ޚަބަރު

މައްސަލަތައް ބެލުމަށްފަހު ހައުސިން ކޮމިޓީން ދަނީ ވަޒީރަށް ލަފާ އަރުވަމުން: އީނާސް


  • ކޮމިޓީގެ މެންޑޭޓަކީ ހޯދުންތަަކާއި ލަފާތައް ވަޒީރަށް އެރުވުން

  • ގެދޮރުވެރިކަމުގެ ސްކީމާއި ގުޅިގެން 7000 އަށްވުރެ ގިނަ ޝަކުވާ ހުށަހެޅި

  • ހައުސިން ކޮމިޓީ އުފެއްދެވީ މިނިވަންކަމާއެކު މައްސަލަތައް ބެލުމަށް

ބޯހިޔާވަހިކަމުގެ މަޝްރޫޢުތަކަށް ލަފާ އެރުވުމަށް އުފެއްދި "ހައުސިން ކޮމިޓީން" މުހިންމު ލަފާތަކެއް ގެދޮރުވެރިކަމާ ބިމާ އުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރަށް އަރުވާފައިވާކަމަށް ކޮމިޓީގެ ޗެއަރ އާމިނަތު އީނާސް ވިދާޅުވެއްޖެއެވެ.

ކުރީ ސަރުކާރުން ހިންގާފައިވާ ބޯހިޔަވަހިކަމުގެ މަޝްރޫޢުތަކުގެ ތެރޭގައި ހިމެނޭ "ބިންވެރިޔާ" އަދި ގެދޮރުވެރިޔާ" ސްކީމްގައި ހިމެނޭ ކަންކަން ކުރިއަށްގެންދިޔުމަށް ހައުސިންގ ކޮމިޓީ އެކުލަވާލާފައިވަނީ 26 ފެބްރުއަރީ 2024ގައެވެ.

ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓް ނެރެފައިވަނީ ނިމުނު ސަރުކާރު ނިމެން އެންމެ ދުވަހަކަށް ވެފައި ވަނިކޮށެވެ. އޭރުވެސް އެ ލިސްޓުގައި ޙައްޤު ނޫން މީހުންނަށް ފްލެޓް ދީފައިވާކަމަށް އެތަށް ބަޔަކު ތުޙުމަތުކޮށް 7000އަށްވުރެ ގިނަ ޝަކުވާ ހުށައެޅިއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނަށް ހުށައެޅި މިފަދަ މައްސަލަތަކާ ގުޅިގެން ހަމަ އެ ހަފްތާގައި އޭސީސީން ވަނީ ފްލެޓް ދޫކުރުމުގައި ހުރި މައްސަލަތައް އިސްލާހުކޮށް ކުރިއަށްގެންދިއުމަށް އޭރުގެ ހައުސިން މިނިސްޓްރީއަށް އަންގާފައެވެ. އޭސީސީއަށްވެސް 300 އަށްވުރެ ގިނަ މައްސަލަ ހުށައެޅިއެވެ. ނަމަވެސް ތަކުރާރުކޮށް އެންގުމުންވެސް އެކަމަށް ތަބާވެފައި ނުވާތީ އޭސީސީން ވަނީ މައްސަލަ ބަލަންދެން ފްލެޓް ދޫކުރުމުގެ ހުރިހާ މަސައްކަތްތައް ހުއްޓާލުމަށް އަންގާފައެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަންގެ ހޯދުންތަކުން ހާމަވިގޮތުގައި، މަޢުލޫމާތު ކަށަވަރު ނުވުމާއި ޝަރުތު ހަމަނުވާކަމަށް ފެންނަ %59.6 މީހުންނަށް ފްލެޓް ދީފައިވާކަމަށް ވަނީ ބުނެފައެވެ. އެއްވެސް މައްސަލައެއް ނެތްކަމަށް ކަނޑައެޅީ %20.7 ފޯމުގައެވެ.

މިއީ ރައްޔިތުންނާ ގުޅުން ބޮޑު މަސައްކަތަކަށް ވުމާއެކު، މި ސަރުކާރު ހަވާލުވުމަށްފަހު ވަނީ ގެދޮރުވެރިކަމާ ގުޅޭ މައްސަލަތައް ބެލުމަށް ހައުސިން ކޮމިޓީއެއް އުފައްދަވާފައެވެ. މިއީ 7 މެންބަރުންގެ މައްޗަށް އެކުލެވޭ ކޮމިޓީއެކެވެ.

