ޚަބަރު

އަންނަ މަހުގެ 2ވަނަ ދުވަހުގެ ކުރިން ކޮމިޓީތައް އެކުލަވާލަނީ


  • 241 ކޮމިޓީއަށް 13 މެންބަރުން އައްޔަންކުރާނެ

  • ދާއިމީ ކޮންމެ ކޮމިޓީއަކަށް 11 މެންބަރުން އައްޔަންކުރާނެ

  • އާދީއްތަ ދުވަހުގެ ކުރިން ޕާޓީތަކުން ނަން ހުށައެޅުމަށް ވަނީ ފާސްކޮށްފަ

އަންނަ މަހުގެ ދެވަނަ ދުވަހުގެ ކުރިން ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް މެމްބަރުން އައްޔަނު ކުރައްވާނެކަމަށް ޕީޕަލްސް ނެޝަނަލް ކޮންގްރެސް، ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ވިދާޅުވެއްޖެއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވަނީ މަޖިލީހުގެ ދާއިމީ ކޮމިޓީތައް އެކުލަވާލުމަށް އަންނަ އާދީއްތަ ދުވަހުގެ ކުރިން ޕާޓީތަކުން ނަންތައް މަޖިލީހުގެ އިދާރާއަށް ފޮނުވުމަށް ފާސްކޮށްފައެވެ. މިގޮތުން ސަލާމަތީ ޚިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އަށް 13 މެންބަރުން އަދި ދާއިމީ ކޮންމެ ކޮމިޓީއަކަށް 11 މެންބަރުން އައްޔަންކުރުމަށް މަޖިލީހުން ވަނީ ފާސްކޮށްފައެވެ. މިގޮތަށް ފާސްކުރީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 88 މެންބަރުންގެ ވޯޓުންނެވެ.

ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕުން ރައްޔިތުންގެ މަޖިލީހުގެ އިދާރާގައި ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހީމް ފަލާޙް ވިދާޅުވީ، އެޕާޓީގެ ސުޕަރ މެޖޯރިޓީ މަޖިލީހުގައި އޮތްނަމަވެސް އެއްވެސް ކޮމިޓީއަކަށް ވަކި މެމްބަރަކު ޚާއްޞަ ނުކުރާނެކަމަށެވެ. ފަލާޙް ވަނީ އަންނަ މަހުގެ 2 ވަނަ ދުވަހުގެ ކުރިން ކޮމިޓީތަކަށް މެންބަރުން އައްޔަންކުރާނެކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުރުން، މަޖިލީހުން އެންމެ އިސްކަންދެއްވާނީ ކޮން ބިލުތަކަކަށްތޯއާއި، ނިމިދިޔަ ދައުރުގެ ނުނިމިހުރި ބިލުތަކުގެ މަސައްކަތް ކުރައްވާނެތޯ، ނޫސްވެރިއަކު ދެންނެވި ސުވާލަކަށް ޖަވާބުދެއްވަމުން ފަލާހު ވިދާޅުވީ، މަޖިލީހަށް ހުށަހެޅޭ ބިލުތަކުގައި ޕީއެންސީގެ މެމްބަރުން މަސައްކަތް ކުރައްވާނީ، ރައްޔިތުނަށް އެންމެ ފައިދާހުރި ގޮތަކަށްކަމަށެވެ.

"އެއީ ނުނިމި އޮތް ބިލެއް ކަމަށް ވިޔަސް، މިހާރު އަލަށް ފޮނުވާ ބިލެއް ކަމަށްވިޔަސް، އަޅުގަނޑަށް 100 ޕަސެންޓު ޔަގީންކަން އެބައޮތް ސަރުކާރުން ފޮނުވާނީ ރައްޔިތުންނަށް އެންމެ ފައިދާހުރި ބިލުތައް ކަން. ރައްޔިތުނަނާއި ގުޅުން ހުރި ގައުމަށް ފައިދާހުރި ބިލެއްކަމަށް ވަންޏަ ތަސްދީގުކޮށް ފާސްކުރެވޭނެ" ފަލާޙު ވިދާޅުވިއެވެ.

ފަލާޙު ވިދާޅުވީ، މަޖިލީހުގައި ޕީއެންސީގެ ކިތަންމެ ބޮޑު އަޣްލަބިއްޔަތެއް އޮތްނަމަވެސް، އެ މެންބަރުން އެންމެ މުހިންމުކަމެއްދެއްވާނީ، މައިނޯރިޓީގައި ތިއްބެވި މެމްބަރުންނަށްވެސް ފުރުޞަތު ދީގެން މަޖިލީހުގެ މަސައްކަތްތައް ކުރިއަށް ގެންދިއުމަށްކަމަށެވެ. ފަލާހު ވަނީ ކޮމިޓީތަކާއި މަޖިލީހުގެ ތަޅުމުގައިވެސް މައިނޯރިޓީއަށް ފުރުޞަތު ދެއްވާނެކަމުގެ ޔަޤީންކަން ދެއްވާފައެވެ.

ޕީއެންސީގެ ޕާލިމަންޓްރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާޙް ވަނީ މަޖިލީހުގައި އިންސާފުވެރިކަމާއެކު އެޕާޓިގެ މެންބަރުން އަބަދުވެސް މަސައްކަތްކުރައްވާނެކަމުގެ ޔަޤީންކަން ރައްޔިތުންނަށް ދެއްވާފައެވެ.