ޚަބަރު

ކަނޑުމަހުގެ ވިޔަފާރީގެ ބާޒާރުގަައި ހަމަހަމަ ފުރުސަތުތަކެއް އޮންނަންޖެހޭ: ޝިޔާމް


  • ކޮންފަރެންސް ކުރިއަށްދިޔައީ ތައިލެންޑުގައި

  • ޤަވާއިދާ ޚިލާފަށްކުރެވޭ މަސްވެރިކަން ހުއްޓުވުމުގެ މުހިންމުކަން ފާހަގަކުރެއްވި

ކަނޑުމަހުގެ ވިޔަފާރީގެ ބާޒާރުގަައި ޙަރަކާތްތެރިވާ ހުރިހާ ފަރާތްތަކަަށްވެސް ހަމަހަމަ ފުރުސަތުތަކެއް އޮންނަންޖެހޭކަމަށް މަސްވެރިކަމާއި ކަނޑުތަކުގެ ވަޞީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ 18 ވަނަ އިންފޯ ފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސް އެންޑް އެގްޒިބިޝަންގައި ވާހަކަފުޅު ދައްކަވަމުންނެވެ.

އިންފޯ ފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސް އެންޑް އެގްޒިބިޝަނަކީ ތައިލެންޑުގެ ވެރިރަށް ބެންކޮކުގައި ކުރިއަށްދިޔަ ދެމެހެއްޓެނިވި މަސްވެރިކަމާއި ގުޅޭ މަތި ފަންތީގެ މިނިސްޓީރިއަލް ބައްދަލުވުމުގެ ހަވާސާގައި ކުރިއަށް ދިޔަ ކޮންފަރެންސެކެވެ.

މި ކޮންފަރެންސްގައި ވާހަކަފުޅު ދައްކަވަމުން މަސްވެރިކަމާއި ކަނޑުތަކުގެ ވަޞީލަތްތަކާއި ބެހޭ ވަޒީރު އަޙްމަދު ޝިޔާމް ވިދާޅުވީ ފުޅާ ދާއިރާއެއްގައި ބައިނަލްއަގުވާމީ ބާޒާރުގައި ހަރަކާތްތެރިވާ ފަރާތްތަކާއި ވާދަކުރުމަށް ރާއްޖެ ފަދަ ތަރައްގީވަމުން އަންނަ ގައުމުތަކަށް ބޮޑެތި ދަތިތަކެއް އެބަހުރި ކަމަށެވެ. އެހެންކަމުން ތަރައްގީވަމުން އަންނަ ކުދި ގައުމުތަކުން އުފައްދާ މަހުގެ ބާވަތްތަކަށް ބައިނަލްއަގުވާމީ ބާޒާރުން ފުރުސަތު ހޯދުމަށް ހުރި ދަތިތައް ނައްތާލަންޖެހޭކަމަށް ވަޒީރު ވިދާޅުވިއެވެ. އެގޮތުން ޤަވާއިދާ ޚިލާފަށް ކުރެވޭ މަސްވެރިކަމާ ދެކޮޅަށް މަސައްކަތް ކުރުމަށްޓަކައި ސަވައިލެންސް ހަރުދަނާކޮށް މަސްވެރިކަމުގެ އޮނިގަނޑު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކާ ބެހޭ ގޮތުން ވެސް މިނިސްޓަރު ވާހަކަފުޅު ދެއްކެވިއެވެ.

ވަޒީރުގެ ވާހަކަފުޅުގައި ވަނީ ގަވާއިދާއި ޚިލާފަށް ކުރާ މަސްވެރިކަމުގެ ސަބަބުން ލިބޭ ގެއްލުންތަކުގެ މައްޗަށްވެސް އަލިއަޅުއްވާލައްވާފައެވެ. އެގޮތުން ގަވައިދާއި ހިލާފަށް ކުރާ މަސްވެރިކަމުގެ ސަބަބުން މަސްވެރިންނާއި މަސްވެރިކަމަށް ބަރޯސާވާ މުޖްތަމަޢުތަކަށް އޮތް ނުރައްކާ ބޮޑުކަން ވަޒީރު ފާހަގަކުރެއްވިއެވެ. އަދި ގަވާއިދާއި ޚިލާފަށް ކުރާ މަސްވެރިކަމުގެ ސަބަބުން، ރާއްޖެފަދަ ދެމެހެއްޓެނިވި މަސްވެރިކަން ކުރާ ގައުމުތަކުން ކުރާ މަސައްކަތްވެސް ނާކާމިޔާބު ވެގެންދާކަންވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

އިންފޯ ފިޝް ވޯލްޑް ޓޫނާ ޓްރޭޑް ކޮންފަރެންސް އެންޑް އެގްޒިބިޝަންގައި ކަނޑު މަހުގެ ވިޔަފާރީގައި ހަރަކާތްތެރިވާ ފަރާތްތަކާއި ބައިނަލްއަގުވާމީ ޖަމިއްޔާތަކުންވެސް ބައިވެރިވިއެވެ.