ޚަބަރު

ފުރާނައަށް ނުރައްކާވާ ޑްރަގެއް ބޭރުގެ ޤައުމުތަކުގައި؛ ރާއްޖެއިން ފިޔަވަޅު އަޅަނީ


  • "ފެންޓަނީލް-ލޭސްޑް ޑްރަގްސް" ބައިނަލްއަޤްވާމީ މާކެޓުތަކުގައި ދައުރުވޭ

  • މިއީ ފުރާނައަށް ނުރައްކާވާ ބާވަތުގެ މަސްތުވާއެއްޗެއް

  • އިދާރާތައް ގުޅިގެން ދަނީ ފިޔަވަޅުތަކެއް އެޅުމުގެ މަސައްކަތް ކުރަމުން

ފުރާނައަށް ނުރައްކާވާ ބާރުގަދަ މަސްތުވާއެއްޗެއް ބޭރު ޤައުމުތަކުގައި ދައުރުވާ މިންވަރު އިތުރުވެފައިވާތީ އެކަމަށް ރާއްޖެއިން ފިޔަވަޅު އަޅަން ފަށާފައިވާ ކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.

އެވުޒާރާއިން މިކަމާއި ގުޅިގެން ނެރުނު އާއްމު ސަލާމަތްތެރިކަމާ ގުޅޭ ސަމާލުގައި ވިދާޅުވީ، މަސްތުވާތަކެތީގެ ނުރައްކާތެރި ބާވަތެއްކަމަށްވާ "ފެންޓަނީލް-ލޭސްޑް ޑްރަގްސް" ބައިނަލްއަޤުވާމީ ބާޒާރުގައި އުފައްދާ އަދި ދައުރުވަމުންދާ މިންވަރު އިތުރުވެފައިވާ ކަމަށެވެ. އަދި މިއީ ބާރުގަދަ ކެމިކަލްތަކެއް އެކުލެވޭ މަސްތުވާ އެއްޗެއް ކަމަށް އެވުޒާރާއިން ވިދާޅުވެއެވެ.

މިކަން އާންމުންގެ ސަމާލުކަމަށް ގެނައުމަށް އެވުޒާރާއިން ކުރި އިއުލާނުގައި ވިދާޅުވީ، އާންމުކޮށް "ޗައިނާ ވައިޓް" ނަމަކަށް ކިޔާ މި މަސްތުވާއެއްޗަކީ، އޭގެ ސަބަބުން ފުރާނައަށް ނުރައްކާވާ ފަދަ ބާރުގަދަ މަސްތުވާ އެއްޗެއް ކަމަށެވެ. އެހެން ކަމުން ރައްޔިތުން މިކަމަށް ސަމާލުވުމަށް އެއިދާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ. އަދި ދާޚިލީ ވުޒާރާއާއި، ނޭޝަނަލް ޑްރަގް އެޖެންސީ އާއި ކަމާއި ގުޅުން ހުރި މުޢައްސަސާތައް ގުޅިގެން ފިޔަވަޅުތަކެއް އެޅުމަށް މަސައްކަތް ކުރަމުންދާ ކަމަށް ދާޚިލީ ވުޒާރާއިން ވިދާޅުވެއެވެ.

މިފަހަކަށް އައިސް ރާއްޖެއަށް މަސްތުވާ ތަކެތި އެތެރެކުރުމަށް މަސައްކަތް ކުރާ މިންވަރުވަނީ އިތުރުވެފައެވެ. އެގޮތުން ބޮޑެތި އަދަދުތަކުން އެތެރެކޮށްފައިވާ ނުވަތަ އެތެރެ ކުރަން މަސައްކަތް ކުރާ މަސްތުވާ ތަކެތި އަތުލައިގަނެފައިވާއިރު، ބައެއް ފަހަރު ފުރާނައަށް ނުރައްކާވާ ޒާތުގެ މަސްތުވާތަކެތިވެސް ދައުރުވާ ކަމަށް ކަމާއި ބެހޭ އިދާރާތަކުން ވިދާޅުވެއެވެ.

މަސްތުވާތަކެތި ބޭނުން ކުރުމުގެ ސަބަބުން އޯވާޑޯޒްވެ ބައެއް މީހުންގެ ފުރާނަވެސް ގޮސްފައިވެއެވެ.