ކުރިއަށްހުރި މުބާރާތްތަކުގައި ވާދަކުރާ ރާއްޖޭގެ އަންހެން ވޮލީބޯޅަ ޓީމުގެ ހެޑް ކޯޗަކަށް ތަޖުރިބާކާރު ކޯޗު ސޮފްވާން އަޙްމަދު ހަމަޖައްސައިފިއެވެ.
ސޮފްވާނަށް މި މަގާމު ރަސްމީކޮށް ހަވާލުކުރީ ހ. ބޯޅަގޭގައި ހުންނަ އެ އެސޯސިއޭޝަނުގެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ވޮލީބޯލް އެސޯސިއޭޝަންގެ ނައިބު ރައީސް މުޙައްމަދު ސާޖިދު (ކާއްޓޭ) އެވެ. ސޮފްވާންގެ އެސިސްޓެންޓެއްގެ ގޮތުގައި މަސައްކަތްކުރާނީ އަޙްމަދު އަދީލް (ބޭބެ) އެވެ.
މީގެ އިތުރުން އިއްޔެ ވަނީ ޒުވާން ގައުމީ ޓީމުގެ ކޯޗުގެ މަގާމު ފަތުހުﷲ ވަހީދު (ފައްލޯ) އާ ހަވާލުކޮށްފައެވެ. ފައްލޯ މަސައްކަތްކުރާނީ 20 އަހަރުން ދަށުގެ ގައުމީ އަންހެން ޓީމުގައެވެ. ފައްލޯގެ އެސިސްޓެންޓަކަށް އިސްމާޢީލް ޖިނާޒް ހަމަޖެއްސިއިރު، ޓީމުގެ ޓްރެއިނަރަކަށް ހަމަޖެއްސީ މަރިޔަމް ހަލީމް (ކޮކޯ) އެވެ.
ގައުމީ އަންހެން ޓީމުން މި އަހަރު ބައިނަލްއަގުވާމީ ދެ މުބާރާތެއްގައި ވާދަކުރާނެއެވެ. އެއީ އަންނަ އޯގަސްޓް މަހު ނޭޕާލްގައި ބާއްވާ ކާވާ ވޮލީބޯލް ނޭޝަންސް ލީގާއި، ސެޕްޓެމްބަރު މަހު މާލޭގައި ބާއްވާ ވޮލީބޯލް ޗެލެންޖް ކަޕުގައެވެ. ޒުވާން ޓީމު ތައްޔާރުވަމުން އަންނަނީ އަންނަ ޖުލައި މަހު މާލޭގައި ބާއްވަން ތައްޔާރުވާ 20 އަހަރުން ދަށުގެ ވޮލީބޯލް ޗެމްޕިއަންޝިޕަށެވެ.
ދެ ޓީމަށް ކުޅުންތެރިންގެ ސެލެކްޝަނާއި ތައްޔާރީތައް ވަރަށް އަވަހަށް ފެށިގެންދާނެ ކަމަށް ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް) އިން މައުލޫމާތުދެއެވެ.