއުމަށް ސްކޫލްތަކުގައި ފަހި މާހައުލެއް ބިނާކުރުމަށް ސަރުކާރުން އިތުރަށް މަސައްކަތްކުރާނެކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާދު ހުސައިން މުޙައްމަދު ލަތީފް ވަނީ ވިދާޅުވެފައެވެ.