އިސްރަށްވެހިންނަށް އަމާޒުކޮށް ދީނީ ޕްރޮގްރާމްތަކެއް ހިންގުމަށް އިސްރަށްވެހިންގެ ނާދީން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއާއި މަޝްވަރާކުރައްވައިފިއެވެ. އިސް ރަށްވެހިންގެ ނާދީގައި ކޮންމެ މަހަކު ދީނީ ޕްރޮގްރާމެއް ކުރިއަށްގެންދިއުމާއި ގުޅޭގޮތުން ދެ އިދާރާގެ މެދުގައި ވަނީ މަޝްވަރާކުރައްވާފައެވެ.
އިސްރަށްވެހިންގެ ނާދީއަކީ ޢުމުރުން 55 އަހަރުން މަތީ މީހުންގެ ނަފްސާނީ އަދި ޖިސްމާނީ ދުޅަހެޔޮކަން ތަރައްޤީކޮށް އެފަރާތްތަކަށް ހިތްހަމަޖެހިލައިގެން ވަގުތުކޮޅެއް ހޭދަކޮށްލުމަށް ފަރުމާކޮށް އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއިން ތައްޔާރުކުށްފައިވާ ތަނެކެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގައި ބޭއްވި މިބައްދަލުވުމުގައި ދެފަރާތުގެ އިސްވެރިން ބައިވެރިވެ ވަޑައިގެންނެވިއެވެ. މިމަޝްވަރާގައި މައިގަނޑުގޮތެއްގައި އަލިއަޅުވާލާފައިވަނީ ކުރިއަށް ގެންދާނެ ޕްރޮގްރާމްތަކާއި ކޮންޓެންޓާއި މަޤުޞަދުތަކާ ބެހޭގޮތުންނެވެ. މިގޮތުން އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން އިސްކަމެއްދެއްވައިގެން ކުރިއަށްގެންދާ "ރިސާލަތު" ޕްރާގްރާމާއި، ސުވާލާއި ޖަވާބު ސެޝަންތައް، ދީނީ ކުއިޒް މުބާރާތް، ޤުރްއާން މުބާރާތް ފަދަ ދީނީ ގިނަ ޙަރަކާތްތަކެއް ކުރިއަށް ގެންދިއުމަށް މަގުފަހިކޮށްދިނުމަށް މަސައްކަތްކުރާނެކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިންވަނީ ވިދާޅުވެފައެވެ.
މިހަރަކާތްތައް ކުރިއަށް ގެންދިއުމަށް އެއްބަސްވުމެއް އެކުލަވާލުމުގެ މަސައްކަތް ކުރުމަށްވަނީ ނިންމާފައެވެ. ނަމަވެސް އޭގެ ކުރިންވެސް ޕްރޮގްރާމްތަކެއް ކުރިއަށް ގެންދިއުމަށްވަނީ ރާވާފައެވެ.
އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާ އާއި "އިސްރަށްވެހިންގެ ނާދީ" ގުޅިގެން ކުރިއަށް ގެންދާ މި މަސައްކަތަކީ ރާއްޖޭގައި އުމުރުން ދުވަސްވީ މީހުންނަށް އެހީތެރިކަން ފޯރުކޮށްދޭ އަދި ރޫހާނީ ގޮތުން މުއްސަނދި މާހައުލެއް ގާއިމުކުރުމަށް އެޅި ވަރަށް ހަރުދަނާ ފިޔަވަޅެއްކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.
ސަރުކާރުން ކުރިއަށްގެންދާ މިފަދަ ޕްރޮގްރާމްތަކަކީ މުޖުތަމަޢުގެ އެއްވެސް ބަޔަކު ބާކީ ނުކޮށް، އިޖުތިމާޢީ ކަންކަމުގައި ހަމަހަމަ ފުރުޞަތު ޤާއިމުކޮށްދިނުމަށް ފަށާ މަސައްކަތެއްކަމަށް އިސްލާމީ ކަންތައްތަކާބެހޭ ވުޒާރާއިން ވިދާޅުވެއެވެ.