ޓެކްނޮލޮޖީއާއި އައު އީޖާދުތައް ބޭނުންކޮށްގެން ތަރައްޤީ ހާސިލުކުރުމަށް އެޅިފައިވާ ހުރަސްތައް ނައްތާލެވޭނެކަމަށާއި، ރާއްޖެއަކީ އެކަމުގެ ފުރިހަމަ މިސާލެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިހެން ވިދާޅުވީ އެންޓީގާ އެންޑް ބާބިޔުޑާގައި ކުރިއަށްދާ ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކުގެ 4 ވަނަ މަހާސިންތާގެ ހަވާސާގެ ތެރެއިން ކުރިއަށްދިޔަ، ޑިޖިޓަލް ދުނިޔެއެއް ބިނާކުރުމުގެ މުހިއްމުކަމުގެ މައްޗަށް މަޝްވަރާކުރުމަށް ބޭއްވި ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
"ސްމާޓް މޯލްޑިވްސް: ޖަރނީ ޓުވާޑްސް އަ ޑިޖިޓަލީ އިންކްލޫސިވް ކޮމިއުނިޓީ" ނަމުގައި ކުރިއަށްދިޔަ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކުދި ޖަޒީރާ އެހެން ޤައުމުތަކެކޭ އެއްގޮތަށް ރާއްޖެއަކީވެސް ވަސީލަތްތައް މަދު، އިޤްތިޞާދުގެ ސިންދަފާުތުކަން ކުޑަ، އަދި މޫސުމީ ބަދަލުތަކުގެ ނުރައްކާ ބޮޑު ޤައުމެއްކަމަށެވެ. އަދި މި ކަންކަމުގެ ސަބަބުން ސަރުކާރުން އެންމެ ބޭނުންވާ ފެންވަރުގެ ހިދުމަތްތަކެއް ރައްޔިތުންނަށް ފޯރުކޮށްދިނުމަށާއި، ހަމަހަމަކަމާއެކު ތަރައްްޤީގެ މަސައްކަތްތައް ހިންގުމަށް ދަތިތަކެއް ކުރިމަތިވެފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ އަޅުގަނޑުމެން މިއަދު ޑިޖިޓަލް ދުނިޔެއެއްގައި އުޅެމުންދާއިރު، ތަރައްޤީ ހާސިލުކުރުމަށް ހުރި ހުރަސްތައް ނައްތާލަން ސިޑްސްގެ ޤައުމުތަކަށް ޓެކްނޮލޮޖީއަކީ ވަރަށް ބޭނުންތެރި އެއްޗެއްކަމަށެވެ. އެގޮތުން ޓެކްނޮލޮޖީއާއި އައު އީޖާދުތައް ބޭނުންކޮށްގެން ތަރައްޤީ ހާސިލުކުރަން އެޅިފައި ހުރި ހުރަސްތައް ނައްތާލައި، ކުރިއެެރުމާއި ފާގަތިކަން ހާސިލުކުރެވޭނެކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން ރާއްޖެއަކީ ޑިޖިޓަލް ޓްރާންސްފޮމޭޝަންގެ ކާމިޔާބު މިސާލެއްކަން އުފަލާއެކު ފާހަގަކުރާކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޓެކްނޮލޮޖީއާއެކު ހޯދާ ޑިޖިޓަލް ހައްލުތަކުގެ ސަބަބުން މޫސުމީ ބަދަލުތަކުގެ ގެއްލުން ކުޑަކޮށް، ސިއްހީ ނިޒާމާއި ތައުލީމީ ނިޒާމު ތަރައްޤީކޮށް، އިޤްތިޞާދު ސިންދަފާތުކޮށް، ސަރުކާރުން ފޯރުކޮށްދޭ ހިދުމަތްތައް ހަރުދަނާވެ، ރައްޔިތުންނަށް ފާގަތި ދިރިއުޅުމެއް ހޯދައިދޭން މަގުފަހިވާނެކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބަކަށް މުވާސަލަތީ ގުޅުންތައް ޤާއިމްކުރީވެސް އެންމެ ކުޑަކޮށް ތަރައްޤީވެފައި އޮތް ޤައުމެއްގެ ގޮތުގައި ރާއްޖެ އޮތްވާކަމަށެވެ. އަދި މިއަދު ވެބް އެޕްލިކޭޝަނާއި އެކި ޕޯޓަލްތައް ތައާރަފްވެފައިވާއިރު، އަސާސީ ވަރަށް ގިނަ ހިދުމަތްތަކެއް ރައްޔިތުންނަށް ފަސޭހަކަމާއެކު ފޯރުކޮށްދެވޭކަންވެސް ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.
