ޚަބަރު

އީރާނުގެ ރައީސް ފަސްދާނުލުމުގެ ރަސްމިއްޔާތުގައި ބައިވެރިވުމަށް ރައީސްގެ މަންދޫބު ފުރާވަޑައިގެންފި


  • ވަޒީރު ވަޑައިގަތީ ރައީސް މުއިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން

  • ރައީސް މުއިއްޒު ވަނީ އިންތިޤާލީ ރައީސްއަށް ތަޢުޒިޔާގެ މެސެޖެއްވެސް ފޮނުވާފައި

އީރާންގެ ރައީސް ޑޮކްޓަރ ސައްޔިދު އިބްރާހީމް ރައީސީއާއި ޚާރިޖީ ވަޒީރު ޙުސައިން އާމިރު-ޢަބްދުއްލަހިޔާނަށް އެންމެ ފަހުގެ އިޙްތިރާމް އަދާކުރެއްވުމަށާ، އެ ދެ ބޭފުޅުން ފަސްދާނުލުމުގެ ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގަތުމަށާ، އަދި އީރާނުގެ ސަރުކާރާއި ރައްޔިތުންނަށް ތަޢުޒިޔާ ދެންނެވުމަށް، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒުގެ ޚާއްޞަ މަންދޫބެއްގެ ހައިސިއްޔަތުން، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި އާންމު މަސައްކަތްތަކާއި ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު، އީރާނަށް ފުރާވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވަނީ، އީރާނުގެ ރައީސް އާއި ޚާރިޖީ ވަޒީރު އަވަހާރަވި ހިތާމަވެރި ޚަބަރާ ގުޅިގެން އީރާނުގެ އިންތިޤާލީ ރައީސް މުޙައްމަދު މުޚްބަރުއަށް ތަޢުޒިޔާގެ މެސެޖެއްވެސް ފޮނުއްވައިފައެވެ. އަދި އީރާނަށް ކުރިމަތިވެފައިވާ ޤައުމީ ހިތާމައިގެ މި ދަނޑިވަޅު އެ ޤައުމުގެ ސަރުކާރާ ރައްޔިތުންނާއެކު ދިވެހި ސަރުކާރާ ރައްޔިތުން ތިބިކަން ހާމަކުރައްވައިފައިވެއެވެ.

އީރާނުގެ ރައީސް އަވަހާރަވުމުގެ ހިތާމައިގާ ރަސްމީގޮތުން ހިތާމަ ފާޅުކުރެއްވުމުގެ ގޮތުން، އަންގާރަ ދުވަހުން ފެށިގެން 3 ދުވަސް ވަންދެން ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވައިފައެވެ.