ޚަބަރު

ރާއްޖެ އިޝްތިހާރުކުރުމަށް އެމްއެމްޕީއާރުސީން ޖަޕާނުގެ ނޫސްވެރިން ގެނެސްފި


  • މި ނޫސްވެރިން ރާއްޖޭގައި ތިބޭނީ މިމަހުގެ 17 އިން 24 އަށް

  • އޭޕްރީލްގެ ނިޔަލަށް ޖަޕާނުން 9333 ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައި

ރާއްޖެ އިޝްތިހާރުކުރުމަށް މޯލްޑިވްސް މާކެޓިންގ އެންޑް ޕަބްލިކް ރިލޭޝަންސް ކޯޕަރޭޝަން، އެމްއެމްޕީއާރުަސީން ޖަޕާނުގެ ނޫސްވެރިންގެ ޓީމެއް ރާއްޖެ ގެނެސްފިއެވެ.

މި ނޫސްވެރިންގެ ޓީމު ރާއްޖޭގައި ތިބުމަށް ހަމަޖެހިފައިވަނީ މިމަހުގެ 17 އިން 24 އަށެވެ.

އެމްއެމްޕީއާރުސީން ބުނީ މި ފެމިލިއަރައިޒޭޝަން ދަތުރުގައި ޖަޕާނުގެ ވޯގް ޖަޕާން އޮންލައިން، ސީއާރްއީއޭ ވެބް، ނިއުމެރޯ ޓޯކްޔޯ.ޖޭޕީ އަދި، މައިނާވި ވުމެންގެ ނޫސްވެރިން ހިމެނޭކަމަށެވެ. އެމްއެމްޕީއާރުސީން ބުނީ އެ ކުންފުނިން ބޭނުންވަނީ ރާއްޖޭގެ ފަތުރުވެރިކަން ވީހާވެސް ބޮޑަށް ނޫސްތަކާއި މީސްމީޑިއާގައި ޕްރޮމޯޓްކޮށް، ރާއްޖެ އަކީ ފަތުރުވެރިންނަށް އަމާން މަންޒިލެއްކަން ދައްކުވައިދީ އަދި ޖަޕާނުގެ މާކެޓުގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ބްރޭންޑަށް ހޭލުންތެރިކަން އިތުރުކުރުމަށެވެ. މީގެ އިތުރުން ފަތުރުވެރިކަމަށް ލޯބިކުރާ ފަރާތްތަކަށް ރާއްޖޭގެ ފަތުރުވެރިކަމުގެ އިތުރު މައުލޫމާތާއި، ފަތުރުވެރިކަމުން ލިބޭ ގިނަގުނަ ހިދުމަތްތައް މި ނޫސްވެރިންގެ ފަރާތުން އެނގިގެންދާނެކަމަށްވެސް އެމްއެމްޕީއާރުސީން ވަނީ ބުނެފައެވެ.

މި ނޫސްވެރިން ރާއްޖެ ގެނައުމުގެ މައިގަނޑު މަގްސަދަކީ ރާއްޖޭގެ ފަތުރުވެރިކަން ފުޅާވެފައިވާ މިންވަރު ޖަޕާނުގެ މާކެޓުގައި ދައްކުވައި، ރާއްޖެއަށް އަންނަ ޖަޕާނުގެ ފަތުރުވެރިން އިތުރުކުރުމެވެ. އެގޮތުން މި ފެމިލިއަރައިޒޭޝަން ޓްރިޕްގައި ދަޢުވަތު ދިނުމުގައި މަޝްހޫރު، ޒުވާން އަދި ރާއްޖޭގެ ފަތުރުވެރިކަމުގެ ކޮލިޓީ ދައްކުވައިދޭވޭނެ ފަދަ ނޫސްވެރިންނަށް ވަނީ އަމާޒުކޮށްފަ އެވެ. މި ދަތުރުގެ މަގްސަދަކީ ހަމަ އެކަނި ހޮޓެލް އިންޑަސްޓްރީ އާއި ގެސްޓް ހައުސް ވިޔަފާރި އިޝްތިހާރު ކުރުން ނޫންކަމަށާއި، ހާއްސަކޮށް ފަތުރުވެރިންނަށް ރާއްޖޭގައި ކުރެވޭނެ ތަފާތު ތަޖުރިބާތައް ދައްކުވައިދިނުން ކަމަށްވެސް އެމްއެމްޕީއާރުސީ އިން ވިދާޅުވިއެވެ.

އެމްއެމްޕީއާރުސީގެ މަގްސަދަކީ އެހެން އަހަރު ތަކެކޭ އެއްފަދައިން ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ކުރީގައިވާ ގައުމުތަކުގެ ތެރޭގައި ރާއްޖެ ދެމެހެއްޓުމެވެ. އެގޮތުން މިއަހަރު ކުރީކޮޅު ޖަޕާނުގައި ބޭއްވި މެރިން ޑައިވިން އެވޯޑް 2023 ގައި ރާއްޖެއަށް ވަނީ "ބެސްޓް އޭރިއާ އޯވަސީސް ޑިވިޝަން" އިން ތިންވަނަ އަދި "ބެސްޓް އޯވަސީސް ޑެސްޓިނޭޝަން އައި ވޯންޓް ޓު ވިޒިޓް ފޯރ ދަ ފަރސްޓް ޓައިމް" ކެޓެގަރީ އިން ދެވަނަ ލިބިފައެވެ. މިއީ ދުނިޔޭގެ ޑައިވަރުން ވޯޓުދީގެން ރާއްޖެއަށް ލިބުނު ކާމިޔާބީއެއްގެ ގޮތުގައި ވަނީ ބުނެފައެވެ.

މިއަހަރުގެ އޭޕްރީލްގެ ނިޔަލަށް ޖަޕާނުން 9,333 ފަތުރުވެރިން ވަނީ ރާއްޖެއަށް ދަތުރުކޮށްފައެވެ. މިއީ ރާއްޖެއަށް އަންނަ ފަތުރުވެރިންގެ 1.5 އިންސައްތައެވެ. އެގޮތުން ޖަޕާނަކީ 13 ވަނައަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރަތް ކުރާ ގައުމެވެ.