ޚަބަރު

ލ. ގަމުގައި އުރީދޫން ބާއްވާ ފަން ރަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފި


  • މި ދުވުމުގައި 6 އަހަރުން މަތީގެ ހުރިހާ އެންމެންނަށް ބައިވެރިވެވޭނެ

  • 2 ކެޓަގަރީއަކުން ކިޓް ލިބެން ހުންނާނެ

ލ.ގަމުގައި އުރީދޫ މޯލްޑިވްސް އިން ބާއްވާ ފަން ރަންގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. ފަން ރަން ގަމުގައި ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 5 ވަނަ ދުވަހުއެވެ.

އުރީދޫން ބުނީ މި ދުވުމުގައި 6 އަހަރުން މަތީގެ ހުރިހާ ފަރާތްތަކަށް ބައިވެރިވެވޭނެކަމަށެވެ. މިއީ ތަފާތު ހަރަކާތްތަކެއް ހިމެނޭ 5 ކިލޯމީޓަރުގެ ކުރު ދުވުމެކެވެ. މިއީ އަލަށް ދުވާ ފަރާތްތަކާއި އާއްމުކޮށް ދުވާ ފަރާތްތަކަށްވެސް ބައިވެރިވުމަށް މަޖާވާނެ ދުވުމެއްކަމަށް އުރީދޫން ވަނީ ބުނެފައެވެ.

އުރީދޫ ފަން ރަންގެ އަމާޒަކީ، ދުޅަހެޔޮ ދިރިއުޅުމަކަށް، ދުވުމަކީ މަޖާ އަދި އުފާވެރިކަން ގެނުވަދޭނެ ހަރަކާތެއްކަން އަންގައިދިނުމެވެ. އުރީދޫ ފަން ރަންގައި ކޮންމެ ކިލޯމީޓަރެއް ދުވެ ނިމުމުން، ބެހެއްޓިފައިވާ ސްޓޭޝަންތަކުން ގައިގައި ކުލަލުމުގެ އިތުރުން ފެން ޖެހުމާއި އެހެނިހެންވެސް މަޖާ ހަރަކާތްތަކެއް ކުރިއަށްދާނެކަމަށް އުރީދޫން ބުނެއެވެ.

އުރީދޫ ފަން ރަން - ލާމު ކިޓްތައް 2 ކެޓަގަރީއަކުން ލިބެން ހުންނާނެއެވެ. އެއީ ސްޓޭންޑަޑް ކިޓްސް އަދި ފަން ކިޓްސް ކެޓަގަރީއެވެ. ސްޓޭންޑަޑް ކިޓްގައި ފަން ރަން ޓީޝާޓް އަދި ރިސްޓްބޭންޑް ހިމެނޭ އިރު އަގަކީ 100 ރުފިޔާއެވެ. 200 ރުފިޔާއަށް ލިބޭ ފަން ކިޓްގައި އުރީދޫ ފަން ރަން ޓީޝާޓްގެ އިތުރުން ރިސްޓްބޭންޑަކާއި، ފޮތި ދަބަސް، އައިނު އަދި ބަންޑާނާ ހިމެނެއެވެ.

އުރީދޫ ފަން ރަންގައި ރަޖިސްޓްރީވުމުގެ ފުރުސަތު 10 ޖޫން 2024 ގެ ނިޔަލަށް ވަނީ ހުޅުވާލައިފައެވެ. އުރީދޫ ފަން ރަން ލާމު އެޑިޝަން http://ore.do/funrun2024 މެދުވެރިކޮށް ރަޖިސްޓްރީވެވޭނެއެވެ.

އުރީދޫ ފަން ރަން އަކީ ކޮންމެ އަހަރަކު އުރީދޫން ބާއްވަމުންދާ ހަރަކާތްތަކުގެ ތެރެއިން އާއްމުންގެ މެދުގައި އެންމެ މަގުބޫލު އެއް ހަރަކާތެވެ. މިދިޔަ އަހަރު ހުޅުމާލޭގައި ކުރިއަށް ގެންދިޔަ މަޖާ މި ހަރަކާތުގައި 5000 އަށްވުރެ ގިނަ ފަރާތުން ބައިވެރިވިއެވެ.