ޚަބަރު

ބީއެމްއެލްގެ ހިއްސާއަކަށް 50ރ؛ ތާރީޚުގައި މިހާތަނަށް ބަހާ އެންމެ ބޮޑު އަދަދު


  • މިގޮތަށް ފާސްކޮށްފައިވަނީ އަހަރީ އާންމު ޖަލްސާގައި

  • ޖުމްލަ 269 މިލިއަން ރުފިޔާ ބަހާނެ

ބޭންކް އޮފް މޯލްޑިވްސް، ބީއެމްއެލްގެ ހިއްސާއަކަށް 50 ރުފިޔާ ބަހަން އަހަރީ އާންމު ޖަލްސާގައި ނިންމައިފިއެވެ. މިއީ ބީއެމްއެލްގެ ތާރީޚުގައިވެސް ހިއްސާގެ ފައިދާގެ ގޮތުގައި ބަހަން ފާސްކުރި އެންމެ ބޮޑު އަދަދެވެ.

އަހަރީ އާންމު ޖަލްސާގައި ހިއްސާދާރުންވަނީ ހިއްސާގެ ފައިދާގެ ގޮތުގައި ހިއްސާއަކަށް 50 ރުފިޔާގެ މަގުން ޖުމްލަ 269 މިލިއަން ރުފިޔާ ބެހުމަށް ފާސްކޮށްފައެވެ.

ބޭންކް އޮފް މޯލްޑިވްސްއިން މިދިޔަ އަހަރު ހިއްސާގެ ފައިދާގެ ގޮތުގައި ބެހީ ހިއްސާއަކަށް 40 ރުފިޔާގެ މަގުން ޖުމްލަ 215 މިލިއަން ރުފިޔާއެވެ.

ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިންގ ޑިރެކްޓަރ ކާރލް ސްޓުމްކަ ވިދާޅުވީ ބޭންކުގެ ތާރީޚުގައިވެސް ހިއްސާގެ ފައިދާގެ ގޮތުގައި ދެވޭ އެންމެ ބޮޑު އަދަދު ބެހުމަށް ފާސްވެގެން ދިޔައީ މިދިޔަ އަހަރު އެ ބޭންކަށް ހޯދުނު ކާމިޔާބީގެ ސަބަބުންކަމަށެވެ.

" އަޅުގަނޑުމެން ހަރުދަނާ ހިންގުންތެރިކަމެއް ގާއިމުކުރުމަށާއި ކަސްޓަމަރުންނަށް ދޭ ޚިދުމަތް އެންމެ މަތީ މިންގަނޑެއްގައި ހިފަހައްޓައި، ޑިޖިޓަލައިޒޭޝަނަށް ޚާއްސަ ސަމާލުކަމެއްދީގެން، ދެމެހެއްޓެނެވި އަދި ގުޅިގެން އެންމެންނަށްވެސް އަދަށްވުރެ ފެހި މާދަމާއެއް ހޯދާދިނުމަށް އަޅުގަނޑުމެން މަސައްކަތްކުރާނަން. ބޭންކް އޮފް މޯލްޑިވްސްއަށާއި ދިވެހިރާއްޖެއަށް މިހާރަށްވުރެ ހަރުދަނާ އަދި ފާގަތި މުސްތަގްބަލެއް ބިނާކުރުމަށް އަޅުގަނޑުމެން އެންމެންނާއެކު މަސައްކަތްކުރާނަން." ކާރލް ސްޓުމްކަ ވިދާޅުވިއެވެ.

ބޭންކް އޮފް މޯލްޑިވްސްއިން ބުނީ އެ ބޭންކުގެ އެންމެ ބޮޑު ހިއްސާދާރުކަމަށްވާ ދިވެހި ސަރުކާރަށް ހިއްސާގެ ފައިދާގެ ގޮތުގައި 136.6 މިލިއަން ރުފިޔާ އަދި 2023 ވަނަ އަހަރުގެ ޓެކުހުގެ ގޮތުގައި އިތުރު 628 މިލިއަން ރުފިޔާ ލިބޭނެކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.