ދީން

ރައީސް ޔާމިން "މަސްޖިދް ބިލާލް" ހުޅުއްވައިދެއްވައިފި


ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ހައްދުންމަތީ މާވަށުގައި އަލަށް ޢިމާރާތްކުރައްވާފައިވާ "މަސްޖިދް ބިލާލް" ހުޅުއްވައިދެއްވައިފިއެވެ.

ލ. މާވަށުގައި ހުޅުވިގެންމިދިޔަ މަސްޖިދު ބިލާލް އަކީ ސައުދީ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ޢިމާރާތް ކުރައްވާފައިވާ 500 މީހުންގެ ޖާގައިގެ މިސްކިތެކެވެ. 5 މިލިޔަނަށްވުރެ ގިނަ ރުފިޔާ ޚަރަދު ކުރައްވައިގެން ޢިމާރާތް ކުރެވުނު މި މިސްކިތް ހުޅުއްވައިދެއްވުމަށްފަހު ރައީސުލްޖުމުހޫރިއްޔާ އާއި ބައެއް ވަޒީރުން މެންދުރު ނަމާދު ކުރެއްވީ އެ މިސްކިތުގައެވެ.

މަސްޖިދް ބިލާލް މިސްކިތް ހުޅުވައިދެއްވުމަށްފަހު ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ، މާވަށުގައި ހުޅުވިގެން ދިޔަ މިސްކިތަކީ، ބޭރުގެ ގައުމުތަކާއި އަދުގެ ސަރުކާރާމެދު އޮތް ގާތް ގުޅުން ފެނިގެންދާ ކަމެއްކަމަށެވެ. ރައީސް ވިދާޅުވީ، މާވަށަކީވެސް ތަރައްގީ ޔަގީންކުރަންޖެހޭ ރަށެއްކަމުގައެވެ. އެގޮތުން ފުޓްސަލް ދަނޑާއި ބަށިކޯޓެއްވެސް އެޅިގެންދާނެކަމަށާއި، މާވަށު ރައްޔިތުން އެންމެ ބޮޑަށް ބޭނުންވާ ނަރުދަމާގެ ޢަމަލީ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެކަމުގެ ޚަބަރު ރައީސް ޔާމީން އެރަށުގެ ރައްޔިތުންނަށްވަނީ ދެއްވާފައެވެ. އަދި މިހާރުވެސް ގިނަ މަޝްރޫއުތައް ނިމިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

img:http://s2.psmnews.mv/images/660x400/14627920307480.jpg|ރައީސް ޔާމިން މާވަށަށް ވަޑައިގަތުމުން އެރަށު ސްކޫލް ދަރިވަރުންތަކެއް އެމަނިކުފާނަށް މަރުޙަބާ ދަންނަވަނީ / ފޮޓޯ: ޕީއެސްއެމް

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން އިސްލާމިކް މިނިސްޓަރ ޑރ. އަޙްމަދު ޒިޔާދު ވަނީ، މާވަށުގައި ހުޅުވިގެން މިދިޔަ މިސްކިތަކީ ސައުދީ ސަރުކާރުގެ އެހީގެ ދަށުން އިމާރާތްކުރެވޭ މިސްކިތެއްކަން ފާހަގަކުރައްވައި މިހާރުވެސް ސަރުކާރާއި، ސައުދީގެ ހިލޭ އެހީގެ ދަށުން 56 މިސްކިތް އެޅުމުގެ މަސައްކަތް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާކަން ފާހަގަކުރެއްވިއެވެ. 

މިނިސްޓަރ ޒިޔާދުގެ ވާހަކަފުޅުގައި މިސްކިތްތަކުގެ އިމާމުންނަކީ އިލްމީ، ގާބިލް، ރައްޔިތުން ގޮވައިގެން ހެޔޮކަންކަމަށް ހިތްވަރުދޭ ބަޔަކަށް ވުމަކީ މުހިންމުކަމެއްކަން ފާހަގަކުރައްވައި، އިމާމުން ތަމްރީންކުރަން ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވާކަމުގައި ވިދާޅުވިއެވެ. އަދި މިނިސްޓަރ ވަނީ މިސްކިތްތައް ސާފުތާހިރުކޮށް ބެލެހެއްޓެވުމަށް ހުރިހާ ރައްޔިތުންނާއި، ކައުންސިލްތަކުންވެސް މަސައްކަތް ކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

މިރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން މާވަށު ދާއިރާގެ މެންބަރު އަޒްހާން ފަހުމީ ވިދާޅުވީ، ރައީސް ޔާމީންގެ ޒައާމަތުގައި ރާއްޖޭގެ ތަރައްގީއާމެދު ވިސްނަން ނުޖެހޭކަމަށާއި، މާވަށުގައި ހުޅުވިގެންދިޔަ މިސްކިތާއި، ރާއްޖޭގެ އެކިއެކި ކަންކޮޅުތަކުގައި ކުރިއަށްދާ އަދި މިހާރު ނިމިފައިވާ މަޝްރޫޢުތަކުން އެކަން އެނގިގެންދާކަމަށެވެ.

ހައްދުންމަތީ މާވަށަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްޤައްޔޫމް ވަޑައިގަތުމުން މާވަށުގެ ރައްޔިތުން ވަނީ އެމަނިކުފާނަށް ހޫނު މަރުހަބާއެއް ދަންނަވާފައެވެ.