ޚަބަރު

ސިޔާސަތުތައް ބަދަލުކޮށް، އިޖްތިމާއީގޮތުންނާއި އިޤްތިޞާދީގޮތުން ކުރިއެެރުންތަކެއް ލިބިއްޖެ: ރައީސް


  • ސިޑްސްގެ ޤައުމުތަކަށް ދެެމެހެއްޓެނިވި ތަރައްޤީގެ ރޮނގުން ފާގަތިކަން އަންނަންޖެހޭކަން ފާހަގަކުރެއްވި

ސިޔާސަތުތައް ބަދަލުކޮށްގެން އިޖްތިމާޢީގޮތުންނާއި އިޤްތިޞާދީގޮތުން ރާއްޖެއިން ވަނީ ބޮޑެތި ކުރިއެރުންތަކެއް ހޯދާފައިކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ "ރިވައިޓަލައިޒިންގ ސިޑްސް އިކޮނޮމީސް ފޮރ އެކްސެލެރޭޓަޑް އެންޑް ސަސްޓެއިނަބަލް ގްރޯތު" ނަމުގައި ސިޑްސް މަހާސިންތާގެ ތެރެއިން ބޭއްވި ބައްދަލުވުމުގައި ވާހަކަފުޅުދައްކަވަމުންނެވެ.

ރައީސުލްޖުމްހޫރިއްޔާ ކޯ ޗެއަރއަކަށް އިންނެވި މި ބައްދަލުކުރެއްވުމުގައި ކުދި ޖަޒީރާ ޤައުމުތަކުގެ ހާލަތަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ ކޯވިޑަކީ ސިޑްސްގެ ޤައުމުތަކުގެ އިޤްތިޞާދުގެ ނާޒުކުކަން ދައްކުވައިދިން ބަލިމަޑުކަމެއްކަމަށެވެ. އެގޮތުން އެންމެ އިންޑަސްޓްރީއަކަށް ބަރޯސާވެގެން އޮތުމުގެ ސަބަބުން ކޯވިޑާއެކު އާމްދަނީ ލިބޭނެ މަގުތައް ބަންދުވެގެންދިޔަކަމަށާއި، އޭގެ އެއް މިސާލަކީ ފަތުރުވެރިކަމަށް ބަރޯސާވެފައި އޮތް ރާއްޖެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ގައުމީ އުފެއްދުންތެރިކަމުގެ ނިސްބަތުން ބަލާއިރު، ކޯވިޑުގައި އިޤްތިޞާދީގޮތުން އެންމެ ބޮޑު ގެއްލުމަކާއި ކުރިމަތިލާންޖެހުނީ ރާއްޖެއިންކަމަށެވެ. އަދި ކޯވިޑްގެ ފަހުން 4 އަހަރު ފާއިތުވެގެންދިޔައިރުވެސް އިޤްތިޞާދު އޮތީ ގާތްގަނޑަކަށް ކޯވިޑްގެ ކުރިން އޮތް ހިސާބުގައިކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިޑްސްގެ ޤައުމުތަކަށް ބޭނުންވަނީ ހަމައެކަނި ގެއްލުމުން އަރައިގަތުން ނޫންކަމަށާއި، އެ ޤައުމުތަކަށް ބޭނުންވަނީ ދެެމެހެއްޓެނިވި ތަރައްޤީގެ ރޮނގުން ފާގަތިކަން އައުންކަމަށެވެ. އަދި ރައްޔިތުން ބޭނުންވަނީ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކެއްގެ ބަދަލުގައި މެދު ފަންތީގެ ޤައުމުތައް ނުވަތަ އެއަށްވުރެވެސް ތަރައްޤީވެފައިވާ ޤައުމުތަކަށް ސިޑްސްގެ ޤައުމުތައް ހެދުންކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސިޑްސްގެ ޤައުމުތަކަށް އެންމެ ބޮޑަށް ބޭނުންވަނީ އުފެއްދުންތެރިކަން އިތުރުކުރެވޭނެ ގޮތަށް މަސައްކަތްތަކެއް ކުރަންކަމަށެެވެ. އަދި އެމަސައްކަތްތައް ފުރިހަމަނުކޮށް، ޤައުމުތަކުގެ ހަޤީޤީ އުފެއްދުންތެރިކަން ނުނެރެވޭނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އިންސާނީ ވަސީލަތްތައް ތަރައްޤީކުރާއިރުވެސް ކުރިމަތިވެފައި ހުރި މައްސަލަތައް ހައްލުކުރޭވޭނެ ގޮތަކަށް އެ މަސައްކަތްތައް ބައްޓަންކުރަންޖެހޭކަމަށެވެ. އެގޮތުން ޕާޓްނަރޝިޕްތަކާއި އެޑްވޮކަސީ އަދި ސްޓްރެޓެޖިކް ޕްލޭނިންގެ ދާއިރާއިން މަސައްކަތްތަކެއް ކުރަންޖެހޭކަމަަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ދެމެހެއްޓެނިވި ފަތުރުވެރިކަމުގެ ދާއިރާގައި ދުނިޔޭގެ ފެންވަރުގައި ފާހަގަކޮށްލެވޭ ބްރޭންޑަކަށް ރާއްޖެވެފައިވަނީ ތަމްރީނާއި ތައުލީމް ލިބިފައިވާ ދިވެހިންތަކެއް އެ ދާއިރާގައި ހަރަކާތްތެރިވާތީކަމަށެވެ. އަދި ވިޔަފާރިތައް ކުރިއެރުވުމަށާއި، މިންތީގެ ހަމަހަމަކަން ޤާއިމްކުރުމަށާއި، މުޖްތަމަޢުގައި ހަވާސާވެފައިވާ ބާރުވެރިކުރުމަށް ކުރެވުނު މަސައްކަތްތަކާއެކު އިޖްތިމާއީގޮތުންނާއި އިޤްތިޞާދީގޮތުން ރާއްޖެއިން ކުރިއެރުންތަކެއް ހޯދާފައިވާކަންވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ މި ހުރިހާ މަސައްކަތަކީވެސް ހަރަދުތަކެއް ހިނގާ މަސައްކަތްތަކެއްކަމަށާއި، ނަމަވެސް އެކަންކަމަށް ބޭނުންވާ މާލީ އެހީތެރިކަން ހޯދުމަކީ މިވަގުތު ދިމާވެފައިވާ އެންމެ ގޮންޖެހުންކަމަށެވެ. އަދި މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ވޭތުވެދިޔަ ދިގު މާޒީގައި ގިނަ ވައުދުތަކެއް ވެފައިވީނަމަވެސް، އެކަމުގައި އަމަލީގޮތުން ކުރެވިފައިވަނީ ކުޑަ މަސައްކަތެއްކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ. އެހެންކަމުން ސިޑްސްގެ ޤައުމުތަކަށް އެކި ދާއިރާތަކުން ކުރިއެެރުމާއި ތަރައްޤީ ގެނައުމަށް ބޭނުންވާ ފައިނޭންސް ފަސޭހައިން ލިބޭނެ އިންތިޒާމްތަކެއް ހަމަޖެއްސުމުގެ މުހިއްމުކަމުގެ މައްޗަށްޗެސް ރައީސުލްޖުމްހޫެރިއްޔާގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.