ޚަބަރު

އެޗްޑީސީގެ ޗެއަރމަންގެ މަގާމުން އަހުމަދު ޒުހޫރު ވަކިކޮށްފި


  • ޒުހޫރު މަގާމުން ވަކިކޮށްފައިވަނީ މިއަދު

  • ޕީސީބީން ވަނީ އެހެން ބައެއް އެސްއޯއީތަކުގެ ވެރިން ވެސް މަގާމުން ވަކިކޮށްފައި

ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީގެ ޗެއަރމަންގެ މަގާމުގައި ހުންނެވި އަހުމަދު ޒުހޫރު އެ މަގާމުން ވަކިކޮށްފިއެވެ.

ޒުހޫރު އެޗްޑީސީގެ ޗެއަރމަންގެ މަގާމުންނާއި އެ ކުންފުނީގެ ބޯޑު ޑިރެކްޓަރުކަމުން މިއަދުން ފެށިގެން ވަކި ކޮށްފައިވާ ކަމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން ވަނީ ބުނެފައެވެ.

ޒުހޫރަކީ މީގެ ކުރިން ކޮމިޝަނަރ ޖެނެރަލް އޮފް ކަސްޓަމަސްގެ މަގާމާއި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމު އަދި ވަޒީރުކަން ވެސް ކުރައްވާފައިވާ ބޭފުޅެކެވެ. އޭނާ އެޗްޑީސީގެ ޗެއަރމަންކަމުން ވަކި ކުރި ސަބަބެއް ޕީސީބީން ހާމައެއް ނުކުރެއެވެ.

އެޗްޑީސީގެ ޗެއަރމަންގެ މަގާމުން ޒުހޫރު ވަކިކޮށްފައިވާއިރު އެމްއެމްޕީއާރުސީގެ މެނޭޖިންގ ޑިރެކްޓުގެ މަގާމުގައި ހުންނެވި ފާތިމަތު ތައުފީގު އާއި މިފްކޯގެ ސީއީއޯގެ މަގާމުގައި ހުންނެވި އަހުމަދު ސަމާހުވެސް ވަނީ މަގާމުން ވަކިކޮށްފައެވެ.