ސިޔާސީ

އެމްޑީޕީގެ ޕީޖީ ގްރޫޕްގެ އިންތިޚާބު މިމަހު 28 ގައި ބާއްވަނީ


  • އިންތިޚާބުގައި ވާދަކުރުމުގެ ފުރުޞަތު މިމަހު 27 އާއި ހަމައަށް

  • 8 މަޤާމަކަށް މީހުން އިންތިޚާބު ކުރާނެ

އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުގެ މަޤާމުތަކަށް މެމްބަރުން އިންތިޚާބުކުރުން މިމަހު 28 ވަނަ ދުވަހު ބާއްވާގޮތަށް އެ ޕާޓީން ނިންމައިފިއެވެ.

މިމަހުގެ 28 ވަނަ ދުވަހު އެމްޑީޕީގެ ޕީޖީ ގްރޫޕްގެ އިންތިޚާބު ބޭއްވުމަށް ނިންމާފައިވާއިރު، އެ ދުވަހަކީ 20 ވަނަ ރައްޔިތުން މަޖުލީހުގެ މެންބަރުން މަޤާމު ހުވާ ކުރެއްވުމަށް ހަމަޖެހިފައިވާ ދުވަސްވެސްމެއެވެ.

އެމްޑީޕީން ބުނީ އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ އިންތިޚާބު 28 މޭ 2024 ވާ އަންގާރަ ދުވަހު އޮންނާނެކަމަށެވެ. އަދި އިންތިޚާބުގައި ޕާލިމެންޓަރީ ގްރޫޕްގެ ލީޑަރާއި، 2 ނައިބު ލީޑަރުންނާއި، ސެކްރެޓަރީ ޖެނެރަލާއި، ސެކްރެޓަރީ ޖެނެރަލްގެ ނާއިބު، ޗީފް ވިޕް އަދި ވިޕްގެ މަޤާމަށް ދެ ބޭފުޅުން އިންތިހާބުކުރުން އޮންނާނެކަމަށް އެމްޑީޕީން ބުނެއެވެ.

އެމްޑީޕީން ވަނީ މި މަޤާމްތަކަށް ވާދަކުރަން ބޭނުންވާ އެ ޕާޓީގެ ޕާލިމެންޓަރީ ގްރޫޕްގެ މެންބަރުން މޭ 27 ވާ ހޯމަ ދުވަހުގެ 14:00 ގެ ކުރިން އީމެއިލް މެދުވެރިކޮށް އެންގެވުމަށް ބުނެފައެވެ.

މިމަހުގެ 28 ވަނަ ދުވަހު ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ހުވާކުރެއްވުމަށް ހަމަޖެހިފައިވާއިރު، 93 މެމްބަރުން ހިމެނޭ މަޖިލީހަށް އެމްޑީޕީގެ ފަރާތުން އިންތިޚާބުވެފައިވަނީ 12 މެމްބަރުންނެވެ.