ސަރުކާރުން ކުރިއަށް ރާވާފައިވާ މަސައްކަތްތަކަށް އަލިއަޅުއްވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޑްރޯން ބޭނުންކޮށްގެން ބޭހާއި ގުޅޭ ސާމާނު އެކި ސަރަހައްދުތަކަށް ފޯރުކޮށްދިނުމަށް ތައްޔާރުވަމުންދާއިރު، އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކޮށްގެން ތިމާވެށި މޮނިޓަރކުރެވޭނެ ގޮތްތައް ހޯދަމުންދާކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ ޑިޖިޓަލް ޓްރާންސްފޮމޭޝަނަކަށް އޮތް ސައިބަރ ސެކިއުރިޓީއާ ގުޅޭ މައްސަލަތަކަށްވެސް އަލިއަޅުއްވާލައްވާފައެެވެ. އެގޮތުން އިންޓަނެޓް ބޭނުންކޮށްގެން ޤާނޫނާއި ގަވާއިދާއި ހިލާފަށް ހިންގާ ހަރަކާތްތަކަކީ މުޅި ދުނިޔެއަށްވެސް ކުރިމަތިވެފައި އޮތް ނުރައްކަލެއްކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެހެންކަމުން ހަރުދަނާ ސައިބަރ ސެކިއުރިޓީ އިންފްރާސްޓްރަކްޗަރތައް ޤާއިމްކުރުމަކީ ކޮންމެހެންވެސް ކުރަންޖެހޭ ކަމެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އެގޮތުން އެމަނިކުފާނުގެ ސަރުކާރުން ނެޝަނަލް ސެންޓަރ ފޮރ އިިންފޮރމޭޝަން ޓެކްނޮލޮޖީގެ ދައުރު ފުޅާކޮށް، ނެޝަނަލް ޓެކްނޮލޮޖީ ގަވަރނަންސް ހަރުދަނާކުރަންޖެހޭ ވަށާޖެހޭ ހައްލުތަކެއް ހޯއްދަވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މީގެއިތުރުން ނެޝަނަލް ސައިބަރ ސެކިއުރިޓީ އެޖެންސީއެއް ޤާއިމްކޮށް، ސައިބަރ ސެކިއުރިޓީއާ ގުޅޭ ޤާނޫނުތައް އެކުލަވާލުމަށް މަސައްކަތްކުރަމުންދާކަމަށްވެސް ރައީސުލްޖުމްހޫެރިއްޔާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ޑިޖިޓަލް ޓްރާންސްފޮމޭޝަނެއްގެ ތެރެއިން ކުރަންޖެހޭ ވަރަށް ގިނަ މަސައްކަތްތައް އަދިވެސް އެބަހުރިކަމަަށާއި، ނަމަވެސް މިއީ އެއްވެސް ބަޔަކަށް އެކަނި ކުރެވޭނެ މަސައްކަތެއް ނޫންކަމަށެވެ. އެހެންކަމުން މި މަސައްކަތުގައި ބައިނަލްއަޤްވާމީ މުޖްތަމައުގެ އެހީތެރިކަމާއި ޕްރައިވެޓް ސެކްޓަރުގެ އިންވެސްޓްމަންޓްތައް މުހިއްމުކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ވަނީ މި ދާއިރާއިން ރާއްޖެއިން އެހީތެރިކަން ހޯދަން ބޭނުންވާ ކަންކަމުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން އައު އީޖާދުތަކާއި ޓެކްނޮލޮޖީއަށް އިންވެސްޓްކުރުން އިތުރުކުރުމާއި، ޤާނޫނުތަކާއި ގަވާއިދުތައް އެކުލަވާލުމުގައި ފަންނީ މާހިރުންގެ އެހީތެރިކަމާއި، ސަރަޙައްދީ އަދި ބައިނަލްއަޤްވާމީ މިންގަނޑުތައް ކަނޑައެޅުމުގެ ހުރިހާ ފަރާތްތަކެއްގެ ބައިވެރިވުން ހިމެނުމަށް އެމަނިކުފާނުގެ ވާހަކަފުޅުގައި ގޮވާލެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހުރިހާ ރައްޔިތުންނަށްވެސް އޭގެ ފައިދާ ލިބޭގޮތަށް ރާއްޖޭގައި ޑިޖިޓަލް އިތުރު ހިދުމަތްތައް ތައާރަފްކުރުންކަމަށެވެ. އަދި ރާއްޖެއަށް އެތައް ގޮތަކުން ދަތިތަކާއި އުނދަގޫތައް ކުރިމަތިވެފައި އޮތްނަމަވެސް، އަޅުގަނޑުމެން ހިތްވަރާއެކު ކުރާ މަސައްކަތުން އެ ދަތިތައް ހުރަސްކޮށް، ކާމިޔާބަށް ވާސިލުވެވޭނެކަން ބައިނަލްއަަޤްވަމީ މުޖްތަމަޢުއަށް ސާބިތުކޮށްދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވިއެވެ.