ޚަބަރު

ސިޑްސް4: ރައީސްގެ މޭސްތިރިކަމުގެ ދަށުން ރާއްޖެެއިން މުހިއްމު ކާމިޔާބީތަކެއް


  • ސިޑްސްގެ ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ އިސް ދައުރެއް އަދާކުރެއްވި

  • ދުނިޔޭގެ ސަމާލުކަމަށް ގިނަ ކަންތައްތަކެއް ގެންނެވި

އެންޓީގާ އެންޑް ބާބިޔުޑާގައި ކުރިއަށްދިޔަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ 4 ވަނަ ކޮންފަރެންސަކީ މުހިއްމު ގިނަ ކަންތައްތަކެއް ރާއްޖެެއަށް ހާސިލުކުރެވުނު ކޮންފަރެންސެއްކަމަށް ސަރުކާރުން ވިދާޅުވެއްޖެއެވެ.

ސަރުކާރުން މިހެން ވިދާޅުވެފައި މިވަނީ މިފަހަރުގެ ސިޑްސް ކޮންފަރެންސްގެ ތެރެއިން ރާއްޖެއިން ގިނަ ކަންތައްތަކަށް ވަކާލާތުކޮށް، ދުނިޔޭގެ ސަމާލުކަން ހޯދާފައިވާ ދަނޑިވަޅެއްގައެވެ.

ހަތަރުވަނަ 'އިންޓަރނޭޝަނަލް ކޮންފަރެންސް އޮން ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް' ނުވަތަ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ މަހާސިންތާއަށް ސަރުކާރުގެ މަތީ ފަންތީގެ ވަފުދެއް ވަޑައިގެންނެވިއިރު، އެ ވަފުދުގައި އިސްކޮށް ހުންނެވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުއެވެ. އެމަނިކުފާނުގެ އަރިހުގައި ވަޒީރުންނާއި ސަރުކާރުގެ އިސް އޮފިޝަލުން ވަޑައިގެންނެވިނަމަވެސް، ރާއްޖޭގެ ވަފްދުން ބައިވެރިވެވަޑައިގެންނެވި ހުރިހާ ހަރަކާތެއްގައިވެސް އިސްކޮށް ހުންނަވައިގެން، މަސައްކަތްކުރެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ.

މީގެކުރިން ބޭއްވި ސިޑްސް އާއި އެނޫންވެސް ކޮންފަރެންސްތަކުގައި ރާއްޖޭގެ ރައީސުން ބައިވެރިވެވަޑައިގެންވިނަމަވެސް، ރާއްޖޭގެ ފަރާތުން އިއްވާ ޤައުމީ ބަޔާން އިއްވެވުން ފިޔަވައި މާ ބޮޑު މަސައްކަތްތަކެއް ކުރައްވާ މަންޒަރު ފެނިފައެއް ނުވެއެވެ. ނަމަވެސް އެހެން ފަހަރުތަކާއި ޚިލާފަށް މިފަހަރު ފެނިގެންދިޔައީ ރާއްޖެއިން ބައިވެރިވި ހުރިހާ ހަރަކާތެއްގައިވެސް ރައީސުލްޖުމްހޫރިއްޔާ އިސް ދައުރެއް އަދާކުރެއްވި މަންޒަރެވެ. އެގޮތުން ކޮންފަރެންސްގެ ތެރެއިން ކުރިއަށްދިޔަ އެކި ބައްދަލުވުންތަކާއި ހަވާސާ ބައްދަލުވުންތަކުގައި ބައިނަލްއަޤްވާމީ މުޖްތަމަޢަށް ރާއްޖޭގެ އަޑު އިއްވެވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ 7 ބަޔާނެއް ދެއްވާފައެވެ. މީގެއިތުރުން ގިނަ ވަގުތުތަކެއް ވަންދެން ކުރިއަށްދިޔަ ބައްދަލުވުންތަކުގެ ރިޔާސަތު ރައީސުލްޖުމްހޫރިއްޔާ ބެލެހެއްޓެވިއިރު، ބައެއް ބައްދަލުވުންތަކުގައި ކޯ ޗެއަރއެއްގެ ހައިސިއްޔަތުންވެސް އެމަނިކުފާނު ރިޔާސަތު ބެލެހެއްޓެވިއެވެ.

ސަރުކާރުން ޤަބޫލުކުރައްވާ ގޮތުގައި ސިޑްސްގައި ކުރިއަށްދިޔަ ހަރަކާތްތަކުގައި ރައީސުލްޖުމްހޫރިއްޔާ އަމަލީގޮތުން ބައިވެރިވެވަޑައިގެން އިސް ދައުރެއް އަދާކުރެއްވުމަކީ، ރާއްޖެއިން ކުރާ މަސައްކަތަށް ލިބިގެންދިޔަ އިތުރު ބާރެކެވެ. އަދި މިއީ ރާއްޖެއިން ގޮވާލާ ގޮވާލުންތަކަށް ބައިނަލްއަޤްވާމީ ދުނިޔޭގެ ސަމާލުކަން އިތުރަށް ލިބޭނެކަމެއްކަމަށްވެސް ސަރުކާރުން ދެކެއެވެ.

ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވީ މިފަހަރުގެ ސިޑްސް ކޮންފަރެންސަކީ ކާމިޔާބު ކޮންފަރެންސެއްކަމަށް ސަރުކާރުން ދެކެވަޑައިގަންނަވާކަމަށެވެ. އެގޮތުން ކޮންފަރެންސްގެ ރާއްޖެއިން ހާސިލުކުރަން ބޭނުންވި މުހިއްމު ގިނަ ކަންތައްތަކެއް ހާސިލުކުރެވުނުކަމަށް ހީނާ ވިދާޅުވިއެވެ.

"ސިޑްސްގެ ކޮންފަރެންސް ނިިމިގެންދާއިރު ސިޑްސްގައިި ފާހަގަކުރެވުނު ކަންތައްތަކުގެ މައްޗަށް ޑޮކިއުމެންޓް އެންޑޯސްކުރެވިގެންދާއިރު ދިވެހިރާއްޖެއިން މައިގަނޑު ގޮތެއްގައި ހުށަހަޅާފައިވާ ދިވެހިރާއްޖެއިން ވަކާލާތުކޮށްފައިވާ މައިގަނޑު ހުރިހާ ކަމެއް އެންޑޯސްކުރެވިގެންދާނެކަމަށް. އެއީ އަޅުގަނޑުމެންނަށް ސިޑްސްއިން ލިބިގެންދާ އެންމެ މުހިއްމު އެއް ކާމިޔާބީ" ހީނާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ މޭސްތިރިކަމުގެ ދަށުން ސިޑްސްގައި މުހިއްމު މަސައްކަތްތަކެއް ރާއްޖެއިން ކޮށްފައިވާއިރު، އެންމެ ބޮޑަށް ރާއްޖެއިން މިފަހަރު ވަކާލާތު ކޮށްފައިވަނީ ކުދި ޖަޒީރާ ޤައުމުތަކަށް ބޭނުންވާ މާލީ އެހީތެރިކަން ފަސޭހައިން ލިބޭނެ އިންތިޒާމްތަކެއް ހަމަޖެއްސުމަށެވެ. އެގޮތުން ރައީސުލްޖުމްހޫރިއްޔާ ބައިވެރިވެވަޑައިގެންނެވި ހުރިހާ ބައްދަލުވުމެއްގައިވެސް އެމަނިކުފާނު ވަނީ އެކަމަށް ވަރަށް ބޮޑަށް ވަކާލާތު ކުރައްވާފައެވެ. މާލީ އެހީތެރިކަން ހޯދުމަށް ވަކާލާތުކުރުމުގެ އިތުުރުންވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެމެހެއްޓެނިވި ތަރައްޤީއާ ގުޅޭ އެކި ދާއިރާތަކުން ރާއްޖެއަށް ކުރިއެރުމާއި ތަރައްޤީ ހޯދުމާއި ގުޅޭގޮތުން މުހިއްމު މަސައްކަތްތަކެއް ކުރައްވާފައެވެ. އެގޮތުން ބައިނަލްއަޤްވާމީ އެކި ޖަމުއިއްޔާތަކުގެ އިސްވެރިންނާއި، މާލީ އިދާރާތަކުގެ ވެރިންނާއި އެކި ޤައުމުތަކުގެ އެންމެ އިސް ވެރިންނާއި ބައްދަލުކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ މުހިއްމު މަޝްވަރާތަކެއް ބާއްވަވާފައެވެ.

ސިޑްސް ކޮންފަރެންސްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަކާލާތު ކުރެއްވީ ހަމައެކަނި ކުދި ޖަޒީރާ ޤައުމުތަކުގެ ހައްގުގައި ނޫންކަންވެސް ފާހަގަކޮށްލަންޖެހެއެވެ. އެގޮތުން ސިޑްސް ކޮންފަރެންސްގެ ތެރެއިން ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި ގޮވާލަމުންދާ ގޮވާލުން ތަކުރާރުކުރައްވާފައެވެ. އަދި ފަލަސްތީނުގެ ރައްޔިތުންނާއި ދެކޮޅަށް ހައްދުފަހަނަ އަޅާފައިވާ ޔަހޫދީ ދަޢުލަތުން ހިންގަމުންދާ ގަތުލްއާއްމުތައް ހުއްޓުވުމަށް ބައިނަލްއަޤްވާމީ މުޖްތަމައުއިން މަސައްކަތްކުރުމަށް ރާއްޖޭގެ ފަރާތުން ސިޑްސް ކޮންފަރެންސްގައި އިއްވެވި ޤައުމީ ބަޔާނުގައި ރައީސުލްޖުމްހޫރިއްޔާ ގޮވާލެއްވިއެވެ.