ޚަބަރު

ވިދާ ގުގުރާ ސަރަހައްދު ދެނެގަތުމުގެ ނިޒާމެއް ރާއްޖޭގައި ޤާއިމް ކުރަނީ


  • މިއީ އޭވިއޭޝަން ދާއިރާއަށް ބޭނުންވާ މައުލޫމާތު އެއްކުރުމަށް ޤާޢިމް ކުރާ ނިޒާމެއް

  • ހުޅުލޭގައި ހުރި ޑޮޕްލަރ ވެދަރ ރޭޑަރ ސިސްޓަމް މަރާމާތު ކުރަންވަނީ ފަށާފައި

ވިދާ ގުގުރާ ސަރަހައްދު ދެނެގަތުމުގެ ނިޒާމެއް ޗައިނާގެ އެހީތެރިކަމާއެކު ރާއްޖޭގައި ޤާއިމް ކުރުމުގެ މަސައްކަތް ކުރައްވަމުންދާ ކަމަށް މޫސުމީ ބަދަލުތަކާއި ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވެއްޖެއެވެ.

ތިމާވެއްޓާއި ބެހޭ ވުޒާރާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ވަޒީރު ޠާރިޤް އިބްރާހިމް ވިދާޅުވީ ޗައިނާ ސަރުކާރުގެ ސިވިލް އެވިއޭޝަންގެ އެހީތެރިކަމާއެކު އެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

" ރާއްޖޭގެ ރަށްރަށުގައި އަދި އެއަރޕޯޓުތަކުގައި މިހާރު ވިދާ ގުގުރާއިރު، ވަކި ހިސާބެއް މަތީގައި ވިލާތަކުގައި ސީދާ އެ ލޮކޭޝަންތައް، އުދުހުމުގެ ދާއިރާގައި މަތިންދާ ބޯޓުތަކަށް ބޭނުންވޭ. އެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރެވޭނެ ލައިޓްނިންގް ޑިޓެކްޝަން ސިސްޓަމް ހަރުކުރެވުނީމަ." ވަޒީރު ވިދާޅުވިއެވެ.

މީގެ އިތުރުން މެރިން އޮބްޒަވޭޝަން އަދި ފޯކާސްޓިން ހަރުދަނާ ކުރުމަށް ޗައިނާގެ ފަސްޓް އިންސްޓިޓުއުޓް އޮފް އޯޝަނޮގްރަފީއާއެކުވެސް މަސައްކަތް ކުރައްވަމުންދާ ކަމަށް ވަޒީރު ވިދާޅުވިއެވެ.

ރާއްޖޭގެ މޫސުން ލާފާ ކުރުމުގެ މަސައްކަތް ހަރުދަނާ ކުރުމަށް ސަރުކާރުން މަސައްކަތްތަކެއް ކުރައްވަމުން އަންނަކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ ހުޅުލޭގައި މިހާރުވެސް ޑޮޕްލާ ވެދާ ރޭޑަރ ސިސްޓަމް އެބަހުރިކަމަށެވެ. ނަމަވެސް ވޭތުވެދިޔަ 5 އަހަރު ތެރޭ މިސިސްޓަމަށް މައްސަލަތަކެއް ޖެހި މަރާމާތު ނުކުރުމުގެ ސަބަބުން ބޯޓު ފަހަރު ޖައްސާއިރު ބޭނުންވާ މޫސުމާ ގުޅޭ މައުލޫމާތު ނުލިބުމުން އުނދަގޫތަކާ ކުރިމަތިވަމުން އަންނަކަމަށް ވަޒީރު ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިސަރުކާރުން އެ ރާޑަރު ސިސްޓަމް މަރާމާތު ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށާއި، މިހާރު ކުރިއަށްދަނީ މަރާމާތު ކުރުމުގެ ފަހު މަރުހަލާ ކަމަށެވެ. އަދި މާލަސްތަކެއް ނުވެ އެ ރާޑަރު ސިސްޓަމްގެ ޚިދުމަތް ދޭން ފެށޭނެ ކަމަށް ތިމާވެށްޓާއި ހަކަތައާ ބެހޭ ވަޒީރު ޠާރިޤު އިބްރާހީމް ވިދާޅުވިއެވެ.