ހައުސިންގ ކޮމިޓީގެ މަސައްކަތްތައް ކުރިއަށްގޮސްފައިވާ ހިސާބާއި ގުޅޭގޮތުން ޕީއެސްއެމް ނިއުސްއާ މަޢުލޫމާތު ޙިއްސާކުރައްވަމުން ކޮމިޓީ ޗެއަރ އާމިނަތު އީނާސް ވިދާޅުވީ، މިހާތަނަށް އެ ކޮމިޓީން 26 ބައްދަލުވުމެއް ބާއްވާފައިވާކަމަށެވެ. އަދި އެންމެ މުހިންމު މަސައްކަތެއްގެ ގޮތުގައި ކޮމިޓީން ކުރަމުންދަނީ ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބުނު ލިސްޓާ ގުޅޭ މައްސަލަތައް އިތުރަށް ބަލައި، އެކަންކަމަށް ޙައްލު ހޯދޭނެ ގޮތްތައް ހޯދުމަށްކަމަށެވެ.

އީނާސް ވިދާޅުވީ، ކޮމިޓީގެ ހޯދުންތަކުގެ މަޢުލޫމާތު އާއްމުކުރުމުގެ އިޚްތިޔާރު ކޮމިޓީއަށް ނޯންނާނެކަމަށެވެ. އަދި ކޮމިޓީގެ މެންޑޭޓު އޮންނަގޮތަށް ހޯދުންތަކާއި ގުޅޭ ތަފްސީލީ މަޢުލޫމާތު ގަވައިދުން ގެދޮރުވެރިކަމާ ބިމާ އުމްރާނީ ތަރައްޤީއާއި ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙުމަދާއި ޙިއްސާކުރަމުންދާކަމަށް އޭނާ ވިދާޅުވިއެވެ.

އީނާސް ވިދާޅުވީ މި މައްސަލައިގައި އޭސީސީން ޖިނާޢީ މައްސަލަތަކެއް ތަހުގީގު ކުރިއަށްދާތީ އެކަންކަމަށްވެސް ކޮމިޓީގެ މަސައްކަތްތަކުގައި ރިޢާޔަތްކުރަމުންދާކަމަށެވެ. އީނާސް ވިދާޅުވީ ހުށައަޅާފައިވާ ކޮންމެ ޝަކުވާއަކާއި ކޮމެޓީއަށް ފާހަގަވާ ކޮންމެ ކަމެއްގެ ވަރަށް ބޮޑަށް ބަލަމުންދާކަމަށެވެ. އަދި ކޮމިޓީގެ މަސައްކަތްތައް ގިނަ ދުވަސް ހޭދަވަނީ އެކަންކަމާއި ހުރެގެންކަމަށްވެސް އޭނާ ވިދާޅުވިއެވެ.

މިއީ ރައްޔިޔުންނާ ގުޅުން ބޮޑު ޙައްސާސް މައްސަލައަކަށްވާތީ، ކޮންމެ ލަފައެއް އަދި ކޮންމެ ނިންމުމެއް ނިންމުމުގައިވެސް ވަރަށް ބޮޑަށް މަޝްވަރާކޮށް އެކަންކަން ބަލަންޖެހޭކަމަށް އީނާސް ވިދާޅުވިއެވެ.

މައްސަލަ ތަޙުޤީޤުކޮށް އޭސީސީން އެކުލަވާލި ފްލެޓް ލިސްޓްވެސް މިހާތަނަށް އާއްމުކޮށްފައެއް ނުވެއެވެ. ނަމަވެސް އޭގެ ލިސްޓެއް ކަމާގުޅުންހުރި އިދާރާއާއި ރައްޔިތުންގެ މަޖިލީހަށް އޭސީސީން ޙިއްސާކޮށްފައިވެއެވެ.

އިނާސް ވިދާޅުވީ ކޮމިޓީން މަސައްކަތް ކުރަމުންދަނީ، ފްލެޓްތައް ހަވާލުކުރުމާ ގުޅޭގޮތުން ކޮމިޓީން ކުރަންހުރި މަސައްކަތްތައް ނިންމާ، ހުށައަޅަންޖެހޭ ރިޕޯޓްތައް ވީހާވެސް އަވަހަށް ވުޒާރާއަށް ހުށައެޅުމަށްކަމަށެވެ. އަދި އުއްމީދުކުރަމުންދަނީ މި މަސައްކަތްތައް އަވަށް ނިމި، ޙައްގުވެރި ފަރާތްތަކަށް ވީހާވެސް އަވަހަށް ފްލެޓް ދޫކުރުމުގެ މަސައްކަތްތައް ފެށުމަށްކަމަށްވެސް އީނާސް ވިދާޅުވިއެވެ.