ޚަބަރު

މަސްވެރިކަމުގެ ސިނާޢަތުގެ އެންމެ ބޮޑު ފެއަރގައި މިއަހަރުވެސް ރާއްޖެ


  • އިންފޯ ފިޝް ވޯލްޑް ޓޫނާ ކޮންފަރެންސް އޮންނަނީ ތައިލޭންޑްގައި

  • ރާއްޖޭގެ މަސްވެރިކަމުގެ ސިނާޢަތުގެ މަޢުލޫމާތު ޙިއްސާކުރާނެ

  • ރާއްޖޭގެ ޕްރޮޑަކްޓްތައް މާކެޓް ކުރުންވެސް އޮންނާނެ

ދުނިޔޭގެ ކަނޑުމަހުގެ އިންޑަސްޓްރީގައި ބާއްވާ އެންމެ ބޮޑު ކޮންފަރެންސް "އިންފޯ ފިޝް ވޯލްޑް ޓޫނާ ކޮންފަރެންސް"ގައި ރާއްޖެއިން މިއަހަރުވެސް ބައިވެރިވެއްޖެއެވެ.

18 ވަނަ އިންފޯ ފިޝް ވޯލްޑް ޓޫނާ ކޮންފަރެންސް އެންޑް އެގްޒިބިޝަން އޮންނާނީ، މިމަހުގެ 20 - 23 އަށް ތައިލެންޑްގެ ޝަންގްރިއްލާ ހޮޓަލުގައެވެ. މިފަހަރުގެ ފެއަރގައި މިފްކޯގެ ސީއީއޯ އަޙުމަދު ޝަމާހު ރަޝީދުގެ އިތުރުން ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގަންނަވާނެއެވެ. މި ކޮންފަރެންސްގައި މިފްކޯގެ ސީއީއޯގެ ފަރާތުން ރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތާގުޅޭ ޚާއްސަ ޕްރެޒެންޓޭޝަނެއްވެސް ހުށައަޅާނެއެވެ.

މި ކޮންފަރެންސްގައި ދިވެހިރާއްޖޭގެ މަސްވެރިކަމުގެ ސިނާއަތުގެ އިންޑަސްޓްރިއަލް ޕްރޮޑަކްޝަންގައި ހުރި ގޮންޖެހުންތައް ހިއްސާކުރާނެއެވެ. އަދި ދެމެހެއްޓެނިވި ގޮތެއްގައި މަސްވެރިކަން ކުރުމުގެ މުހިންމުކަމާއި މި ސިނާއަތް ކުރިއަރުވާނެ ގޮތްތައް ބައިނަލްއަގްވާމީ ފަރާތްތަކާ ހިއްސާކުރާނެއެވެ.

ކޮންފަރެންސާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިފްކޯގެ ސީއީއޯ ޝަމާހު ވިދާޅުވީ، މިކޮންފަރެންސްގެ އެންމެ ބޮޑު ބޭނުމަކީ މިފްކޯގެ ކެޕޭސިޓީ އިތުރުކުރާނެ އައު ގޮތްތައް ހޯދުމާއި، މަސްވެރިންނަށް ދެވޭ ޚިދުމަތްތައް މިހާރަށް ވުރެން ހަރުދަނާ ކުރުމަށް ކުރެވެން ހުރި މަސައްކަތްތައް ބެލުންކަމަށެވެ.

"މިފްކޯގެ މަސައްކަތްތައް ހަރުދަނާ ކުރެވޭނީ މަސްވެރިންނާއެކު ގާތުން މަސައްކަތް ކޮށްގެން. އަޅުގަނޑުމެންގެ އަމާޒަކީ މަސްވެރިން ބާނާ މަހުން ލިބޭ އާމްދަނީ އިތުރުކޮށް މަސްވެރިންނަށް ދިމާވެފައިވާ ތަކުލީފުތައް ނިމުމަކަށް ގެނައުން." ޝަމާހު ވިދާޅުވިއެވެ.

މިފްކޯއިން އުފައްދާ މަހުގެ ބާވަތްތައް ބައިނަލްއަގްވާމީ މާކެޓަށް އިޝްތިހާރު ކުރުމާއި، އުފެއްދުންތަކަށް އައު ކަސްޓަމަރުން ހޯދުމަށް މި ފެއަރގައި މުހިންމު މަސައްކަތްތަކެއް ކުރާނެކަމަށް ޝަމާހު ފާހަގަކުރެއްވިއެވެ.

އިންފޯ ފިޝް ޓޫނާ ކޮންފަރެންސަކީ ދުނިޔޭގެ ކަނޑުމަހުގެ އިންޑަސްޓްރީގައި، މަހުގެ ބާވަތްތައް ޕްރޮސެސްކޮށް، މާކެޓްކޮށް ވިއްކާ ވިޔަފާރިކުރާ ކުންފުނިތަކާއި ޖަމްޢިއްޔާ ޖަމާޢަތްތަކުގެ މެދުގައި ބާއްވާ އެންމެ ބޮޑު ކޮންފަރެންސެވެ.