ޚަބަރު

ޕަބްލިކް ވަރކްގެ މަސައްކަތްތައް ކުންފުނިތަކުން ކުރަންޖެހުމުން ޚަރަދު ބޮޑު: މާލީ ވަޒީރު


  • ތަރައްގީގެ މަޝްރޫއުތަކުގައި ޕަބްލިކް ވަރކްސް މުހިންމު

  • ޕަބްލިކް ވަރކްގެ ޚިދުމަތް ހަރުދަނާކުރަން އަންނަނީ މަސައްކަތްކުރަމުން

ޢާންމު މަސައްކަތްތައް ނުވަތަ ޕަބްލިކް ވަރކްގެ ގިނަ މަސައްކަތްތަކެއް ސަރުކާރު ހިއްސާވާ ކުންފުނިތަކުން ކުރަންޖެހުމުން ޚަރަދުތައް ބޮޑުވެފައިވާކަމަށް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީގު ވިދާޅުވެއްޖެއެވެ. ވަޒީރު މިހެން ވިދާޅުވީ އިދާރީ ދާއިރާތަކުގެ އާންމު މަސައްކަތްތައް ހަރުދަނާކުރުމުގެ މަސައްކަތު ބައްދަލުވުން ފެށުމުގެ ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވައި ވާހަކަފުޅުދައްކަވަމުންނެވެ.

މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީގު ވިދާޅުވީ ރާއްޖޭގެ ޕަބްލިކް ވަރކްސްއަކީ ވަރަށް މުހިންމު ޚިދުމަތެއް ދެމުން އަންނަ ބައެއް ކަމަށެވެ. އެގޮތުން، ގެދޮރުވެރިކަން ކަށަވަރުކޮށް ރައްޔިތުންނަށް ހިތްފަސޭހަ މާހައުލެއްގައި އުޅެވޭނެ ގޮތްތައް މަގުފަހިކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ބޭނުންފުޅުވާއިރު އެ މަސައްކަތުގައި ޕަބްލިކް ވަރކްސް ވަރަށް މުހިންމު ދައުރެއް އަދާކުރާކަމަށް ވަޒީރު ވިދާޅުވިއެވެ.

ޑރ. ޝަފީޤް ވިދާޅުވީ ވޭތުވެދިޔަތަނުގައި ޕަބްލިކް ވަރކްގެ ގިނަ މަސައްކަތްތަކެއް ސަރުކާރުގެ އެކި ކުންފުނިތަކަށް ކުރަންޖެހުމުގެ ސަބަބުން ކުރަންޖެހޭ ޚަރަދު އެތައް ގުނައަކަށް އިތުރުވިކަމަށެވެ. އެއީ ބަޖެޓަށް ނުކަތާ ވަރަށް މަޝްރޫއުތައް ހަވާލުކޮށްފައި ހުރުމުންނާއި، ފައިދާ ހޯދުމަށް ސަރުކާރު ހިއްސާވާ ކުންފުނިތަކުން މަސައްކަތް ކުރާތީ ކަމަށް ވަޒީރު ވިދާޅުވިއެވެ. މިއީ ދައުލަތަށް ބުރައެއް ކަމަށާއި ސަރުކާރުގެ މަސައްކަތްތައް ކުރުމުގައި ސަރުކާރު ހިއްސާވާ ކުންފުނިތަކުން ބަލަން ޖެހޭނީ ވީހާވެސް ޚަރަދުކުޑަކޮށް ވީހާވެސް އަވަހަށް މަސައްކަތް ކުރުމަށްކަމަށް މާލީ ވަޒީރު ވިދާޅުވިއެވެ.

"ހަގީގަތުގައި ދައުލަތަށް، އަޅުގަނޑުމެންނަށް ސޭވް ކުރެވޭ ކޮންމެ ސޭވިންއަކީ އަޅުގަނޑުމެންގެ މަސައްކަތަކާއި ޕަބްލިކް ގުޑްސް ތަރައްގީކޮށް ހިންގުމަށްޓަކައި ލިބޭނެ ވަރަށް ބޮޑު ކުރިއެރުމަކަށްވާނެ. އަޅުގަނޑުމެންގެ ކޮންމެ ސޭވިންއަކީ އިތުރުކަމަކަށް ކުރެވޭނެ ޚަރަދަކަށްވާނެ،" މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީޤް ވިދާޅުވިއެވެ.

ސަރުކާރުން ކުރާ ކަންކަންކަމާއި މުޖުތަމަޢުގެ ލާބަޔާއި މަންފާއަށް ކުރާ ކަންކަމާއި ރައްޔިތުންގެ ޙައްގުތައް ހިމެނޭ ހުރިހާ ކަމެއްގައިވެސް ސަމާލުކަންދީ އަމާނާތްތެރިވުމަށް މާލީ ވަޒީރު އިލްތިމާސްކުރެއްވިއެވެ. އަދި ޢާންމު މަސައްކަތްތައް ހަރުދަނާކުރުމަކީ ވަރަށް މުހިންމު ކަމެއްކަމަށްވެސް މާލީ ވަޒީރު ޑރ. މުޙައްމަދު ޝަފީގު ވިދާޅުވިއެވެ.