ޚަބަރު

ޢަބްދުއްރަޙީމާއި، ނާޒިމްގެ ރިޔާސަތުގައި މަޖިލީހުގެ އައު ދައުރު ކާމިޔާބު ދައުރަކަށްވާނެ: ނައިބު ރައީސް


  • މެންބަރުން ހުވާކުރެއްވުން މިމަހުގެ 28ގައި

  • އެ ޖަލްސާގައި މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބުކުރާނެ

  • މަޤާމުތަކަށް މެންބަރުން އިންތިޚާބުކުރާނީ ނަގާ ސިއްރު ވޯޓަކުން

މިމަހުގެ 28 ވަނަ ދުވަހު ހުވާކުރާ މަޖިލީހުގެ އާ ދައުރަކީ، ދިވެހީންނަށް ނަފާވެރި، ކާމިޔާބު ދައުރަކަށް ވެގެންދާނެ ކަމާއިމެދު ޝައްކެއް ނުކުރައްވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު އަލްއުސްތާޛް ޙުސައިން މުޙައްމަދު ލަޠީފް ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސަކަށް ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ އަދި ނައިބު ރައީސަކަށް ދިއްގަރު ދާއިރާގެ މެންބަރު އަޙްމަދު ނާޒިމް އިންތިޚާބުކުރުމަށް ޕީއެންސީގެ އިންތިޚާބީ މެންބަރުން އެއްބަސްވެވަޑައިގަތުމާއި ގުޅިގެންނެވެ.

20 ވަނަ ރައްޔިތުންގެ މަޖިލީހަށް އިންތިޚާބުވެވަޑައިގެންނެވި ޕީއެންސީގެ އިންތިޚާބީ މެންބަރުންނާއި އެޕާޓިގެ ރައީސް އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ވަނީ މުލިއާގޭގައި ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޕީއެންސީގެ ރައީސްގެ ހައިސިއްޔަތުން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މަޖިލީހުގެ މަގާމުތަކަށް ކަނޑައެޅުއްވުމަށް ބޭނުންފުޅުވާ ނަންފުޅުތައް ހުށަހަޅުއްވާފައެވެ. އެގޮތުން، މަޖިލީހުގެ ރައީސްކަމަށް ފޮނަދޫ ދާއިރާގެ އިންތިޚާބީ މެންބަރު އަބްދުއްރަހީމް އަބްދުﷲ އިންތިޚާބު ކުރެއްވުމަށާއި، ނައިބު ރައީސަކަށް ދިއްގަރު ދާއިރާގެ އިންތިޚާބީ މެންބަރު އަޙްމަދު ނާޒިމް އިންތިޚާބު ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ހުށައެޅުއްވިއެވެ. އަދި މި ނަންފުޅުތައް ޕީއެންސީގެ ޕީޖީގައި ހިމެނިވަޑައިގަންނަވާ މެންބަރުންގެ އިއްތިފާގުން ވަނީ ފާސްކޮށްފައެވެ.

މިދިޔަ މަހުގެ 21 ވަނަ ދުވަހު ބޭއްވި މަޖިލިސް އިންތިޚާބު ކާމިޔާބު ކުރެއްވި މެންބަރުން ހުވާކުރެއްވުން އަންނަ ހަފުތާގެ އަންގާރަ ދުވަހަށް ވަނީ ތަޢާވަލުކޮށްފައެވެ. އެ އިންތިޚާބުގައި މަޖިލީހުގެ ސުޕަރ މެޖޯރިޓީ، ސަރުކާރު ހިއްސާވާ މައި ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސުން ވަނީ ނަގާފައެވެ.

އައު މަޖިލިސް ހުވާ ކުރެއްވުމަށްފަހު މަޖިލީހުގެ ރައީސާއި ނައިބު ރައީސް އަދި އެހެނިހެން މަގާމުތަކަށް މެންބަރުން އައްޔަން ކުރާނެއެވެ. މަޖިލީހުގެ ރައީސާއި ނައިބު ރައީސް އިންތިޚާބު ކުރާނީ މެންބަރުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.

ޕީއެންސީގެ ޓިކެޓުގައި 20 ވަނަ މަޖިލީހަށް ވާދަކޮށް 66 ކެންޑިޑޭޓުން ވަނީ އިންތިޚާބު ކާމިޔާބު ކުރައްވާފައެވެ. އަދި އަމިއްލަ ގޮތުން ވާދަކުރެއްވި ހަތް މެންބަރަކު ވެސް މިހާރު އެ ޕާޓީއާ ގުޅިވަޑައިގަތުމާއެކު މިހާރު މަޖިލީހުގައި ކޮންގްރެސް ޕާޓީ ތަމްސީލުކުރައްވާ މެންބަރުންގެ އަދަދު ވަނީ 74އަށް އަރާފައެވެ.