ޓުއަރިޒަމް

"ފަތުރުވެރިކަމަށް އިތުރު ރަށްތައް ދޫކުރުމުގެ ވިސްނުމެއް ނެތް"


ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފަތުރުވެރިކަމުގެ ސިނާޢަތް ފުޅާކުރުމަށްޓަކައި އިތުރު ފަޅުތަކާއި، ރަށްތައް ދޫކުރުމުގެ ވިސްނުންފުޅެއް ސަރުކާރުން މިވަގުތު ނުގެންގުޅުއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިހެން ވިދާޅުވީ، ސަޢުދީ ސަރުކާރުގެ ހިލޭ އެހީގައި ލ. މާވަށުގައި ޢިމާރާތްކުރެއްވި "މަސްޖިދް ބިލާލް" މިސްކިތް ރަސްމީކޮށް ހުޅުއްވުމަށް އެރަށުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާޢަތަށް އަލިއަޅުއްވާލައްވާ ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ، ޢަބްދުﷲ ޔާމީން ޢަބްދުލްޤައްޔޫމް ވިދާޅުވީ، މާލެ ހިމެނޭ ސަރަހައްދުންނާއި، އަދިވެސް ރާއްޖޭގެ އެހެން ސަރަހައްދުތަކުން އެއްފަހަރާއި، ދިގު މުއްދަތަކަށް ގިނަ އަދަދެއްގެ ފަޅުތަކާއި، ރަށްތަށް މީގެކުރިން ދޫކުރައްވާފައިވަނީ ވަކި ބަޔަކަށް އެކަމުގެ ސަބަބުން ފައިދާ ލިބި، ކޮރަޕްޝަންގެ އެތަކެއް ޢަމަލުތަކެއް ހިންގުމަށް މަގުފަހިވާނެހެންކަމަށެވެ. އަދި ފަސާދައިގެ މިފަދަ ގިނަ މައްސަލަތަކެއް އޮޑިޓަރ ޖެނެރަލާއި، އޭ.ސީ.ސީއިން މިހާރުވެސް ބައްލަވަމުންދާކަމަށާއި، މިފަދަ މައްސަލަތަކުގެ ސަބަބުން ރައްޔިތުންގެ ކުރިމަތީގައި ސަރުކާރުގެ އަގު ވަރަށް ބޮޑަށް ވެއްޓިފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

އެހެންކަމުން ރާއްޖޭގެ އެކި ސަރަޙައްދުތަކުގައި ފަތުރުވެރިކަމުގެ ސިނާޢަތް ފުޅާކުރުމަށްޓަކައި އިތުރު ފަޅުތަކާއި، ރަށްތައް ދޫކުރުމުގެ ވިސްނުންފުޅެއް މިވަގުތު ސަރުކާރުން ނުގެންގުޅުއްވާކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. އަދި ބަދަލުގައި ސަރުކާރުން މިވަގުތު މަސައްކަތް ކުރައްވަނީ ފަޅުތަކަކާއި، ފަޅު ރަށްތައް ދޫކުރެވޭނެ ހަރުދަނާ ގޮތްތަކެއް ކަނޑައެޅުއްވުމަށް ކަމަށާއި، އެއް ފަހަރާ ފައިސާ ދައްކާ އުސޫލުން ނޫންގޮތަކަށް ރާއްޖޭގެ ފަޅުތަކާއި، ފަޅު ރަށްތައް ފަތުރުވެރިކަމުގެ ބޭނުމަށް ދޫކުރެއްވުމުގެ ވިސްނުންފުޅެއް ސަރުކާރުން ނުގެންގުޅުއްވާކަމަށް ރައީސް ޔާމީން ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރާއްޖޭގެ ހުރިހާ ސަރަހައްދަކަށްވެސް ފަތުރުވެރިކަން ބެހިފައި އޮތުމަކީ ސަރުކާރުގެ އަމާޒެއްކަމަށެވެ. އެހެންކަމުން ފަތުރުވެރިކަމަށް އިތުރު ރަށްތަކާއި ފަޅުތައް މިވަގުތު ސަރުކާރުން ދޫނުކުރެއްވި ނަމަވެސް، ފަތުރުވެރިކަން ކުރިއަރުވަން ސަރުކާރުން ބޭނުންވާ ދާއިރާތަކުން ރިސޯޓް ހެދުމަށް އަދިވެސް ފުރުސަތު ހުޅުވާލާނެ ކަމަށެވެ. އެގޮތުން ރާއްޖޭގެ އުތުރަށް ފަތުވެރިކަން ތަޢާރަފުކުރުމަށް ބާރު ދުވެލީގައި މިހާރުވެސް މަސައްކަތް ކުރައްވަމުން ގެންދަވާކަމަށާއި، ހދ. ކުޅުދުއްފުށްޓާއި ށ. ފުނަދޫގައި އެއަރޕޯޓް ތަރައްޤީކުރެއްވުމުގެ މަސައްކަތް މިއަހަރުގެ ތެރޭ ފެށޭނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރާއްޖޭގެ ފަތުރުވެރިކަން އިތުރަށް ތަރައްޤީކުރުމުގައި މިވަގުތު ދިމާވެފައިވާ އެންމެ ބޮޑު އެއް ގޮންޖެހުމަކީ އިބްރާހީމް ނާޞިރު އިންޓަރނޭޝަނަލް އެއަރޕޯޓަށް ދިމާވެފައިވާ ވަސީލަތްތައް ނެތުމާއި، ޖާގައިގެ ދަތިކަންކަމަށްވުމުން، އެ މައްސަލަ ހައްލުކުރުމަށްޓަކައި ސަރުކާރުން ވަނީ 800 މިލިއަން ޑޮލަރުގެ ބިޔަ މަޝްރޫޢެއް ފައްޓަވާފައެވެ.