ޚަބަރު

ނޭޕާލްގެ ޖުމްހޫރީ ދުވަހުގެ ހެޔޮއެދުންތައް ރައީސް ފޮނުއްވައިފި


  • އެ ޤައުމުގެ ރައީސާއި ބޮޑުވަޒީރަށް ވަކިވަކިން ވަނީ މެސެޖް ފޮނުއްވާފައި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު، ނޭޕާލްގެ 17 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ނޭޕާލްގެ ރައީސަށާއި ބޮޑުވަޒީރަށް ތަހުނިޔާއާ ހެޔޮއެދުންތައް ފޮނުއްވައިފިއެވެ.

ނޭޕާލްގެ 17 ވަނަ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި، ނޭޕާލްގެ ރައީސް ރަމްޗަންޑްރަ ޕައުޑެލް އަދި ބޮޑުވަޒީރު ޕުސްޕާ ކަމަލް ދަހަލްއަށް ރައީސުލްޖުމްހޫރިއްޔާ ތަހުނިޔާއާއި ހެޔޮއެދުންތައް ފޮނުއްވީ އެ ދެބޭފުޅުންނަށް ވަކިވަކިން ފޮނުއްވި މެސެޖުގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ދިވެހި ސަރުކާރާއި، ރައްޔިތުންނާއި، އަދި ‌‌‏ރައީސުލްޖުމްހޫރިއްޔާގެ އަމިއްލަ ނަންފުޅުގައި، ނޭޕާލްގެ ސަރުކާރަށާއި ރައްޔިތުންނަށް ޖުމްހޫރީ ދުވަހުގެ ހެޔޮ އެދުންތައް ފޮނުއްވާފައިވެއެވެ.

އަދި އެމަނިކުފާނުގެ މެސެޖުގައި ދިވެހިރާއްޖެއާއި ނޭޕާލާއި ދެޤައުމުގެ ދެމެދުގައި އުފެދިފައިވާ ޒަމާންވީ ގާތް ރަހުމަތްތެރި ގުޅުމާއި އެއްޤައުމުން އަނެއް ޤައުމަށް ކުރާ އިޙްތިރާމާއި ބަދަހި ރަހުމަތްތެރިކަމުގެ ގުޅުން ފާހަގަކުރައްވައި އިތުރަށް މި ގުޅުން ބަދަހިވާނެކަމަށް އުންމީދުކުރައްވާކަމަށް ވަނީ ވިދާޅުވެފައެވެ.